ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދިން ރާއްޖޭގައި ރެޖިސްޓްރީކޮށްދޭނީ ކޯޓުން ކަނޑައެޅުމުން ކަމަށް ކަނޑައަޅައި އުސޫލެއް އެކުލަވާލައިފި އެވެ.
ގެޒެޓްކޮށްފައިވާ ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާ ބެހޭ އުސޫލު މިހާރުވަނީ ގެޒެޓްކޮށްފައެވެ.
މި އުސޫލުގައިވާ ގޮތުން ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހިންނަށް އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްރީ ކުރަން ބޭނުންވާނަމަ އެކުއްޖަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަމާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި އެ މައްސަލަ ޝަރުއީ ކޯޓަށް ހުށަހަޅަން ޖެހެއެވެ.
އުފަންވާ ކުއްޖާއަކީ ދިވެއްސެއްގެ ދަރިއެއްކަން ކޯޓުން ކަނޑައަޅައިފިނަމަ، އެ ނިންމުން ނިންމާތާ ހަތަރު ދުވަސް ތެރޭގައި އެކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބެލެނިވެރިޔާގެ ޕަވާއޮފް އެޓާނީ އެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތްތަކުން އެ އެކުއްޖާގެ އުފަންވުން ރަޖިސްޓްރީ ކުރުމަށާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމަށް ސިޓީ ހުށަހަޅަން ޖެހޭނެއެވެ.
މި ސިޓީ ހުށަހަޅަން ޖެހޭނީ އެކުއްޖާ ރަޖިސްޓްރީ ކުރަން ބޭނުންވާ ރަށުގެ ކައުންސިލަށެވެ. ސިޓީއާ އެކު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ވެސް ހުށަހަޅަން ޖެހެ އެވެ.
ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދިން ރަޖިސްޓްރީ ކޮށްދޭނެ އުސޫލެއް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އާންމުކޮށްފައި މިވަނީ ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދާ ދިވެހިންނަށް އުފަންވާ ދަރިން ރާއްގޭގައި ރަޖިސްރީ ނުވުވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖެއަށް ނިސްބަތްވާ ބައެއް ކުޑަކުދިން ހާލުގައި ޖެހި އާއިލާތަކުން އެކުދިން ރާއްޖެއަށް ގެނައުމަށް އެކިގޮތްގޮތުން މަސައްކަތްކުރަމުން ދާކަން ފާހަގަ ކުރެވެއެވެ.