ވެނެޒުއެލާ އަށް ކުރިމަތިވި ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ފަސްހާހަށް ވުރެ އިތުރު ވެފައިވާކަމަށް ޚަބަރު ލިބެއެވެ.ބިންހެލުމާއި ގުޅިގެން ގެދޮރުނެތި ހާލުގައި ޖެހިފައިވާ ވިއްސަކަށްހާސް މީހުން މިވަގުތު ދިރިއުޅެމުން ގެންދަނީ ތޮއްޖެހިފައިވާ ވަގުތީ ކޭމްޕް ތަކުގައެވެ.
ވެނެޒުއެލާގެ ރައީސް އޮފީހުންނެރުނު ބަޔާނެއްގައި ވަގުތީ ގޮތުން ރައީސްކަމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެލްސީ ރޮޑްރިގޭޒް ވަނީ ބިންހެލުމަށްފަހު ގެއްލުން ލިބުނު ހިސާބުތައް އަލުން ބިނާ ކުރުމަށާ އެހެންވެސް ކަންކަން ހަމަޖެއްސުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 346މިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވެފައިވާކަން ހާމަ ކުރައްވާފައެވެ.
ޖޫން މަހުގެ 24 ވަނަ ދުވަހު 7.2 ގެ ބާރުމިނުގައި އަދި 7.5 ގެ ބާރުމިނުގައި، އެއް މިނިޓްގެ ދުރުމިނުގައި ކުރިމަތިވި ދެބިންހެލުމުގައި ވެނެޒުއެލާގެ ބޮޑު ސަރަހައްދެއްގައި ހުރި ގިނަ އުސް އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ.
ނެޝަނަލް އެސެމްބްލީ ގެ ޗީފް ޖޭ.ރޮޑްރިގޭޒް ޓެލެގްރާމްގައި ލިއުއްވި ޕޯސްޓެއްގައި ހާމަ ކުރައްވާފައިވާ ގޮތުގައި ބިންހެލުމުގައި މަރުވިކަން މިހާތަނަށް ޔަގީން ކުރެވިފައިވާ މީހުންގެ އަދަދުވަނީ
5،069އަށް އަރާފައެވެ. މަރުވި ގިނަ މީހުން ނިސްބަތްވަނީ ”ކޯސްޓަލް“ ސަރަހައްދު ތަކަށް ކަމަށް އެޕޯސްޓް ގައި ވެއެވެ. އޮތޯރިޓީ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި ބިންހެލުމުގައި 16،740 މީހުން ނަށް އެކި އަނިޔާތައް ލިބިގެން ހޮސްޕިޓަލްތަކުން ފަރުވާ ދީފައިވާ އިރު އޭގެ ތެރެއިން ގިނަ މީހުން މިހާރުވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައި ކަމަށް ބުނެފައި ވެއެވެ.
ބައިބޯވެފައިވާ ވަގުތީ ކޭމްޕް ތަކުގައި ފާޚާނާ ކުރުމާއި ސާފު ބޯފެނުގެ ޚިދުމަތްވެސް އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދިއުމާއި އެކު އައި.އެމް.އެފުން ދޭން ނިންމި އެހީގެ ފައިސާގައި ވަގުތީ ގޮތުން މިކަންކަން ހަމަޖައްސާދެވޭނެ ކަމަށް ވެއެވެ.
އައި.އެމް.އެފް އާއި ވަރލްޑް ބޭންކް ފަދަ މާލީ އިދާރާތަކުން ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ ބަލައި ނުގަންނަ ކަމަށް ވެއެވެ.އެހެން ކަމުން ކުރިން މިފަދަ އެހީތައް ވެނެޒުއެލާ އަށް ދިނުމަށް އައީ ދެކޮޅު ހަދަމުންނެވެ.
މިއަހަރުގެ ޖެނުއަރީމަހު އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަރައި ގަދަބާރުން ރައީސް މަޑޫރޯ އެގައުމުން ގެންދިއުމަށްފަހު މިފަދަ އެހީތައް ލިބުމުގެ މަގުވަނީ ފަހިވެފައެވެ.
![]()
