ޖަލަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ޖަލަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހުޅުމާލެ ފޭސް ދެއަކުން އިއްޔެ ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިހުން ހުޅުމާލެ ފޭސް ދޭއް ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށްވެއެވެ.

ފުލުހުން ބުނީ  ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުންވަނީ ފިލަން މަސައްކަތްކޮށްފައިކަމަށާ، ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވާ ކަމަށެވެ. އެކަމާ ގުޅިގެން އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހިޔާ ދޭއްގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހުން ގެންގުޅު ކަމަށްބެލެވޭ 18 މޯބައިލް ފޯނާއި، 28 ޗާޖަރާއި، 28 ހެޑް ސެޓާއި، 10 މެމޮރީ ކާޑާއި، 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެޕާޓްމަންޓުން ފެނިފައިވާކަމަށާ،  މި ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.

މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް