އީރާނުގެ ސްކޫލްކުދިންނަށް ވިހަލުމުގައި އިނގިރޭސި ސަފީރަށް ތުޙުމަތު  

Loading

Facebook
Twitter
WhatsApp

މިފަހަކަށް އައިސް އީރާނުގެ ސްކޫލްތަކެއްގައި އަންހެން ކުދިންތަކެއް ވިހަވަމުންދިއުމުގެ މައްސަލާގައި އެގައުމުގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ސައިމަން އަށް ތުޙުމަތު ކުރެވޭ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ އިންގިލާބީ ގާޑުން ހިންގާ ނިއުސް ވެބްސައިޓެއްގައި ހާމަކޮށްފިއެވެ. 

ފާއިތުވެގެންދާ ދެތިން މަސްދުވަހުގެ ތެރޭގައި އީރާނުގެ އެތައް ސްކޫލެއްގައި އަންހެން ކުދިންނަށް ނޭވާ ލުން އުދަނގޫ ވުމާއި ވަރުބަލިވުމާއި އަދި ވަރަށްބޮޑަށް ގައިގާ ކެހުމުގެ ސިއްޙީ މައްސަލަތަކެއް ދަނީ ކުރިމަތި ވަމުންނެވެ. ބޭސްފަރުވާއިން އެކުދިންނަށް އަވަސް ޝިފާއެއް ލިބެމުންދިޔަނަމަވެސް މި މައްސަލަ ދަނީ އިތުރުވަމުންނެވެ. މިކަމުގައި ބޭރު ގައުމެއްގެ އަތެއް ވާނެ ކަމަށް އީރާނު ސަރުކާރުން ތުޙުމަތު ކުރެއެވެ.                                                   

މިދިޔަ ހޮނިހިރު ދުވަހު މަޝްރިގް ނިއުސް އައުޓްލެޓުން ޚަބަރު ދީފައިވާ ގޮތުގައި ސްކޫލް ކުދިންނަށް ވިހަދިނުމުގައި އީރާނުގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރުގެ ސީދާ ބައިވެރިވުން އެބައޮތްކަމަށް ބުނެފައިވެއެވެ. އަދި އެއީ އިނގިރޭސިވިލާތުގެ ޚާރިޖީ ސިޔާސަތުގައި ހިމެނޭ ގައުމުތަކުގެ ސްކޫލް ކުދިން ބޭނުންކޮށްގެން ތަފާތު ޓެރަރިޒަމްގެ ޙަރަކާތްތައް ހިންގާ ޗާރޗިލް ކްލަބުގެ އިންސްރަކްޝަންގެ ދަށުން ހިންގާކަމެއް ކަމުގައިވެސް ހާމަ ކޮށްފައި ވެއެވެ. 

އެހެންނަމަވެސް އެކަމުގެ ހެކި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އީރާނުގެ އިންގިލާބީ ސިފައިންގެ ކޮމާންޑަރ ހުސޭން ސަލާމީ ވިދާޅުވީ ސްކޫލް ކުދިންނަށް ވިހަލުހުމުގައި ބޭރުގެ ފަރާތްތަކެއްގެ ޝާމިލުވުން ނެތި ނުދާނޭކަން އެނގޭ ކަމަށެވެ.                                                            

ޗާރޗިލް ކްލަބަކީ ދެވަނަ ބޮޑު ހަނގުރާމައިގެތެރޭގައި ޖަރުމަނުގެ ބާރުގެ ދަށަށް ޑެންމާރކް ދިއުމުން އެކަމަށް އިހްތިޖާޖް ކުރުމުގެ މަގްސަދުގައި ޑެންމާރްކުގެ ސްކޫލް ކުދިންތަކެއް އުފެއްދި ޙަރަކާތެކެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އީރާނުގެ އެކްޓިވިސްޓުން ތަކެއް އޮންލައިންކޮށް ޚިޔާލު ފާޅުކޮށްފައިވަނީ ސެކާރީ ކްލަބުގެ ނަމުގައި ޙަރަކާތެއް އުފަންކުރުވުމަށެވެ. އެ ނަން ނިސްބަތް ކުރެވެނީ ހިޖާބުގެ މައްސަލާގައި ހިނގަމުންދާ ކުރިމަތިލުންތަކާއި ގުޅިގެން އެންމެފުރަތަމަ މަރާލެވުނު މުޙުސިން ސެކާރީ އަށެވެ.

މަޝްރިގް ނިއުސް އިން އިތުރަށް ބުނެފައިވަނީ ސްކޫލްތަކުގެ ސަރަޙައްދުގައި ހިންގަމުން ގެންދާ ޙަރަކާތްތަކަށް ފާރަލާއިރު މިއީ މިހާރު މައިތިރި ވަމުންދާ ހިޖާބުގެ މައްސަލައާއި ގުޅުންހުރި ކުރިމަތިލުން ތަކުގައި އިތުރަށް ހުޅުރޯކުރަން ދުޝްމިނުން ކުރަމުން ގެންދާ ކަމެއްކަން އެނގޭކަމަށެވެ. އީރާނުގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ސައިމަން ޝަރކްލިފް ގެ ކޮމެންޓަކަށް މީޑިއާތަކުންދަންނަވާފައިވާކަން އެނގެއެވެ.

މީގެކުރިން ހިޖާބުނާޅާ މަގުމަތީގައި އުޅުމުގެ މައްސަލާގައި ހައްޔަރުކުރި މަޙުސާ އަމީނީ ފުލުހުންގެ ބެލެމުގެ ދަށުގައި ހުއްޓާ މަރުވުމާގުޅިގެން އުފެދުނު ހަމަނުޖެހުންތަކަށް ހަމަޖެހުމެއް ނުގެނެވި އުޅެނިކޮށް ސްކޫލް ކުދިންތަކެއް ވިހަވަމުން ދިއުމުން ސަރުކާރާއި ދޭތެރޭ ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ.        

ސްކޫލް ކުދިންނަށް ވިހަލުމުގެ މައްސަލާގައި ހައްޔަރުކުރެވޭ މީހަކަށް އެއްވެސް ލުޔެއް ނުލިބޭނެކަން އީރާނުގެ ދީނީ އިމާމް އާޔަތުﷲ އަލީ ޚާމަނާއި މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނިކޮށް އެގައުމުގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެކަމުގައި ބައިވިރިވި މީކަހުގެ ކުށް ސާބިތު ވެއްޖެނަމަ މަރުގެ އަދަބު ނޫން އެހެން ހުކުމެއް ނުކުރެވޭނެ ކަމަށެވެ.

ޚާމަނާއި އިތުރަށް ވިދާޅުވީ ސްކޫލް ކުދިންނަށް ވިހަލުމުގައި އިސްލާމްދީނާ ދެކޮޅު ފަރާތްތަކުގެ ބައިވެރިވުންވެސް އޮވެދާނެކަމަށް ގަބޫލުފުޅޫ ކުރެއްވޭ ކަމަށެވެ.                                                            

އީރާނުގެ ދާޚިލީ ވަޒީރުގެ ނައިބު މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ސްކޫލެއްގެ ތިން ދަރިވަރަކު ތެހެރާނުގެ ސްކޫލެއްގެ ތެރެއަށް ވިހަ އެކުލެވޭ ކެނިސްޓަރުތަކެއް އުކުމުގެ ތުޙުމަތުގައި ހައްޔަރު ކުރުމަށްފަހު އެމީހުންކުރި ކަންތައް ކިޔާދީ މަޢާފަށް އެދުމުން ދޫކޮށްލެވިފައިވާ ކަމަށެވެ. 

އެހެންނަމަވެސް ސަރުކާރާއި ދެކޮޅުފަރާތް ތަކުން ބުނަމުން ގެންދަނީ މިއީ އަންހެނުންގެ ޙައްގުތަކާއި މިނިވަންކަމަށް ވަކާލާތުކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރާ ކަމެއް ކަމުގައެވެ.      

Loading

Leave a Reply

ފަހުގެ އަޕްޑޭޓް