އޯގާވެރި ސަރުކާރޭ ކިޔައި އަމިއްލައަށް އިޝްތިހާރު ވަމުންދާ އެމްޑީޕީ ސަރުކާރުން އެއްފަހަރާ 120 ދޫނި އަނިޔާވެރި ގޮތަކަށް އަންގާރަ ދުވަހު މަރާލި މައްސަލަ ވަރަށް ހޫނު ވެއްޖެއެވެ. އެ އަނިޔާވެރި އަދި ލާއިންސާނީ ޢަމަލާ ގުޅިގެން އެކަމާ ދެކޮޅަށް ނޫސްތަކުގައި ލިޔަމުންދާއިރު ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއަދު ހަވީރު ހެދިގޮނޑުދޮށު ސަރަހައްދުގައި މުޒާހަރާއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި އެންމެ ފަހުން އެ މައްސަލަ ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ލިޔެ ހުށަހެޅުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ފިޝަރީޒް މިނިސްޓްރީއަށް މިހާރު ވަނީ އަންގަވައިފިއެވެ.
ރާއްޖެއަށް އެތެރެކުރިތާ ތިން ހަތަރު މަސްދުވަސް ވެފައިވާ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި ވާހަކަދެއްކެވި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ކެލާދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ފިޔަވައި އެމްޑީޕީގެ އެހެން ހުރިހާ މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ވަނީ ދޫނި މެރި ހާދިސާއާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. މަޖިލީހުގައި ވާހަކަފުޅުދެއްކެވި ގިނަ ބޭފުޅުން ވަނީ މައްސަލަ ތަހުގީގުކުރުމަށް ވެސް ގޮވާލައްވާފައެވެ.
މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ދޫނިތައް މެރުން ސިފަކުރެއްވީ ރާއްޖެއަށް ކުރިމަތިވި ވަރަށް ހުތުރު ދެރަވަރު ކަމެއްގެ ގޮތުގައެވެ.
ރާއީގެ ވާހަކަފުޅުގައި ސަރުކާރުން ކުރާކަންތައްތަކާއި ދައްކާވާހަކަ ދިމާނުވާކަން ވަރަށް ބޮޑަށް ފާހަގަވިއެވެ.
”ރަނގަޅު ތަހުގީގެއް ހިންގަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން.“ އޭނާ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ ދޫނި މެރުމުގެ ހާދިސާއަކީ އެމްޑީޕީއަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.
”އަޅުގަނޑުމެން ސަރުކާރުގައި އޮވެމެ މިޒާތުގެ ކަމެއް ހިނގުމަކީ މިއީ އަޅުގަނޑުމެންނަށް ފޫނުބެއްދޭނޭވަރުގެ ގެއްލުމެއް.“ އޭނާ ވިދާޅުވިއެވެ. ”މިއީ އިންސާނަކަށް ދިމާވި ކަމެއްނަމަ މިއީ ރާއްޖޭގެ ވެރިކަން ވެސް ވެއްޓޭވަރުގެ ކަމެއް މި ހިނގައިގެން ދިޔައީ.“
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދޫނިތައް މެރުމުގެ ހާދިސާއަކީ އާދައިގެ ކަމެއްކަމަށް ހަދައި ދޫކޮށްލާ ވަރުކަމެއް ނޫންކަމަށެވެ.
”ކުއްލިއަކަށް މިހާގިނައަދަދަދެއްގެ ދޫނިތަކެއް ސަރުކާރުން މަރާލުމަކީ ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އުފެދިގެންގޮސްފައިވާ ކަމެއް.“ އޭނާ ވިދާޅުވިއެވެ. ”އެޓަނީ ޖެނެރަލްގެ އޮފީހުން ވިދާޅުވަނީ އެތަކެތި އަނބުރާ ފޮނުވާލުމުގެ ފުރުސަތުއޮތްކަމަށް. އެހެންނަމަވެސް މިއީ އާންކޮށް ކުރަމުން އަންނަކަމެއްކަމަށް ބުނެ ދޫނިތައް މަރާލީ. ރާއްޖޭގެ ރައްޔިތުންނާއި ޒުވާނުން މައްސަލަ ނަގަނީ މިއަށްވުރެ ސީރިއަސް މައްސަލައެއްގެ ގޮތުގައި. ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި. ބަޔޯޑައިވަރސިޓީއަށް ނުބައި އަސަރުކުރާނެ މައްސަލައެއްގެ ގޮތުގައި.“
އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ރާއްޖޭގެ މީޑިއާއާއި ރާއްޖޭގެ ޒުވާނުން މިކަން ސިފަކުރަނީ މިއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަމަށެވެ.
”ރައްޔިތުންނަށް ސިފަވެގެންދަނީ ވަރަށް ރަހުމުކުޑަ އަމަލެއްގެ ގޮތުގައި. މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި މާޔޫސްކަން އެބައޮތް.“ އޭނާ ވިދާޅުވިއެވެ. ”ކުރިއަށް އޮތްތަނުގައި މިފަދަ އަމަލެއް ނުހިނގާނެފަދަ ގޮތަކަށް އަޅުގަނޑުމެން ގާނޫނުތަކާއި ގަވައިދުތަކަށް ބަދަލު ގެންނަން ޖެހޭ.“
ރާއްޖެއަށް އެތެރެކޮށްފައިވާ ކުށެއް ނެތް ދޫނިތައް އެމްޑީޕީގެ އޯގާވެރި ސަރުކާރުން އެއްވެސް ރަޙުމެއްނެތި މަރާލިއިރު، އެ ދޫނިތައް އެތެރެކުރުމާއި ބަންދުކޮށް ގެންގުޅުމުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ހިންގަން އުޅެފައިވާ ކަމަށް ބައެއްފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމު މިއަދު މަޖިލީހުގައި އުފެއްދެވި ސުއާލަކީ އިންސާނުން ހިމާޔަތް ނުކުރެވުނު ބަޔަކަށް ދިރޭތަކެތި ހިމާޔަތް ކުރެވިދާނެތޯއެވެ؟
ދޫނިތައް މަރާލި ހާދިސާގެ ރިޕޯޓެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަމުރުފުޅަށް ފިޝަރީޒް މިނިސްޓްރީން ލިޔެ ރައީސް އޮފީހަށް ހުށަހަޅާނެއެވެ. ނަމަވެސް ގައުމުގައި ހިނގަމުންދާ އަނިޔާވެރިކަމާއި ކޮރަޕްޝަން އެފަދަ ރިޕޯޓަކުން އެކަނި ހުއްޓުވޭނެ ބާވައެވެ!
2 Responses
އަޅެ އަހަރެމެނަށް ދިންނަމަ. ނުލާހިކު ލޯބިން ގެންގުޅުނީމުސް.
މިކަންވެސް މިވީ ސިޔާސީ މައްސަކައަކަށް ދޮތަ!!