ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފެލްޓްތަކުގައި އުފެދޭ ކުނި އުކުމަށް އަދި ބިލް ނުކުރާނެ ކަމަށް ކުނި އުކުމުގެ ހިދުމަތް ދޭ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ އެޕާޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރެޖިސްޓާ ކުރުމަށް ވެމްކޯގެ ’ހައުސްހޯލްޑް‘ ކަލެކްޝަން ހިދުމަތުގެ ފޯމުގައި ބިލް ކުރަން ފެށުމަށް މީގެ ކުރިން ނިންމާފައި ވީ ނަމަވެސް، އެ ނިންމުން މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ.
ވެމްކޯއިން ބުނީ މި ގޮތަށް ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ރަށްޔިތުން އާބާދުވަމުންދާ މިންވަރަށް ބަލައި އަދި އެ ފަދަ ފަރާތްރަކަށް އިތުރަށް ލުއި ދިނުމުގެ ގޮތުންކަމަށެވެ. ކުނީގެ ހިދުމަތް ބިލް ކުރާނެ ވަކި ތާރީހެއް ވެމްކޯއިން ހާމަ ނުކުރެއެވެ. އެކުންފުނިން ބުނީ ވަކި ގޮތެއް އަންގަންދެން ކުނީގެ ހިދުމަތަށް ބިލް ނުކުރާނެ ކަމަށެވެ.
ކުނި ނެގުމަށް ވެމްކޯއިން ލުޔެއް ދިނުމަށް ނިންމާފައި ވާއިރު، ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތްތައް ނިންމަން ދިން މުއްދަތު އިތުރުކޮށް މާޗް މަހު މުއްދަތު ހަމަވާގޮތަށް މިހާރު ސަރުކާރުން ވަނީ ނިންމާފައެވެ. އެ މުއްދަތު ތެރޭގައި ކުލި ނުނަގާ ގޮތަށްވެސް ވަނީ ނިންމާފައެވެ.