ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދީފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި އާންމު ރައްޔިތަކު ވަނީ ރެޑްވޭވަށް ވިލިމާލެއިން ބިމެއް ދީފައިވޭތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރެޑްވޭވަށް ބިން ދިނީ ކޮމާޝަލް ޑިވެލޮޕްމަންޓް މަޝްރޫއުއެއް ހިންގަން ހުޅުވައިލެވުނު ފުރުސަތުގެތެރެއިން ކަމަށާއި އެއީ އާންމުކޮށް އިއުލާނު ކުރެވިގެން ހުޅުވައިލި ފުރުސަތެއް ކަމަށެވެ.
ނަމަވެސް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީ ވިދާޅުވީ ރެޑްވޭވަށް ބިން ދިނުމުގެ މައްސަލައަކީ ކައުންސިލުގެ ރަސްމީ ޖަލްސާއަށް އައިސްފައިވާ ކަމެއް ނޫން ކަމަށާއި ރެޑްވޭވަށް ބިން ދިނީ އޭނާއަށް ނޭނގި އަދި އޭނާގެ ބައިވެރިވުމެއް ވެސް އޮވެގެން ނޫން ކަމަށެވެ.
ނަހުލާގެ ވާހަކަތައް ދޮގުކޮށް މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރެޑްވޭވަށް ބިން ދޫކުރުމަށް އެއްބަސްވުން ހަދާފައިވަނީ އެފަދަ ކަންކަން ކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
އެ ގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާވެސް ގާތުން ވިޔަފާރީގެ ޚިދުމަތް ލިބިދިނުމަށް ބޭނުންވެ ވިލިމާލޭގައި ކޮމާޝަލް ބިލްޑިންގއެއް އެޅުމަށް ބޭނުންވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދުމަށް 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު މި ކައުންސިލުން އިއުލާނު ކުރިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
“މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅާފައިވަނީ މި ކައުންސިލުގެ ބިޑު ކޮމެޓީއިން.“
އަދި މި ކޮމާޝަލް ބިންލިޑިންގ އެޅުމަށާއި ވިލިމާލޭގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 09 ފެބުރުއަރީ 2022 ގައި ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 39 ވަނަ ރަސްމީ އާންމު ބައްދަލުވުމާއި, 23 ފެބުރުއަރީ 2022 ގައި ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 41 ވަނަ ރަސްމީ އާންމު ބައްދަލުވުމާއި, 23 މާޗް 2022 ގައި ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 45 ވަނަ ރަސްމީ އާންމު ބައްދަލުވުމާއި, 13 އޭޕްރީލް 2022 ގައި ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 48 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ބަހުސްކޮށްގެން ކަމަށެވެ.
އަދި މި ތަންތަނަށް ވިލިމާލެއިން ކަނޑައަޅާފައިވާ ބިންތައް ވެސް ފާސްކޮށް މި ކަންކަން ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކަމަށާއި މި ހުރިހާ ބައްދަލުވުން ތަކުގައި ވެސް ވިލިމާލޭގެ ކައުންސިލަރު ހާޟިރުވެ ބަހުސްގައި ބައިވެރިވެ މިކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި މި ބައްދަލުވުންތަކުގެ ހާޟިރީގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ސޮއިކުރައްވާފައިވާ ކަމަށާއި އެހެންކަމުން މި ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދެފުށް ފެންނަ ގޮތަށް ކައުންސިލަށާއި ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
![]()

One Response
އެއީ ރެޑްވޭވަށް ދިން ބިމެއް ނޫނެވެ. ވިއްކި ބިމެކެވެ. ކުރީ ދައުރުގައި ހުޅުމާލެއިންވެސް އެގޮތަށް ބިންތަކެއް ރެޑްވޭވް ގަތެވެ. ފައިސާ ވީތަނެއް ހޯދާށެވެ. މާލެ ކައުންސިލްގައި ތިޔަތިބީ ޕީޕީއެމުގެ މުލު ގްރޫޕެވެ. .