ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓޮން (35އ) މަރައިލިކަމުގެ ތުހުމަތުގައި, ގދ.ތިނަދޫ/މަނާރު, މުޙައްމަދު ނިޒާމް (45 އ) ގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 28 ޑިސެންބަރު 2022 ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ ”ހެދޭކުރި“ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ލިޓޮންއާއި ނިޒާމް ”ހެދޭކުރި“ ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު އޭގެ ފަހުން ލިޓޮންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ނިޒާމުގެ މައްޗަށް ދައުވާ ކުރުމަށް 02 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ނިޒާމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
ދިވެހިރާއްޖޭގެ ގަނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ގަސްދުގައި މީހަކުމެރުމުގެ ކުށުގެ ދައުވާ. އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން / ގިސާސްއާއި ދިޔަ
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ވައްކަންކުރުމުގެ ކުށުގެ ދައުވާ. އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ. އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 ރުފިޔާއިން ފެށިގެން 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
ޕީޖީ އޮފީހުން ބުނީ ނިޒާމު, މލިޓޮން މަރާލާފައިވަނީ މުޙައްމަދު ލިޓޮން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވާ ކަމަށެވެ. ލިޓޮން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި ކ.ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕައި ވައްޓާލައިގެންކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ހެދޭކުރި ދޯނީގައި ހުރި ލިޓޮންގެ 51000 އަށް ވުރެ ގިނަ ފައިސާ ނިޒާމް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ނިޒާމު ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާ ކަމަށާއި މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިންކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ލިޓޮން މަރާލައިފައިވާ ކަމަށް ބުނި ނަމަވެސް އޭނާގެ ހަށިގަނޑު އަދި ފެނިފައެއް ނުވެއެވެ.
![]()
