އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެއެވެ. އަދި އެ ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި ދެ ޕައިލެޓުން ވަނީ މަރުވެފައެވެ.
ޗަތީސްގަޅުގެ ރާއޭޕޫރުގެ ސްވާމީ ވިވެކަނަންދާ އެއާޕޯޓުގައި ހިނގި ހިތާމަވެރި ހާދިސާގައި މަރުވީ ކެޕްޓަން ގޯޕާލް ކްރިޝްނާ ޕަންޑާ އާއި ކެޕްޓަން އޭޕީ ޝްރީވާސްތަވާ އެވެ.އެ ދެމީހުންގެ ތެރެއިން އެކަކު ހެލިކޮޕްޓަރ ވެއްޓުމާއެކު ލިބުނު ހާނީއްކައިގައި ވަގުތުން މަރުވިއެވެ. އަނެއް މީހާ މަރުވީ ހޮސްޕިޓަލަށް ގެން ގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚްމުވެފައެވެ.
ހުކުރުވިލޭރޭ 9.10 ގައި ހިނގި ހިތާމަވެރި ހާދިސާގައި ހެލިކޮޕްޓަރ ވެއްޓުނީ އުދުހުމުގެ ތަމްރީނުތަކެއް ހެދުމަށް ފަހު ތިރިކުރަން އުޅެނިކޮށެވެ. މަންޒަރު ދުށް މީހުން ބުނިގޮތުގައި ކުއްލިއަކަށް ހެލިކޮޕްޓަރުގައި ރޯވެ އަނދަން ފެށީއެވެ. ދެން ފެނުނީ ހެލިކޮޕްޓަރ ވެއްޓުނުތަނެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ހެލިކޮޕްޓަރ ވެއްޓުނީ ފަންނީ މައްސަލައެއް ދިމާވެގެންނެވެ. ކަމާބެހޭ ފަރާތްތައް ގުޅިގެން ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ކަންތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އިންޑިއާއަކީ ހެލިކޮޕްޓަރާއި ފްލައިޓް ވެއްޓުމުގެ ހާދިސާ ގިނަގިނައިން ހިނގާ ގައުމެކެވެ.
އިންޑިއާގައި އުފައްދާފައިވާ ދެ ހެލިކޮޕްޓަރ އިންޑިއާގެ ވައިގެ ސިފައިން ދިވެހިރާއްޖޭގައި ވެސް ބޭނުންކުރަމުންގެންދެއެވެ.