ރައީސް ޞާލިޙް:"އިންޑިއާ އައުޓް" އިން ގައުމީ ސަލާމަތަށް ނުރައްކާވޭ ރައީސް ޔާމީނު: އިންޑިއާ ސިފައިންނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް އިންޑިއާއިން ދަރަނި ދަންތުރަ ޖަހައި ސިފައިން ބައިތިއްބައި ރާއްޖެ އަޅުވެތި ކުރަނީ

Loading

Facebook
Twitter
WhatsApp

ޗައިނާއިން ރާއްޖެއަށް ލޯނު ދިނުމަށްފަހު ބްރިޖު ބަލަހައްޓާށޭ ބުނެ ޗައިނާގެ ސިފައިން ރާއްޖޭގައި ބައިތިއްބާފައެއް ނެތެވެ. ޖަޕާނުން މާލެވަށައި ތޮށިލައިދީ ސްކޫލްތައް އަޅައި ދިނުމަށްފަހު އެތަންތަން ބަލަހައްޓަން ޖަޕާނުގެ ސިފައިން ރާއްޖޭގައި ބަތިއްބާފައެއް ނުވެއެވެ. ޕާކިސްތާނުން ރައްޔިތުންގެ މަޖިލިސްގެ އިމާރާތް އަޅައި ދިނުމަށް ފަހު އެތަނުގެ އެތެރެއާއި ބޭރުގައި ޕާކިސްތާނުގެ ސިފައިން ބައިތިއްބާކަށް ނޫޅެއެވެ. ނަމަވެސް މިއަދު ދިވެހި ގައުމުން ފެންނަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާއަށް ފައިދާވާ ގޮތަށް ރާއްޖެއަށް ލޯނު ދިނުމާއެކު ރާއްޖޭގެ އެކި ސަރަހައްދުގައި އިންޑިއާގެ ސިފައިން އެކި ކަންކަމުގައި އެކި ނަންނަމުގައި ބައިތިއްބައި ހަރަކާތްތެރިވަމުންދާތެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ފައިވިއްދައި ބާރުގަދަކުރަމުން ދާތަނެވެ.

ރައީސް ޔާމީނު ދެކެވަޑައިގަންނަވާ ގޮތުގައި އަދި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބުމަކީ މިހާރު ވެސް އަދި އަމުދުން މުސްތަގުބަލަށް ބަލާއިރު ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އެހެންވެ ރައީސް ޔާމީން ގެންދަވަނީ ”އިންޑިއާ އައުޓް“ މިނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވަރަށް ވަރުގަދަ ކެމްޕޭނެއް މާލެއާއި ރާއްޖޭގެ އެކިރަށްރަށުގައި ހިންގަވަމުންނެވެ. އެކަން ހުއްޓުވުމަށް އެމްޑީޕީ ކޯލިޝަން ސަރުކާރުން މިހާތަނަށް ކުރި މަސައްކަތް ވަނީ ފޭލުވެފައެވެ. ނަމަވެސް އެހަރަކާތްތަކަށް އިތުރަށް ދިރުން ލިބި ސަރުކާރު ދިޔައީ ނޭވާހޮޅިއަށް އެޅެމުންނެވެ. މުޒާހަރާ ކުރަމުންދާ މީހުން މައިތިރިކުރަން ފުލުހުން ދިޔައީ ގާނޫނީ އިމުން ބޭރުވެ ހަރުކަށިވެ އަނިޔާވެރިވަމުންނެވެ.

ރައީސް ޔާމީނު: އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ވަރަށް ދެކޮޅު

”އިންޑިއާ އައުޓް“ ހަރަކާތް ނުހުއްޓުވި ނޭވާހޮޅިއަށް އެޅެމުންދާ ސަރުކާރުން ގާނޫނެއް ހަދައި އެކަން ހުއްޓުވުމަށް ވެސް އުޅުނެވެ. އެކަމެއް ނުވިއެވެ. އެންމެ ފަހުން ”އިންޑިއާ އައުޓް“ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ ގަރާރުގައި ރައީސް ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެންމެ ފުޅާ ދާއިރާއެއްގައި ދީ، ޑިކޮމްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުން އަންނަ އަސާސްތައް ދެމެހެއްޓުން ކަމަށާއި ނަމަވެސް، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ. އެހެންކަމަށް ދެކެވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި މިކަން މިގޮތުގެ މަތިން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ އިދާރާތަކަށް އަންގައި މި ގަރާރު އެކަށައެޅީކަމަށެވެ. އެކަމަކު ސުއާލަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ނިގުޅައިގަތުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ ހޯއްދެވީ ގާނޫނު އަސާސީގެ ކޮން މާއްދާއެއްގެ ދަށުންކަން ނޭނގުމެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް އެދި މާލޭގައި މުޒާހަރާ ކުރަނީ

އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި، ރާއްޖެއާއި އިންޑިއާއާ އެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީ އަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށް ރައީސް ވިދާޅުވާއިރު ގާނޫނު އަސާސީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދީފައިވާ މިނިވަންކަން ފޭރިގަތުމަކީ ގާނޫނުއަސާސީއަށް ޣައްދާރުވުންކަމުގައި ނުވާނޭ ހެއްޔެވެ؟

ރައީސް ޞާލިޙުގެ ގަރާރުގައި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގައި ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށާއި ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ވެސް ގައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމަށާއި ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތިކުރުން، ފުރައްސާރަކުރުން ނުވަތަ ތަފާތުކުރުމަކީ މަނާ ކަމެއް ކަމަށް ވިދާޅުވެ މިފަދަ ކަންކަމަކީ ރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމަށް ބަޔާންކުރައްވާފައި ވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސްގެ ގަރާރުގައި ބަޔާންކުރައްވާފައިވާ އެއްވެސް ކަމަކާ ”އިންޑިއާ އައުޓް“ ގުޅުމެއް ނެތްކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ތިބި އިންޑީއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ބޮޑު ބެނާއެއް ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ދެމެމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެކަމާ ހިތްޕުޅާ ނުވެގެން ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުގައި އިންނަވައި ވާހަކަފުޅު ދައްކކަވާފައެވެ.

އިންޑިއާގެ މުސްލިމުންނަށް ކުރާ އަނިޔާއާއި ގުޅިގެން ދިވެހި ސަރުކާރުން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ފުރުސަތު ނުދިނުމަށް ނިންމަވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރަތްތަކުގައި އިންޑިއާއާއި ގުޅޭގޮތުން ބަދުބަސް ބުނެ ބެނާތައް ހަރުކުރުމަކީ ގާނޫނުލް ޢުޤޫބާތާ ޚިލާފުކަމެއް ކަމަށެވެ. އަދި އެއީ އާންމު މަސްލަހަތާ ވެސް ހިލާފު ކަމެއް ކަމަށާއި، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވަގުތުން ވަގުތަށް ފުލުހުން އެ ނަގަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

”އިންޑިއާ އައުޓް“ ލިޔެ ބެނާ ދަމާފައި ހުރުމަކީ، ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވާކަމަށާއި ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާ ކަމެއްކަމަށް ބުނެ ފުލުހުން ވަނީ މާލޭގެ ތިން ގެއެއްގައި ދަމާފައިވާ އިންޑިއާ އައުޓް ލިޔެފައިވާ ބެނާތައް މިއަދު ނަގާފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ އޮފީހުގައި ދަމާފައިވާ ބެނާއާއި ރައީސް ޔާމީނުގެ ގެކޮޅުގައި ނަގާފައިވާ 50 ހެއްހާ ފޫޓުގެ ބެނާ ވެސް ހިމެނެއެވެ.

ޕީޕީއެމްގެ އިސް ބޭފުޅެއްކަމުގައިވާ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ވިދާޅުވީ ބެނާތައް ނަގަންޖެހޭ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށާއި އެކަން ކުރަނީ ސަރުކާރުން ފުލުހުންނާއި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އެކަން ކުރުމަށް މަޖުބޫރު ކުރަނީ އިންޑިއާއާއެކު ގޮތް ”ގާތް“ ގުޅުމެއްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”ރާއްޖޭގެ އެއްވެސް ގާނޫނެއް ތަންނުދޭ އިރުވެސް ބާރުގެ ބޭނުންކޮށްގެން އިންޑިއާ އައުޓް ބެނާތައް ނެގުމުގެ މަސައްކަތް ކުރަނީ އިންޑިއާއާ މި ސަރުކާރާ ދެމެދު އޮތް ގޮތް ނޭނގޭ ސިއްރު އެގްރީމެންޓުތަކުގެ ސަބަބުން ސަރުކާރު ކޮމްޕްރޮމައިޒް ވެފައި އޮތީމަ.“ ސެމްބެ ވިދާޅުވި އެވެ. އެކަމަކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ގޭގޭގައި އެގޮތަށް ހަރުކޮށްފައި ހުރި ބެނާތައް ފުލުހުން ނުކުމެ ނެގުމަކީ ގާނޫނީ ކުށެއް ކަމަށާއި އެކަންކަން ބެލޭނެ ކަމަށް ސެމްބެ ވިދާޅުވި އެވެ.

”އިންޑިއާ އައުޓް“ ހަރަކާތުގައި ސީރިއަސްކޮށް އުޅެމުންދާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާއިން ދަރަނި ދަންތުރަ ޖަހައި އެ ގައުމުގެ ސިފައިން ރާއްޖޭގައި ބައިތިއްބައި މިހާރު ދަނީ ރާއްޖެ އަޅުވެތި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް