ޕާކިސްތަނުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެ

Loading

Facebook
Twitter
WhatsApp

 

ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާންގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެ ގައުމުގެ ނެޝަނަލް އެސެމްބްލީ (ގާނޫނު ހަދާ މަޖިލިސް) އަށް ހުށަހަޅައި ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް އެ މައްސަލަ ގާނޫނުހަދާ މަޖިލީހުން ނުބެލޭނެ ކަމަށް ނިންމައި މަޖިލީހުން ބޭރުކޮށްފައި ވަނިކޮށް ބޮޑުވަޒީރު ޢިމްރާނު ޚާނުގެ އެދިވަޑައިގަތުމަށް ޕާކިސްތާނުގެ ރައީސް ޑޮކްޓަރ ޢާރިފް ޢަލަވީ ގާނޫނު ހަދާ މަޖިލިސް އުވާލެއްވުމުން އެ ގައުމުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލި ވެއްޖެއެވެ.

ޢިމްރާން ޚާންގެ އިތުބާރުނެތް ކަމުގެ މައްސަލަ ނުބެލޭނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ޑިޕިއުޓީ ސްޕީކަރ ޤާސިމް ސޫރީ ނިންމެވި ނިންމެވުމާއި ގާނޫނު ހަދާ މަޖިލިސް އުވާލަން ނިންމެވި ނިންމެވުމަކީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އިދިކޮޅު ޕާޓީތަކުން ގަބޫލުކުރާ ގޮތުގައި މިއަދު އިމްރާނު ޚާނުގެ އިތުބާރު އޮތްކަމުގެ ވޯޓު ނެގިނަމަ ޢިމްރާން ޚާނަށް ގާނޫނު ހަދާ މަޖިލީހުގެ 342 ގޮނޑީގެ ދެބައިކުޅަ އެއްބައި ވޯޓު ހަމަނުވެ މަގާމު ގެއްލޭނެއެވެ. އެއީ ޢިމްރާނު ޚާނުގެ ޕާކިސްތާން ތަޙުރީކޭ އިންސާފް ޕާޓީއަށް ތާއިދު ކުރަމުންއައި ބައެއް މެންބަރުން އިދިކޮޅު ޕާޓީތަކާ ގުޅިފައިވާތީއެވެ. ޢިމްރާން ވިދާޅުވާ ގޮތުގައި އެއީ ފައިސާއަށް ވިކިފައިވާ ޣައްދާރުންތަކެވެ.

މުޅި ޕާކިސްތާނު މިހާރު އިންތިޒާރު ކުރަމުން ދަނީ ސްޕްރީމް ކޯޓުގެ ނިންމުމަކަށެވެ. އެ ނިންމުން ކޮންމެ ގޮތަކަށް ނިމުނަސް ޕާކިސްތާނުގައި އަވަސް އިންތިޚާބެއް ބާއްވަން ޖެހޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޕާކިސްތާނުގައި ސިޔާސީ ކޯޅުންތައް ބޮޑުވާ ވަރަށް ގިނަ ދަނޑިވަޅުތަކުގައި ސިފައިން ވަނީ ވެރިކަމާ ހަވާލުވެފައެވެ. ނަމަވެސް ޕާކިސްތާނުގެ ސިފައިންގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި ސިޔާސީ ކޯޅުންތަކުގެ ތެރެއަށް ވަންނަން ސިފައިން މިވަގުތު ބޭނުމެއް ނޫނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް