މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެން ތުހުމަތަކެއް ކުރެވުނު ދާންދޫ ކައުންސިލް ރައީސަށް ދައުވާ ނުކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާ ނުކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުންގެ އިދާރާއިން މައްސަލަ ނިމުނުގޮތުގެ ލިޔުން އާސިފަށް ދީފައިވާއިރު އޭގައި ބުނެފައިވަނީ ތުހުމަތުކުރެވުނު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ނިމުނު ގޮތުގެ ލިޔުން ހިއްސާކުރައްވަމުން އާސިފްގެ ވަކީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދާންދޫ ދާއިރާގެ ސިޔާސީ ބާރުގަދަ ފަރާތެއްގެ ނުފޫޒު ފޯރުވުމާ އެކު ދާންދޫ ރައީސްގެ މައްޗަށް ކުރެވުނީ އަސާސެއްނެތް ތުހުމަތެއް ކަމުގައި އޭރުވެސް އާސިފް ވިދާޅުވި ކަމަށާ ރައްޔިތުން އިންތިޚާބު ކުރައްވާފައި ތިއްބަވާ ފަރާތްތަކާއި ދޭތެރޭ މިގޮތަށް ކަންކަންކުރުން ބަލައިގަންނަން ދަތިކަމަށެވެ.

ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަން އުޅުނީ އާސިފްގެ އާއިލީ މީހެއްގެ ގެ އެވެ. އެކަމަކު އެ މައުލޫމާތު އޭނާ ލީކްކުރީ އާއިލާގެ މީހަކު ސަލާމަތްކުރަން ކަމަށް ބުނެ ބައެއް މީހުން ވަނީ އޭނާ އާމެދު ތުހުމަތުކޮށްފައެވެ.

އާސިފަށް ތުހުމަތުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިދިޔަ އޯގަސްޓް މަހުގެ 10 ދުވަހުގެ ރޭ އާސިފް އާއި  އިތުރު ތިން  މީހެއްގެ ފޯނު ހިފަހައްޓާފައެވެ. އަދި އެ ފޯނުތައް ހިފެހެއްޓިތާ 33 ދުވަސް ފަހުން ވަނީ އަނބުރާ ދީފަ އެވެ.
އާސިފާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން އޭނައާމެދު ކުރެވުނު ތުހުމަތުތަކަކީ އޭނާގެ އަބުރު ކަތިލުމަށް ދެއްކި ވާހަކަތަކެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް