ޕީޕީއެމް-ޕީއެންސީން އިންތިޒާމުކޮށްގެން މިއަދު މާލޭގައި ބާއްވާ ”އިންޑިއާ އައުޓު“ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޕީޕީއެމްއިން އިންޑިއާގެ ހައިކޮމިޝަނަރަށް ދައުވަތު ދެއްވައިފިއެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙުމަދު ޝިޔާމު ޕީޕީއެމް ޖަގަހަ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދު މާލޭގައި ”ނޭވާހޮޅިއަށް“ މިނަމުގައި ބާއްވާ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށާއި އެ ހަރަކާތަކީ ސުލްހަވެރި ހަރަކާތެއްކަމަށެވެ.
”މިއީ ގައުމީ ކަމެއް. އިންޑިއާގެ ހައިކޮމިޝަނަރުވެސް ވަޑައިގަންނަވަންވީ. މިއީ ސިޔާސީ ކަމެއްނޫން!“ ޝިޔާމް ވިދާޅުވިއެވެ. ”ގައުމީ ހަރަކާތްތަކުގައި އިންޑިއާގެ ހައިކޮމިޝަނަރުން ބައިވެރިވެވަޑައިގަންނަވާ ތަން މީގެ ކުރީން ވެސް އަޅުގަނޑުމެންނަށް ފެނޭ. މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަކީ ހަމަޔަގީނުން ވެސް މި ޕާޓީއާއި މި ޕާޓީގެ ލޮބުވެތި ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް.“ އޭނާ އިތުރަށް ވިދާޅުވިއެވެ. ”އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ޔަގީނުން ވެސް އިންޑިއާގެ ރައްޔިތަކާއި ހިތްނުތަނަވަސްކަމެއް އޮވެގެން އުޅޭ ބައެއްނޫން. ވަރަށް ރަހުމަތްތެރި ވަރަށް ގާތް ބައެއް.“
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ ސަފީރު މުނު މަހާވަރް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.
އޭނާއަކީ އިންޖިނިއަރިންގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި މިއަދު އަޅުގަނޑުމެންނަށް ޖެހިގެން އުޅޭ މުސީބާތަކީ މިތަނުގައި އިންޑިއާ ރައްޔިތުން އުޅޭ އުޅުމެއްނޫނެވެ.
”މިއަދު އަޅުގަނޑުމެންނަށް ޖެހިގެން އުޅޭ މުސީބާތަކީ އިންޑިއާގެ ސިފައިން، ޢަސްކަރިއްޔާ މިގައުމުގެ ފަސްގަނޑުގައި ތިބޭތީ.“ އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ޢަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް މިއަދު ހަވީރު މާލޭގައި ބާއްވާ ”ނޭވާހޮޅިއަށް“ މި ހަރަކާތުގައި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރއާއި ޗީފް އޮފް ޑިފެންސް ފޯސްއާއި ޕޮލިސް ކޮމިޝަނަރ ހަމީދު ވެސް ބައިވެރިވެ ވަޑައިގަތުމަށް ޝިޔާމު ވަނީ ދައުވަތު އަރުވައި ރޭގައި ވާހަކަފުޅު ދައްކަވާފައެވެ.