އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް ގާއިމްކޮށްދެއްވާނަން: ރައީސް

Loading

Facebook
Twitter
WhatsApp

ހއ. އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރްޓީއެލް)ގެ ފެރީގެ ނިޒާމު ޒޯން އެކެއްގައި ރަސްމީކޮށް އިފްތިތާހުކުރުމަށް އެ ޒޯންގައި ހިމެނޭ ހއ. ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހް ވިދާޅުވީ ބޮޑު ތިލަދުންމަތިން މަސް ގަންނަ މަރުކަޒުގެ މަސައްކަތް އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތިލަދުންމަތީ ސަރަހައްދުގައި އޮތް އެންމެ ދިރުންހުރި އެއް އިގްތިސާދަކީ އިހަވަންދޫ ކަމަށެވެ.  

ބަނދަރާއި ބިމުގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫއު މިހާރު އެރަށުގައި ކުރިއަށް ދާ ކަމަށާ އަދ މަސްގަންނަ މަރުކަޒުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށެވެ.

“ އިހަވަންދުއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ހައްލުކޮށްދޭންޖެހޭ. މި ދެންނެވި ދެ މަޝްރޫއު އިހަވަންދޫގައި އެދަނީ ހިނގަމުން. އަދި އިރާދަކުރެއްވިއްޔާ މި ސަރަޙައްދުން މަސް ގަންނަ މަރުކަޒުގެ މަސައްކަތް، އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ“ ރައީސް ސާލިހް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިހަވަންދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަސްމަރުކަޒު ގާއިމުކުރަނީ ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމާއި، ރާއްޖެއަށް ވެސް މަސް ވިއްކާގޮތަށެވެ.


ރައީސް ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ގެންނަ ބޮޑު ބަދަލު މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދޫގެ ހާލަތު ކަމަށެވެ. އެ ބަދަލު ގެންނާނީ މިހާރު ބޮޑު ތިލަދުންމައްޗަށް ގެންނަ ބޮޑު ބަދަލާއެކު ކަމަށްވެސް ވިދާޅުވި އެވެ.

ހަނިމާދޫގެ ހާލަތު ބަދަލުކުރުމަށް އެރަށު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ މުޅިން އާ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމައި ހިދުމަތް ދެވޭނީ 2024 ވަނަ އަހަރުކަމަށް ވެސް ސަރުކާރުންވަނީ ހާމަކޮށްފައެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް