އާންމު ރައްޔިތުންނަށްވެސް ޓްރެޝަރީ ބިލް އަށް އިންވެސްޓްކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. ގައުމުގެ އިކޮނޮމީ ހީނަރުވެ ހާސްކަމެއްގެ ތެރޭގައި ވުމާއިއެކު އިކޮނޮމީ ރަނގަޅުކުރެއްވުމަށް އަޅުއްވަން ގަސްދުުކުރައްވައި ގިނަގުނަ ފިޔަވަޅުތަކުގެ ތެރޭގައި މިއީވެސް ހަރުދަނާ ފިޔަވަޅެއް ކަމުގައި މިނިސްޓަރ ދެކެވަޑައިގަންނަވާ ކަމުގައެވެ.
މެމްބަރަކު މިއަދުގެ މަޖިލިސް ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ޓްރެޒަރީ ބިލް އިޝުއަރެންސްގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ ސީދާ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުންކަމަށެވެ.
މިއަހަރު ނިމުމުގެ ކުރިން ސީއެސްޑީ ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސެކަންޑަރީ ބާޒާރަށް އާންމު ރައްޔިތުންނަށްވެސް އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށެވެ.
ވަރަށް ފަހުންވެސް ޓްރެޒަރީ ބިލްގެ ގޮތުގައި ސަރުކާރުން 2.2 ބިލިއަން ރުފިޔާ ވިއްކާފައިވާ ވެއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ޓީބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު ހުޅުވައިލާއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ކަމަށެވެ.
ދައުލަތަށް ރެޒޯޓްތަކުން ލިބެންޖެހޭ އެތަކެއް ބިލިއަން ރުފިޔާގެ ކުލި އަދި ޓެކްސްތައް މިއަދާހަމަޔަށްވެސް ލިބިފައެއް ނުވެއެވެ. އަދި ރެޒޯޓް ހެދުމަށް ދޫކުރެވިފައިވ 85 ރަށަށްވުރެ ގިނަ ރަށްތައްވެސް ވަނީ ޑިވެލޮޕްނުކުރެވި އެރަށްތަކުން ލިބެންވާ ކުލިތައްވެސް ދައުލަތަށް ނުލިބިއެވެ.