ވެންޓިލޭޓަރުތައް ''ދިރުވައިލި'' މައްސަލަ: ޝަމީމް ވިދާޅުވަނީ މި ހަފުތާގައި ގޮތް ނިންމަވާނެކަމަށް

Loading

Facebook
Twitter
WhatsApp

ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން  ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރުމާމެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

75 ވެންޓިލޭޓަރު ގަންނަން 34 މިލިއަން ރުފިޔާ ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކުރި ނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ނުލިބުނު ތަނުގައި ފައިސާ ވެސް އަނބުރާ ދީފައެއް ނުވެއެވެ.

މި މައްސަލައިގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވުމުން 11 މީހެއްގެ މައްޗަށް ދަޢުވާކުރަން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ތިން ފަހަރެއްގެ މަތިން ދައުވާކުރަން ފޮނުވިއެވެ. 

ދައުވާކުރަން ފޮނުވި މީހުންގެތެރޭގައި ހިމެނެނީ އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި ޢަބްދުﷲ އަމީނާއި, އެ މިނިސްޓްރީގެ 10 މުވައްޒަފަކަށެވެ. 

ހަތަރުވަނަ ފަހަރަށް ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވުމުން ވެސް އެ މައްސަލަ އަނބުރާ ފޮނުވައިލިއެވެ. އެއީ އެ މައްސަލައިގައި ފުރިހަމަ ކުރަން އެދުނު ކަންކަން ފުރިހަމަނުވާ ކަމަށް ބުނެއެވެ. އޭގެތެރޭގައި ވެންޓިލޭޓަރުގެ އެއްބަސްވުން އެކުލަވާލައިފައިވާ ގޮތާއި, އެ މައްސަލައިގައި ފައިސާ ދައުރުވި ގޮތް ބެލުން ހިމެނެއެވެ.

އޭސީސީން ފަހުން ވަނީ އަމީނާއި އިތުރު 07 ބޭފުޅެއްގެ މައްސަލަ ފައިލްކޮށްފައެވެ.

އަދި ތިން ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އަލުން ޕީޖީއަށް ފޮނުވީ މިދިޔަ ޑިސެމްބަރު 20 ގައެވެ.

އެ ތިން މީހުންނަކީ ހެލްތުގެ ނައިބުކަމުގައި ކުރިން ހުންނެވި ސ.ފޭދޫ ޕިންކް ހައުސް ޝިޔާމާ މުޙައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި ތ.ކިނބިދޫ ބޯގަންވިލާ އަޙްމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ލ.ގަން/ފެއަރީގާރޑެން ޢަލީ ޝިހާމެވެ.

އެ މީހުންގެ މައްޗަށް ކުރުމަށް އެދިފައިވަނީ  ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 ރުފިޔާ އަނބުރާ ހޯދުމަށް ވެސް ވަނީ އެދިފައެވެ. 

ޕީޖީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ ލަސްވެފައި އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މި ހަފުތާގައި އެ މައްސަލައާމެދު ވަކި ގޮތެއް ނިންމަވާނެ ކަމަށެވެ.

ބާކީ ހުރި ވެންޓިލޭޓަރުތައް ނުލިބި, ފައިސާ ވެސް އަނބުރާ ދީފައިނުވާތީ އެ މައްސަަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ. އެކަމާ ގުޅިގެން މިދިޔަ ޑިސެމްބަރު 8 ގައި ރައީސް އޮފީހުން ވިދާޅުވީ މި މައްސަލައިގައި ދުބާއީ ކުންފުންޏެއް ހިމެނޭތީ އެ ގައުމުގެ ލޯ ފާމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ ވިދާޅުވި ލޯ ފާމެއް ހޯދުނު ކަމެއް އަދި ސާފެއް ނުވެއެވެ.

ވެންޓިލޭޓަރު އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާ ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަނުންނެވެ. އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިިވާ ތަނަކީ ރާއްޖެކަމަށްވާއިިރު, އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ އާބިޓްރޭޝަނަށް ވެސް ހުށަހަޅާފައެއް ނުވެއެވެ.

“ވަގުން ހިފަން“ އައި މި ސަރުކާރަށް 4 އަހަރު ފުރި, ސަރުކާރު “މަރަށް ތެޅެމުން“ ދާއިރު ބޮޑެތި ވައްކަންތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބެލިފައިނުވާކަމީ މިއަދު ރައްޔިތުން ކުރާ އެންމެ ބޮޑު އެއް ޝަކުވާއެވެ. ސިޔާސީ ބޭނުމެއްގައި ނަމަވެސް ރައީސް މުޙައްމަދު ނަޝީދު ވެސް މިއަދު ދައްކަނީ އެ ވާހަކައެވެ. 

Loading

One Response

  1. ގޮތް އެ އޮތީ ނިމްމަފައި. އާރބިތްރޭޝަނައް ފައިސާ ހޯދަން މައްސަލަ ހުށަހެޅިއްޔޯލަ. އެހެންވީމާ މިޖަރީމާގައި ބައިވެރިވާ ދިވެހި ބޮޑުން ނަށް
    ތަޙުގީގު ނިކޮށް ޝަރިޢަތެއް ނުކޮށް ނިންމާލެވުނީއވެ. އެބުނާ އާބިޓްރޭޝަނުން މައްސަލައެއް ނިންމޭނީ 4 އަހަރުންނެވެ. އިތުރު 5 މިލިއަން ސިންގަޕޯރުގެ ލޯޔަރަށް ދޭނެއެވެ. އަދި ހެކިބަސްދޭންކަމަށް ބުނެ އެއްކަލަ ވަގުންތައް ފަރސްޓްކުލާހުގައި ދަތުރުކޮށް 5 ސްޓާގައި ތިބެވޭނެއެވެ. އެއީވެސް ވެންޓިލޭޓަރުގެ ވަގު އެންޖޯއި ކޮށްލާށެވެ. ވާވާ ޗާޅު. ދިވެހިންނަކީ ކުރޮޅޮ ސިނކުޑިތަކެއްތޯއެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް