މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގައި ބޭއްވުނު ބައި-އިލެކްޝަން ބޮޑުތަނުން އިމްރާން ކާން ކާމިޔާބު ކުރައްވައި ޕާކިސްތާނުގައި އެންމެ 6 މަސްދުވަސްވީ ސަރުކާރުން ގައުމީ އިންތިޚާބު އަވަސްކުރަން އިތުރު ފިއްތުން ކުރިމަތި ކުރަން ފުރުސަތު ހޯދައިފިއެވެ. ވޯޓު ނެގުނު އިންތިޚާބުގެ 8 ގޮނޑީގެ ތެރެއިން 7 ގޮނޑިއަށް ވާދަކުރައްވައި އިމްރާނު ޚާނުގެ ޕާރޓީން 6 ގޮނޑި ކާމިޔާބު ކުރެއްވިއެވެ.
މިހާރު ސަރުކާރު ހިންގާބައިވެރިންގެ ފަރާތުން އިންތިޚާބުގައި ވާދަކުރި ޕާކިސްތާނު ޕީޕަލްސް ޕާރޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 2 ގޮނޑިއެވެ. އިތުބާރު ނެތްކަމުގެ އެންމެ ވޯޓަކުން އިމްރާނު ޚާންގެ ސަރުކާރު ބޭރުކޮށްލި ނަމަވެސް އާންމު ރައްޔިތުން ރުހުން އޮތްމިންވަރު މިއިންތިޚާބުންވެސް އެނގިގެން ހިނގައޖެއެވެ. މި ނަތީޖާއާއި ގުޅިގެން ލަސްނުކޮށް ޢާންމު އިންތިޚާބު ބާއްވަން ޖެހިއްޖެކަމަށް އިމްރާން ޚާނުގެ ތަހްރީކޭ އިންސާފް ޕާރޓީ އިސް ބޭފުޅަކު ކަމުގައިވާ ފަވާދު ޗައުދަރީ ސަރުކާރަށް ގޮވާލެއްވިއެވެ.
އިންތިޚާބުގެ ކަންތައް ރާވައި ހިންގުމާމެދު ސަރުކާރާއެކު ވާހަކަދައްކަން އަހަރެމެން މިތިބީ ތައްޔާރަށެވެ. ޝާހްބާޒުގެ ސަރުކާރުން ގައުމުގެ އިގްތިސާދުވެސް މިވަނީ އިނދަ ޖައްސާލާފައެވެ. ގައުމު ރިޒާވް ފާއިތުވެދިޔަ 3 އަހަރުވެސް ދަށަށް ނުދާ މިންވަރަކަށް މިއޮތީ އަރިއަޅާލާފައެވެ. މިދޭތެރެއިން ދިމާވި ވިއްސާރައިގެ ސަބަބުން ގައުމުގެ ޙާލަތު މިވަނީ މާބޮޑަށްވެސް ނިކަމެތި ވެފައެވެ.
މިހާރު ހިނގަމުންދާ ބައި-އިލެކްޝަން ބާއްވަން ޖެހިފައި މިވަނީ އިމްރާން ޚާންގެ ސަރުކާރަށް ނިސްބަތްކުރެވޭ 131 މަޖިލީހުގެ މެމްބަރުން ފާއިތުވި އޭޕްރިލްމަހު އިސްތިއުފާ ދެއްވުމާގުޅިގެންނެވެ. މިހާތަނަށް ބޭއްވުނު އިންތިޚާބުގެ ނަތީޖާއިން އިމްރާން ޚާނަށް ތާއީދުކުރާ ފަރާތްތަކުން ބޮޑެތި ކާމޔާބީ ތަކެއް ހޯދަމުންދާއިރު ސަރުކާރުން ބަލަމުން ގެންދަނީ އިމްރާން ޚާނުގެ ފުރުސަތުތައް ބަންދުކުރެވެން އޮތް ހުރިހާގޮތެއް ބަލާ ހޯދާ ހުށްޓުވުމަށެވެ.
އިންތިޚާބުގެ ކަންތައްތަކުގައި އެމެރިކާއާއި އޮސްޓްރޭލިޔާ އަދި އެމިރޭޓްސް އިން އިމްރާން ޚާނުގެ ޕާރޓީއަށް ފައިސާ ދޭކަމަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ޝައްކު ކުރެއެވެ. އެހެންނަމަވެސް އެ ޕާރޓިން އެކަން ދޮގުކުރެއެވެ.
އިމްރާން ޚާނުގެ ޕާރޓީއަށް ބޭރުން ފައިސާ ލިބެމުންދާކަން ސާބިތުކޮށްދިނުމަށްޓަކައި ޕާކިސްތާނުގެ މަޝްހޫރު ތަހްގީގީ އޭޖެންސީއަކުން މިހާރުއޮތީ އެ މައްސަލަ ކޯޓަށް ހުށައަޅާފައި ކަމަށް ޚަބަރުތައް ބުނެއެވެ. މި މައްސަލަތައް ސާބިތު ކުރެވިއްޖެނަމަ 5 އަހރު ދުވަހުގެ މުއްދަތަކަށް އިމްރާން ޚާނުގެ ސިޔާސީ މަގު ބަންދު ކޮށްލެވޭނެއެވެ.