ކަރަޓް ކަޑައިލުމުން އެފްއޭއެމް އަށް ކުށްވެރިވީ ސްޓެލްކޯ

Loading

Facebook
Twitter
WhatsApp

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓު ކަނޑައިލި މައްސަލައިގައި އެ އެސޯސިއޭޝަނުން ސްޓެލްކޯ ކުށްވެރިކޮށްފި އެވެ.

އެފްއޭމްއިން ސްޓެލްކޯއަށް ދަށްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގައިގެން ވެސް ދައްކާފައިނުވާތީ ސްޓެލްކޯއިން އިއްޔެ ވަނީ އެފްއޭމްއިން ކަރަންޓު ކަނޑާލައިފައެވެ.

އެފްއޭއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާގެ ހައުސްއިން ކަރަންޓު ކަނޑާލާފައިވަނީ ގަވާއިދާ ހިލާފަށް ބިލް ކުރެވިފައިވާ އަދަދުތަކާއި ދިވެހި ދައުލަތުގެ އެކިއެކި ބޭނުމަށް އެފްއޭއެމް އިމާރާތް ބޭނުންކޮށްފައިވާ އަދަދުތަކާ އެކު ޖުމްލަ އަދަދެއް ކަނޑައަޅައިގެން ކަމަށާއި، އެ ޚަރަދުތަކަށް އެ އެސޯސިއޭޝަނުން ޒިންމާވާން ނުޖެހޭނެކަމަށެވެ.

”ދިވެހިރާއްޖޭގައި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭ ދަނޑުތަކާއި ކޯޓްތަކަކީ އެތަންތަނުގެ ކަރަންޓާއި ފެނުގެ ޚަރަދު ދައުލަތުގެ ފަރާތުން ބަލަހައްޓާ ތަންތަން ކަމުގައި ވީނަމަވެސް ފުޓުބޯޅަ ކުޅުމަށް ބޭނުންކުރެވޭ މާފަންނު ޓާފް ދަނޑަކީ އެތަނުގެ ހުރިހާ ޚަރަދެއް، އެފްއޭއެމް އިން ބަލަހައްޓަމުން އަންނަ ތަނެކެވެ. މިއީ އެފްއޭމް ފިޔަވައި ދިވެހިރާއްޖޭގެ އެހެން ގައުމީ އެސޯސިއޭޝަންތަކަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމެކެވެ،“ އެ ބަޔާނުގައިވެއެވެ.

އެފްއޭއެމް އިން ބުނީ ކަރަންޓުގެ މައްސަލަތައް ހައްލުކުުރުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރް އަޙްމަދު ޝަރީފާއެކު މިއަހަރުގެ މާޗްމަހު ބައްދަލުކޮށް މިމައްސަލަތައް ހައްލުކުރުމަށްޓަކައި އެ އެސޯސިއޭޝަނުން އެދޭގޮތްތައް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން ދެފާރާތަށް ވެސް ގެއްލުމެއް ނުވާނޭހެން އެކުލަވާލާފައިވާ ޕްރޮޕޯސަލްއެއް ސްޓެލްކޯއަށް ހުށަހަޅާފައިވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

”އަދި މި މައްސަލަ ހައްލުކުރުމަށް އެދި ސްޓެލްކޯގެ މިހާރުގެ އެމްޑީއާއެކު މިއަހަރުގެ މާޗް މަހު ބައްދަލުކޮށް އެފްއޭއެމް އިން މިކަން ހައްލުކުރުމަށް އެދޭގޮތާއި ފައިސާ ދެއްކުމުގައި ދެ ފަރާތަށް ވެސް ގެއްލުން ނުވާނޭ ހެން އެކުލަވާލާފައިވާ ޕްރޮޕޯސަލްއެއް ހުށަހަޅާފައި ވަނިކޮށް އިތުރު އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ތަކުރާރުކޮށް މި މައްސަލަ ހައްލުކުރުމަށް އެދިފައިވީނަމަވެސް އަދި މިއަދާއަހައަށް ސްޓެލްކޯގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ހާލު ސޯޝަލް މީޑިއާގައި މިކަން އިއުލާންކޮށް ކަރަންޓް ކަނޑާލާފައި ވަނީ އިޚްލާސްތެރި ނިޔަތެއްގައި ނޫންކަން ފާހަގަ ކުރަމެވެ،“ އެ ބަޔާނުގައިވެ އެވެ.

ކަރަންޓް ކަނޑާލިކަން އަންގައި ސްޓެލްކޯއިން މިއަދު ކުރި ޓްވީޓްގައި ވަނީ އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެފަދަ ޕްލޭނެއް ހުށަހަޅާފައިނުވާ ކަމަށެވެ.

ސްޓެލްކޯއިން އިއްޔެ ބުނީ އެފްއޭއެމް އިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކި ފަހަރުމަތިން އަންގާ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދިނުމުންވެސް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް