އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވެއްޖެއެވެ.
ރައީސް ނަޝިދުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅާ ޝުނާނާ އެންޑް ކޯ ލޯ ފާމުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަމީނީ މަގުން ގަސްކަނޑާ މައްސަލަ މާދަމާގެ ވަގުތެއްގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ގަސްތައް ކެނޑުން ހުއްޓުވުމަށްއެދި އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ގަސްތައް ކަނޑައިފިނަމަ ތިމާވެއްޓަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުމެއް ލިބޭނެކަމަށް ބުނެއެވެ.
އެ ލޯ ފާމުން ބުނެފައިވަނީ ކޯޓަށް މައްސަލަ ހުށަހަޅާއިރު އެކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށްވެސް އެދޭނެކަމަށެވެ.
We will be filing a case tomorrow at the court on behalf of our client @MohamedNasheed, requesting for an order to stop the removal of urban forestry in Ameeni Magu, as such removal will cause irreparable damage to the environment.
— SHUNANA & CO.LLP (@shunanaLLP) September 28, 2022
We will also seek a temporary injunction order. pic.twitter.com/ZRxcXdj5Ef
ވާރޭވެހޭއިރު އާންމުކޮށް ވަރަށްބޮޑަށް ފެންބޮޑުވެ ރައްޔިތުންނަށް ބޮޑު އުދަގޫތަކާ ކުރިމަތިވަމުންދިޔަ އަމީނީމަގު ތާރުއަޅައިގެން އެ އުދަގީތަކަށް ހައްލުގެނައުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކޯޕަރޭޝަނެއް ކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރުޑީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.
މަޝްރޫއުގެ މަސައްކަތް ފެށުމާއެކު އާރްޑިސީން ވަނީ އަމީނީ މަގުގައި ހުރި ބައެއް ގަސްތައް ނަގާފައެވެ. އާރްޑީސީން ބުނެފައިވަނީ ގަސްތައް ކެޑުން އެ ކޯޕަރޭޝަންވެސް ތާއީދު ނުކުރާ ކަމަށާ ނަމަވެސް އަމީނީމަގުން ކަނޑާ ގަސްތަކަކީ މަގުހެދުމަށް ކޮންމެހެން ކަނޑަންޖެހިގެން ކަނޑަމުން އަންނަ ގަސްތަކެއް ކަމަށެވެ. އަދި ކަނޑާލާ ގަސްތަކަށް ގަހެއް އިންދުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. އަދި ނެގި ގަސްތައް ގެންދާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ހަދަމުންދާ ކުޑަގިރި އަށް ކަމަށްވެއެވެ.
ރައީސް ނަޝީދުގެ ފަރާތުން މި މައްސަލަ ކޯޓަށް ވައްދަން ތައްޔާރުވެފައިވާއިރު ހަތް މަސް ދުވަހުގެ ތެރޭ މަސައްކަތްނިންމާގޮތަށް އާރުޑީސީއާ ހަވާލުކުރި 84 މިލިއަން ރުފިޔާގެ މި މަޝްރޫއު ހުއްޓިދާނެ ކަމުގެ ބިރު ހީވެ ސޯޝަލް މީޑިއާގައި އާންމުން ބައެއް ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ރައީސް ނަޝީދުގެ ފަރާތުން މި މައްސަލަ ކޯޓަށް ވެއްދުމަށް ތައްޔާރުވެފައި މިވަނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުން ނުހުއްޓައިފިނަމަ ކޯޓަށް މައްސަަލަ ވައްދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވުމަށް ފަހުއެވެ.
One Response
އަސްލުވެސް ހެޔޮނުވާނެ އެގަސްތައް ކަނޑަން . ޖައްވު ހޫނުވަމުން އަންނައިރު އެތަކެއް އަހަރުވެފައިވާ ބިޔަ ގަސްތައް ކަނޑަން ހެޔޮނުވާނެއެވެ. ނަމަވެސް ބޯސަކަރާތް ބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެތާއެވެ. ދެރައީ ދެރަކަމުގެ ކޮޅަކަށް ނޫނެވެ.