އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ދެ ތުއްތުކުދިން ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ތެލަންގާނާގެ އަދިލާބާދުގައި ހުންނަ ރާޖީވް ގާންދީ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ގެ ސްޕެޝަލް ނިއުބޯން ކެއާ ޔުނިޓް ”އެސް.އެން.ސީ.ޔޫ“ ގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ ތުއްތުކުދިން މަރުވެއްޖެއެވެ.

އަލިފާން ރޯވީ ދަންވަރު ގާތްގަނޑަކަށް 11:50 ހާއިރު ކަމަށްވާއިރު، ކުޑަކުދިން ބަލަހައްޓާ ވޯޑު ވަނީ އަލިފާނާއި ބޯ ދުމުން ފުރިފައެވެ. އިބްތިދާއީ ރިޕޯޓްތައް ބުނާގޮތުގައި އަލިފާން ރޯވާން މެދުވެރިވީ އެއާކޮންޑިޝަނަރަކުން ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާކުރެވުނު ނަމަވެސް، ކަމާބެހޭ ފަރާތްތަކުން އަދި އަލިފާން ރޯވި ސީދާ ސަބަބު ދެނެގަނެފައެއް ނުވެއެވެ.

އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުމާއެކު، އެ ޔުނިޓުން ޖުމްލަ 28 ކުދިން ވަނީ ސަލާމަތްތެރިކަމާއެކު ނެރެފައެވެ. އަލިފާން ނިއްވާ މީހުން އަވަހަށް ހޮސްޕިޓަލަށް ގޮސް އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

ފުލުހުން މިހާރު ވަނީ މި މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގު ފަށާފައެވެ. މި ހާދިސާގައި ކުދިން މަރުވާން މެދުވެރިވީ އެއްވެސް އިހުމާލެއް ނުވަތަ ފަރުވާކުޑަކަމެއް އޮވެގެންތޯ ބެލުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން ދަނީ ހޮސްޕިޓަލުގެ އިލެކްޓްރިކަލް ނިޒާމާއި، އެއާކޮންޑިޝަން އިކުއިޕްމަންޓްތަކާއި އަދި އަލިފާނުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލައި ފާސްކުރަމުންނެވެ.

ތެލަންގާނާގެ ޗީފް މިނިސްޓަރު ރޭވަންތު ރެޑީ ވަނީ މި ހާދިސާގައި ކުދިން މަރުވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ ކުދިންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އެކުދިންގެ ހާލަތު މެދުކެނޑުމެއްނެތި ބަލަމުން ގެންދިއުމަށް އޭނާ ވަނީ އޮފިޝަލުންނަށް އަންގަވާފައެވެ.

މީގެއިތުރުން ރެޑީ ވަނީ މިކަމާ ގުޅޭ ތަފްސީލީ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވައި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސްޓޭޓްގެ ހޮސްޕިޓަލްތަކުގައި އަލިފާނާއި ކަރަންޓުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް