ފާޚާނާކަރުދާހުގެ އަގު އަތްނުފޯރާ ހިސާބަށް

Loading

Facebook
Twitter
WhatsApp

ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަގުބޮޑު ވަމުންދާ އެއްޗެހީގެ ލިސްޓުގެ އެންމެ ކުރިއަށް ފާޚާނާ ކަރުދާހުގެ އަގު އަރައިގެން ހިނގައްޖެއެވެ. އަދި ފާޚާނާ ކަރުދާސް މާރކެޓަށް ނުލިބިދާނެެ ކަމުގެ ބިރުވެސް ކުރިމަތި ވެއްޖެއެވެ.                                                           

ފާޚާނާ ކަރުދާސް އުފެއްދުމަށް އެންމެ އާންމުކޮށް ބޭނުންކުރާ ލަކުޑީގެ ބާވަތްތަކާއި އެ ކަރުދާސް މަޑުކުރުމަށް ބޭނުންކުރާ މާއްދާތައް އެންމެ ގިނައިން ދުނިޔޭ މާރކެޓަށް ބޭރުކުރަނީ ރަޝިޔާއިންނެވެ. އެހެންނަމަވެސް ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ރަޝިޔާއިން އެ ލަކުޑީގެ ބާވަތްތަކާ ކަރުދާސް މަޑުކުރަން ބޭނުންކުރާ މާއްދާތައް އެކްސްޕޯރޓް ކުރުން މިހާރުވަނީ މަނާކޮށްފައެވެ. 

ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ފާޚާނާ ކަރުދާސް އުފެއްދުމަށް ބޮޑެތި ހުރަސްތަކެއް މެދުވެރި ވެއްޖެއެވެ. އަދި ބަޒާރުގައި ލިބެންހުރި ބާވަތްތަކުން އުފައްދާ ކަރުދާސް މާބޮޑަށް ހަރުވެފާ އަދި އަގުވެސް ބޮޑުވާނެ ކަމަށް ބުނަމުން އެބަގެންދެއެވެ.               

ކޯވިޑް 19 ގެ ދުވަސްވަރުގައި ދުނިޔޭގެ ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލުނު އެކައްޗަކީވެސް ފާޚާނާ ކަރުދާހެވެ. ދުނިޔޭގެ ބާޒާރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފާޚާނާ ކަރުދާސް މުޅިން ހުސްވިއެވެ. ބަޒާރަށް އައި ކުއްލި ބަދަލަށް ގޭބިސީތައް ހޭވެރިކަންވީއިރު ބައެއް ބޮޑެތި ސުޕަރމާރކެޓް ތަކުންވެސް ފާޚާނާ ކަރުދާސް އެއްކޮށް ވަނީ ހުސްވެފައެވެ.

ކޮންމެއަކަސް އެދުވަސްވަރު ކަރުދާސް އުފެއްދދުމަށް ހުރަސް އެޅިފައި ނެތުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮންމެވެސް ވަރަކަށް ބާޒާރުން ލިބެން ހުއްޓެވެ.  އެފަހުން އަދި މިއުޅެނީ ފާޚާނާ ކަރުދާސް ލިބެންހުރި މިންވަރާއި އޭގެ އަގުތައް ހަމަޔަކަށް ނޭޅިގެންނެވެ. 

މިފަހަރު ކުރިމަތިވަމުން މިއަންނަނީ އަދި ޙައްލުކުރަން މާ އުދަނގޫ  ފައްތަރެކެވެ. ކަރުދާސް އުފައްދަން ބޭނުންކުރާ ލަކުޑީގެ ޝިޕްމެންޓްތައް ލިބޭނެ ދުވަހެއް އަދި ލިބޭނެ ކަމެއްވެސް ނޭންގެއެވެ. އާންމުގޮތެއްގައި ރަޝިޔާއިން ބާޒާރަށް ނެރޭ ކަރުދާސް މަޑުކުރަން ބޭނުންކުރާ މާއްދާގެ ގާތްގަނޑަކަށް ދޮޅު މިލިއަން މެޓްރިކް މިފަހަރު ބާޒާރުތަކުން ނުފެންނާނެއެވެ. 

މިކަމާހުރެ އޭގެ އަގު މިހާރުވެސް ބަޒާރުގައި 45 އިން ސައްތައަށް އުފުލިއްޖެއެވެ. އަދި ހަކަތައިގެ އަގަށް އައި ބަދަލާއެކު ލަކުޑިން ކަރުދާސް އުފެއްދުމުގެ އަގުވެސް އެމިންވަރާއި ގާތަށް އުފުލިއްޖެއެވެ. ޔޫރަޕްގެ ބާޒާރުން މިހާރު މިއޮތީ މިކަމަށްވެސް އެހެންގޮތެއް ހޯދަން ޖެހިފައެވެ.ހެލްސިންކީގެ ރިސާރޗް އިންސްޓިޓިއުޓެއްގެ ޑިރެކްޓަރަކު ބުނެފައިވަނީ ބޭރުން ލަކުޑިއާއި ކަރުދާސް މަޑުކުރަން ބޭނުންކުރާ މާއްދާ އެތެރެކޮށްގެން މިކަމެއް ދެން ނުވާނެކަމަށެވެ.

ސްވިޑްން ފިޔަވައި ޔޫރަޕްގައި އެންމެގިނައިން ކަރުދާސް މަޑުކުރަން ބޭނުންކުރާ ބާވަތްތައް އުފައްދަނީ ފިންލޭންޑުގައެވެ. ފިންލޭންޑަށް ބޭނުންވާ ލަކުޑީގެ 10 އިން ސައްތަ އެތެރެކުރަނީ ރަޝިޔާއިންނެވެ. އުތުރު އަސްދަނޑީގެ އެހެންގައުމު ތަކުގައި ހެދޭ ލަކުޑި ފާޚާނާ ކަރުދާސް ހަދާކަށް ކަމަކު ނުދެއެވެ. އެ ލަކުޑި ރަނގަޅީ ކާރޑްބޯޑް ފޮށި ހަދާށެވެ. 

ރަޝިޔާއިން އެކްސްޕޯރޓް މަނާކުރުމުގެ ސަބަބުން މިއަހަރުގެ ސެޕްޓެމްބަރ މަހާ ހަމަޔަށް ގާތްގަގަނޑަކަށް ދޮޅުމިލިއަން މެޓްރިކްޓަނުގެ ކަރުދާސް މަޑުކުރަން ބޭނުންކުރާ މާއްދާތައް ވަނީ ބާޒާރުން  އުނިވެފައެވެ.  އަދި ބައެއް ކާރުޚާނާތައް ބަންދުކޮށް ގިނަ ކާރުޚާނާތަކެއްގެ އުފެއްދުންމިވަނީ ދަށްކޮށްފައެވެ. މިހާރު ލިބެންހުރި މާއްދާތައް ބޭނުންކޮށްގެން ހަދާ ކަރުދާސް ބޯވެފާ މާބޮޑަށް ހަރުވާނެކަމަށާއި އަދި އަގުވެސް ބޮޑުވާނެކަމަށް ފިންލޭންޑުންވެސް ބުނެފިއެވެ.          

ދެކުނު އެމެރިކާގެ ގައުމުތަކުން އެ މާއްދާތައް އެތެރެކުރުމަކީ ޔޫރަޕަށް ވަރަށް އަގުބޮޑު ކަމަކަށް ވާނެއެވެ. އަދި ވަގުތުވެސް ނަގާނެއެވެ. ޔޫރަޕް އޮތީ އެޙާލަތަށް އެއްވެސް ވަރަކަށް ތައްޔާރުވެފާއެއް ނޫނެވެ. މިއިން ދަސްވާ ފިލާވަޅަކީ ދުނިޔޭގެ އެއްވެސް ގައުމެއް އޮތީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ނޫންކަމާއި އެކަކު އަނެކެއްގެ އެހީއާ ނުލައި ދިރިއުޅުން ހަމަޖެއްސެން ނެތްކަމެވެ.

Loading

One Response

  1. އަހަރެމެން ބޭނުންކުރަނީ ފެން. ފާޚާނާ ކަރުދާސް ނުލިބެންޏާ ދެން ހިލަކަރުދާސް ވަގުތީގޮތުން ބޭނުންކޮށްލާނީ. ގޮތެއް ހުސްނުވާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް