ރަޝިޔާއިން ޔޫކުރޭނާ ހަނގުރާމަ ފެށިތާ 4 މަސް ފުރިއްޖެއެވެ. މިހާރު ހަނގުރާމައިގެ އެންމެ މުހިންމު ސަރަހައްދަކަށް ވެފައި ވަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގެ ޑޮންބާސް އެވެ. ޔޫކްރޭންގެ ރައީސްގެ އޮފީހުން ހާމަކުރި ގޮތުގައި އެ ސަރަހައްދުގައި ކުރަމުންދާ ހަނގުރާމައިގެ ނުރައްކަލާއި ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވި ގޮތުގައި ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ ރަޝިޔާގެ ސަރަހައްދުތަކަށް ހުޅަނގުގެ ގައުމުތަކުން ޔޫކްރޭން މެދުވެރިކޮށް ބާރު ފޯރުވަން މަސައްކަތް ކުރަމުންދާތީ އެ ކަން ހުއްޓުވައި އެމެރިކާއާއި ހުޅަނގުގެ ވަކިތަކުން ރަޝިއާ ދިފާއުކުރުމަށެވެ.
ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުން މެދުކެނޑުމެއްނެތި ޔޫކްރޭނަށް ދަނީ އެހީތެރިވަމުންނެވެ. މާލީ ގޮތުންނެވެ. ހަތިޔާރުގެ ގޮތުންނެވެ.
ޔޫކްރޭންގެ ސަރުކާރުން ބުނި ގޮތުގައި އެންމެ ފަހުން އެމެރިކާއިން ޔޫކްރޭނަށް ދިން ބަރު ހަތިޔާރުގެ ބޭނުންކޮށްގެން ޔޫކްރޭންގެ ސިފައިންނަށް ދުރުގައިވާ ރަޝިއާގެ އަމާޒުތަކަށް ހަމަލާ ދެވޭނެއެވެ.
ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން ވަނީ ޔޫކްރޭނަށް 6 ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދީފައެވެ. އަދި އެކަމުގެ ސަބަބުން ހަނގުރާމައިގެ ހުޅުގަނޑު ދަނީ ބޮޑު ވަމުންނެވެ. ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުން ކުރާ މަސައްކަތަށް ވުރެ ހަނގުރާމައިގެ ހުޅުގަނޑު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތް ގިނަގުނަ އެވެ.
ޔޫކްރޭން ހަނގުރާމައިން ރަޝިއާ ބަލިވެ އިނދަޖެހެމުން ދާކަމަށް ހުޅަނނގުގެ މީޑިއާތަކުން ޚަބަރު ފެތުރިކަމަށްވިޔަސް ރަޝިއާއިން ދަނީ ޔޫކްރޭންގެ ސަރަހައްދަކަށްފަހު ސަރަހައްދެއް ފަތަހަ ކުރަމުން ކުރިއަށެވެ.