ސްރީލަންކާ ސަރަޙައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާ މިންވަރަކަށް ވައި ނުސާފުވުމާއި ގުޅިގެން މިއަދު ސްކޫލްތައް ބަންދުކޮށްފިއެވެ. ބަންގާޅު ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާނުގެ ގަދަ ވަޔާއި ވިއްސާރައާއި ކުރިމަތިލާން ޖެހިފައިވަނިކޮށް އަމިއްލަ ގައުމާއި އަދި އަވަށްޓެރި އިންޑިއާ އިން ޖައްވަށް ފޮނުވަމުން ގެންދާ ވިހަ ގޭސް ތަކުގެ ސަބަބުން މިޙާލަތު ދަނީ އިތުރަށް ނުރައްކާތެރި ވަމުން ކަމުގައި ސްރީލަންކާގެ އޮފިޝަލުން ހާމަކުރެއެވެ.
ކޮޅުބާއި އެހެނިހެން ހިސާބުތަކުގައިވެސް ވަނީ ނުރައްކާތެރި މިންވަރަކަށް ދުން ބޯވެޖައްވު ނުރައްކާތެރި މިންވަރަކަށް ގޮއްސައެވެ.
ސްރީލަންކާގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް އަސޭލާ ގުނަވަރްދަނާ އިރުޝާދު ދެއްވާފައިވަނީ ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި އަދި ގެއިން ބޭރަށް ދާންޖެހުނަސް މާސްކް އަޅައިގެންނޫނީ ނުދިއުމަށެވެ. އޭނަ އަންދާޒާ ކުރައްވާގޮތުގައި މިޙާލަތު އަދި ދެހަފްތާއަށް ދެމިގެން ހިގައިދާނެއެވެ.
މިހާތަނަށް ލިބުނު ގެއްލުންތަކަށް ބަލާއިރު މި ވިއްސާރައިގާ މަދުވެގެން ދެމީހަކު މަރުވެ ގިނައަދަދެއްގެ ގެދޮރު ހަލާކު ވެއްޖެއެވެ. ބައެއް ގެތަކުގެ މައްޗަށް ބޮޑެތި ގަސްތައްވެސް ވަނީ ވެއްޓިފައެވެ. އަދި ގިނަ މަގުތަކެއްވެސް ވަނީ ހަލާކުވެފައެވެ.
ސްރީލަންކާގެ މެޓް އޮފީހުން ހާމަކުރާގޮތުގައި މި ވަރުގަދަ ތޫފާނު މިހާރު ހުރީ ސްރީލަންކާގެ އިރުއުތުރުން 143 މޭލު ދުރުން ބަންގާޅު ކަނޑުތެރޭގައެވެ. ބެލެވޭގޮތުގައި ތޫފާނުގެ މިސްރާބު ހުރީ އިންޑިއާއާއި ދިމާލަށެވެ.