ހުޅުމާލޭގައި 690 ހައުންސިންގ ޔުނިޓް އެޅުމުގެ މަސައްކަތާ ގުޅިގެން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007 ވަނަ އަހަރު ދީފައިވާ 550,000 އެމެރިކާ ޑޮލަރު ހޯދަން އަންގައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ އެމްޓީސީސީގެ %99.99 ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއާރުއީއައިސީ) އިން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007 ވަނަ އަހަރު ދީފައިވާ 550,000 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީއަށާއި އެމްއާރުއީއައިސީއަށް އަންގާފައިވާ ކަމަށެވެ.
އޭސީސީން މިގޮތަށް އަންގާފައިވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައިއެފްސީއޭ) ކިޔާ އޮސްޓްރޭލިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެދޮރު ބިނާކޮށް ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އަނބުރާ ދޭގޮތަށް 550,000 ޑޮލަރު އެ ކުންފުންޏަށް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށްފަހުގައެވެ.
އޭސީސީން ބުނީ އައިއެފްސީއޭއަށް ދީފައިވާ ފައިސާއަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައިއެފްސީއޭއިން ހޯދުމަށްފަހު އެމްއާރުއީއައިސީއަށް އަނބުރާ ހަވާލުކުރަންޖެހޭ ފައިސާކަމާއި އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމްޓީސީސީން އެމްއާރުއީއައިސީއަށް ދީފައިވާ ފައިސާކަން އެނގޭއިރު އައިއެފްސީއޭއިން މިއަދާ ހަމައަށް ވެސް އެ ފައިސާ އަނބުރާ އެމްއާރުއީއައިސީއަށް ދީފައިނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާތީ އެފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީއަށާއި އެމްއާރުއީއައިސީއަށް އަންގާފައިވާ ކަަމަށެވެ.
![]()
