ރަޝިޔާގެ ނިއުކްލިއަރ ޙަމަލާގައި ނޭޓޯ ނެތިކޮށްލެވިގެން ދާނެ

Loading

Facebook
Twitter
WhatsApp

ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގާ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ބިރުވެރިކަން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. އޭގެކުރިން ދުނިޔޭގެ އިގްތިސާދު ހީއަނަރުވެ މުޅި އިންސާނިއްޔަތަށް ބަނޑުހައި ހޫނުކަން އާންމު ވެދާނެކަމުގެ ބިރު މިހާރުވެސް މިއޮތީ ހަގީގަތަކަށް ވެފައެވެ. 

ދުނިޔޭގެ އިގްތިސާދަށް އަންނަ ކޮންމެ ނޭދެވޭ ބަދަލެއްގެ ނިކަމެތިކަން އެންމެ ބޮޑަށް ފޯރާނެ ބަޔަކުކަމުގައި ދިވެހިރައްޔިތުން ވާނެކަން ކަށަވަރެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަޅުގަނޑުމެންގެ ރައްޔިތުން އުޅުނުކަމަށް ބުނެއުޅޭ ނިކަމެތިކަމަށްވުރެން މިހާރު ދިމާވެދާނެ އެފަދަ ޙާލަތެއްގައި ދިވެހިން މާބޮޑަށް ނިކަމެތި ވާނެކަން ޔަގީނެވެ.

އޭރު އަމިއްލަ ރުށްގަސް ހުރުމުގެ ސަބަބުން ބަނޑުފުރާނަ މުއްތިކުރެވިދާނެ ކޮންމެވެސް އެއްޗެއް ލިބިދާނެ ކަމުގެ އުންމީދެއް ކުރެވޭ ކަމަށް ބުނެއެވެ. ރަށްފުޅުގައި ބޮއްކުރައެއް އޮތިއްޔާ ފަލިޖަހާލާފައި ފަރުކައިރިއަށް ޖެހިލައިގެން މަސްކޮޅެއް ލިބޭނެއެވެ. އެ ރުއްގަހުން އެއްޗެއް ލިބުމުގައި ކިތަންމެ ހަރުކަށި ގަވައިދުތަކެއް ހުރި ކަމުގައި ވިޔަސް ކޮންމެވެސް ގޮތަކުން ކޮންމެވެސް ވަރަކަށް ލިބޭކަމުގައި ބުނެވެއެވެ. 

މިހާރު މި ލިބުނު ތަރައްގީގައި ރުއްގަސްވެސް ނެތިދިޔައީއެވެ. ރުއްގަހުގެ ވަލުތައް މިހާރު ކޮންގުރެޓްގެ ވަލުތަކަކަށް ބަދަލުވެގެން ދިޔައީއެވެ. ބައެއްމީހުން ބުނާގޮތަށް އެންމެންގެނެސް ކޮތަރުކޮށްޓަށް ޖަމާކުރެވެނީއެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އަމިއްލަ ރުއްގަހުން ކާއްޓެއް ނުވަތަ ބަނބުކޭލެއް ލިބެނީވެސް ރަށުގެ އިސްރައްވެރިޔާގެ ހުއްދަ ލިބިގެންކަމުގައި ބުނެއެވެ. މެދުރާއްޖެތެރޭގައި އެ ޙާލަތު ސިފަކުރެވޭގޮތަށް ފަހުން ޅެން ފަރިހި ހަދައިގެން ކުޑަކުދިން ނިންދަވާއިރު ކިޔާއުޅުނެވެ. އެ ޙާލަތު ފިލާދިޔަނަމަވެސް ހަނދާނުން ފޮހެވިގެން ދިޔަނުދިނުމުގެ ބޭނުމުގައެވެ. 

އެގޮތުން މިލިއުންތެރިޔާ ބޮޑުވެގެން އައިދުވަސްވަރު ވަރަށް ގިނައިން ރަށުގައި ކުޑަކުދިން ނިންދަވާއިރު ކިޔާއުޅުނު ފަރިއްސެއްގެ ތަންކޮޅެއް މިތާގައި ލިޔެލާނަމެވެ. ކިއުންތެރިން އެދުވަސް، އެ ޙާލަތު،ތަސައްވުރު ކޮށްލެއްވުމަށް ޓަކައެވެ.

“  ހުކުރަކުން އެއްދުވަހުގައި ރުކުބުނީމާ ނަމެއަޅާ..ކުކުރެގަންފާ އިސް އޮބާލާ ނިކުމެގެން ބޭރަށް ދިޔައިހޭ ”. އިސްރައްވެރިމީހާ ކައިރީ އަމިއްލަ ރުކަކުން ކާއްޓެއް އެޅުމުގެ ހުއްދައަށް އެދުނީމާ ވީގޮތަކީ މިއެވެ.

އެމެރިކާ އާއި ނޭޓޯއިން މިހާރު ދެން ފައުޅުގައި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދިއުމުން މުޅި ދުނިޔެ ހަނގުރާމައިގެ އަލިފާންގަނޑަކަށް ވެއްޓިގެން ހިގައިދާނެކަމަށާއި އަދި  ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެނަމަ އެއީ ނޭޓޯ ނެތިގެންދާނެ ނުރައްކަލެއް ކަމުގައި ރަޝިޔާ ޕާރލަމެންޓްގެ ތިރިގޭގެ އިސްވެރިޔާ ޔާޗެސްލަވް ވޮލޯޑިން ނޭޓޯއަށް އިންޒާރު ދެއްވައިފިއެވެ.

އަހަރެމެންގެ ސުލްޙަވެރި ރައްޔިތުންނަށް ޙަމަލާދިނުމަށާއި އަހަރެމެންގެ ސަރަޙައްދުތައް އަތުލުމަށްޓަކައި ނޭޓޯގެ ގައުމުތަކުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދީގެން ނުރައްކާ ކުރިއަށް ގެންދާނަމަ އަހަރެމެން އެއަށްވުރެން މާ ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ރައްދު ދޭނަމެވެ. މިއީ މުޅިދުނިޔެއަށް ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިދާނެ ޙާލަތެކެވެ. އަދި އެމީހުންގެ ގައުމުތައް އެފަދަ ރަށްދު ޙަމަލާއަކުން  ނެތިގެން ހިނގައިދާނެކަން ހަދާންކުރަން ޖެހޭނެކަމަށެވެ.

ވީމާ އެ ގައުމުތަކުން އެފަދަ ބާވަތުގެ ފައިސަލާ ކުރުމުގެ ކުރިން ރަޝިޔާގެ ހަތިޔާރުތައް ހުރީ ޓެކްނޯލޮޖީގެ ރޮނގުން މާކުރިއަރާފައިކަން ދަންނަން ޖެހޭނެއެވެ. ދޭދޭ ގައުމުތަކުގައި ހިނަގަމުންދާ ދެކޮޅުވެރި ކުރިމަތިލުން ތަކުގައި ފަނާކުރަނިވި ހަތިޔާރުގެ ބޭނުންކޮށްގެން ނުވާނެކަމަށް ބުނެ ޒުވާބުކުރުމަކީ ބޭކާރު ކަމެކެވެ. ގައުމެއްގެ ރައްޔިތުންނަށް ނުރައްކަލާ ކުރިމަތިލާން ޖެހުމުން ދެން ކަންތައްކުރާނެ ގޮތް އެގައުމަކަށް އެހެންމީހުން ކިޔާދޭކަށް ނުޖެހޭނެއެވެ. އެގޮތުން ރަޝީޔާ ދިފާޢުކުރުމަށް ބޭނޫން ކުރާނޭ ހަތިޔާރާއި ވަގުތާއި ޙާލަތު ނިންމާނީ އަހަރެމެންކަމުގައި އޭނާ ވިދާޅުވިއެވެ.

ބައެއް މުޙައްލިލުން ދެކޭގޮތުގައި ރަޝިޔާގެ ބަހުރުވަ މިގޮތަށް މި ބަދަލުވަނީ ޔޫކްރެއިނާއެކު ކުރެވޭ ހަނގުރާމައިގާ ރަޝިޔާއަށް ގެއްލުންތަކަކާއި ކުރިމަތިލާން ޖެހެމުން ދާތީއެވެ. އެހެންނަމަވެސް 2023 ފެށުނު ފަހުން ރަޝިޔާގެ ޙަމަލާތައް ގެންދަނީ ވަރުގަދަ ކުރަމުންނެވެ.

މި ޖެނުއަރީ މަހުގެ 19 ވަނަދުވަހު ބޭއްވުނު ރާމްސްޓެއިން ފޯރމެޓްގެ ބައްދަލުވުމުގެ ހަވާސާގައި ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިޔުޓީ ޗެއާރމަން ދިމިތުރީ މެޑްވެޑޭވް ވިދާޅުވީ އާންމު ހަތިޔާރު ބޭނުންކޮށްގެން ކުރާ ހަނގުރާމައަކުން ރަޝިޔާ ބަލިވަމުންދާނަމައެއީ ނިއުކްލިއަރ ހަނގުރާމައަކަށް ދެވޭ ދައުވަތަށް ވެދާނެއެވެ.

ނިއުކްލިއަރ ބާރު ލިބިފައިވާ ގައުމަކުން އާދައިގެ ހަތިޔާރު ބޭނުންކޮށްގެން ކުރާ ހަނގުރާމައެއްގައި ނާކާމިޔާބު ވުން ބަލައެއް ނުގަންނާނެއެވެ. ބޮލުގައި ކުޑަވެސް ތެތްކަމެއްހުރި ހުޅަނުގެ ލީޑަރަކުވިއްޔާ މިކަން ގަބޫލުކުރާނެއެވެ.  

މިސްޓޭޓްމެންޓަށް ބާރުލިބިދިނުމުގެ ގޮތުން ރަޝިޔާގެ ކުރީގެ ރައީސް ސައިނޭޑް ބޭކަރ ވިދާޅުވީ ޔުކްރެއިންގެ ހަނގުރާމައިގާ ރަޝިޔާ ބަލިވާނަމަ ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު އަތްމައްޗަށް ނެގުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

ރައީސް ޕޫޓިންނާ ޙަވާލާދެމުން ބީ. ބީ. ސީ. އިން ބުނީ އެއްވެސް ގޮތެއް އޮއްވާ ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުން ނުކުރާނެކަމަށާއި ރަޝިޔާ މޮޔަވެގެން ނޫޅޭ ކަމަށެވެ. އަދި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާ ފުރަތަމަ ގައުމަކަށްވެސް ރަޝިޔާ ނުވާނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް