މުޣަލް އެމްޕަޔަރ-19

Loading

Facebook
Twitter
WhatsApp

http://sandhaanu.today/18059/  އާއި ގުޅޭ

ސިކުންގެ އިސްވެރިންގެ އިދާރީހިންގުމުގައި މުޣަލްގެ ގިނަ އާދަކާދަތަކެއް ހިފޭއްޓިއެވެ. އޭގެ ތެރޭގައި ސިކުންގެ ވެރިންނާ ގުޅުންހުރި މީހުންނަށް އިސް މަގާމުތައް ޚާއްސަ ކުރުމާއި ސަރުކާރު ހިންގުމުގެ އޮނިގަނޑުގައި މުޣަލުންގެންގުޅުނު ފަދައިން ފާރިސީންގެ ނިޒާމުތައް ހިފާއްޓަމުން ގެންދިޔައެވެ. ސިކުންގެ އެންމެބޮޑެތި އިލްމުވެރިން ކަމުގައި ހިމެނޭ ގިނަ މީހުން ޚަތުރީންގެ ނަސްލަށް ނިސްބަތް ކުރެވޭނަމަވެސް ސިކުންގެ ވެރިންކަމުގައި ގިނައީ ޖަޓުންގެ ނަސްލަށް ނިސްބަތްކުރެވޭ މީހުންނެވެ.

ބައެއް ލިއުންތެރިން ފާހަގަކުރާގޮތުގައި ޖަޓުންނަކީ ސިކުންގެ ހަތަރު ނަސްލުގެ ތެރެއިން އެންމެ ދަށް ނަސްލަށް ނިސްބަތް ކުރެވޭ މީހުންނެވެ. ސިކުންގެ މި އިންތިޒާމްތައް މިގޮތަށް ރާވައި ހމަޖެއްސުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ސިކުންގެ އިސްމީހުންގެ ތެރޭގައި ހިމެނޭ ރަންޖީތުސިންގް ގެ ކާފަ ދަރިއެއްކަމަށްވާ ސަރްހަތު ސިންގް ޝުކެރްޗާކިޔާ އެވެ. ރަންޖީތުސިންގްއަށް ނިސްބަތްކުރެވޭ ވެރިކަން 1799 ން 1839 ށް ދެމިގެން ދިޔައެވެ. ރަންޖީތު ސިންގް އަށް ނިސްބަތްކުރެވޭ ވެރިކަމުގެ 40 އަކަށް އަހަރުދުވަހުގެ ތެރޭގައި އޭނާގެ ވެރިކަން ވަރަށްބޮޑަށް ފުޅާވެގެން ދިޔައެވެ. މައިގަނޑު ގޮތެއްގައި އޭނާގެ ބައިވެރިން ކަމުގައިހިމެނުނީ އަފްޣާނުންނާއި ރާޖްޕުތުންނާއި އަދި ނަސްލީގޮތުން ބާރުކުޑަ ސިކުންނެވެ. 1818 ވަނައަހަރު މުލްޓަން އޭނަގެ ބާރުގެ ދަށަށް ގެނައެވެ. އަދި ޖެހިގެން އައި އަހަރު ކަޝްމީރުގެ ބޮޑުބައެއް ވެސް އޮތީ އޭނަގެ ވެރިކަމުގެ ދަށަށް ގެނެއްސައެވެ. ރަންޖީތު ސިންގް މަރުވިއިރު އުތުރު އިންޑިއާއާއި މަރުކަޒީ އޭޝިއާ އަދި އީރާން ފަދަ ގައުމުތަކުގެ ވިޔަފާރި އޮތީ މުޅިންހެން އޭނާގެ ބާރުގެ ދަށުގައޭވެސް ބުނެވިދާނެއެވެ.

ރަންޖީތު ސިންގް ގެ ވެރިކަން ކިތަންމެ ބޮޑަށް ފެތުރިފައި އޮތްނަމަވެސް ހަގީގަތުގައި އެވެރިކަމަކީ އެދުވަސްވަރު ކޮންމެހެންވެސް ބޭނުންވާ މާބޮޑު މިލިޓަރީ ބާރުވެރިކަމެއް ލިބިފައިއޮތް ވެރިކަމެއް ނޫނެވެ. އެހެންކަމުން ރަންޖީތުސިން މަރުވުމަށްފަހު އެއްފަރާތުން އޭނާގެ ދަނބިދަރިފުޅު ޗާންދު ކައުރު އަށް ތާއީދުކުރާ މީހުންނާއި އަދި އަނެއްކޮޅުން ޝީރު ސިންގްގެ ސަޕޯރޓަރުންގެ މެދުގައި ވެރިކަމުގެ ދެބަސްވުންތައް ފެށިގެން ހިނގައްޖެއެވެ. އެދުވަސްވަރު އިންޑިއާގައި ފައިހަރުކުރަމުން ގެންދިޔަ އީސްޓް އިންޑިއާ ކޮމްޕެނީން ކޮންމެވެސް ސިފައެއްގައި އެ ވެރިކަން ގަބޫލުކުރިއެވެ. އަދި އިނގިރޭސީންގެ ޒަމާނީ ހަތިޔާރުތަކާއި އަދި އިނގިރޭސި ސިފައިންގެ އެއްބާރުލުންވެސް ލިބިގެންދިޔައެވެ. އެހެންކަމުން ވަގުތަކަށް ބަލަބަލާތިބި އިނގިރޭސިންނަށް ލިބިގެންދިޔައީ ހީވެސް ނުކުރާކަހަލަ ރަނުގެ ފުރުސަތެކެވެ. އަދި ސަރްހަތު ސިންގް މަރުވުމަށްފަހު 10 އަހަރުގެ ތެރޭގައި ޕަންޖާބު އިނގިރޭސީންގެ ބާރުގެ ދަށަށް ގެނެއްސިއެވެ. މިހިސާބުން އިންޑިއާގައި ކުރިއްސުރެން ހިނގަމުން އައި ސިޔާސީ ނިޒާމުނިމުމުގެ ފެށުން ކަމުގައި ވެގެން ހިނގައްޖެއެވެ.

އެހެންނަމަވެސް އިނގިރޭސީންގެ ކަރުގައި ޖެހިފައިހުރި ކައްޓެއްފަދަ ދެ ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާ އެކަމަކު ގެނެވޭނެ މަގެއް ނުފެނިފާ އޮތެވެ. އެއީ މަރާތުންގެ ބާރުގެ ދަށުގައިއޮތް ޓްރެވަންކޯރއާއި މައިސޫރުގެ ސަރަހައްދާއި ރާޖަސްތާނެވެ. މަރާތުންނާއި ރާޖަސްތާނުގެ ކަޗްވާހާ ދަރިކޮޅުގެ މީހުންނަކީ އަބަދުވެސް މުޣަލް ރަސްކަމަށް އެއްބާރުލުން ދެމުން އައި ބައެކެވެ. މައިސޫރު ސަރަހައްދަކީ ކަނޑަށް ހުޅުވިފައިނެތް ތަނަކަށްވުމުގެ ސަބަބުންނާއި ކަނޑަށް ނިކުމެވޭ މަގުތައް އީސްޓް އިންޑިއާ ކޮމްޕެނީގެ ބާރުގެ ދަށުގައި އޮތުމުގެ ސަބަބުން ވިޔަފާރިއާއ އިގްތިސޯދުގައި އިނގިރޭސީންގެ އުނދަގޫއޮތީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެހެންކަމުން ކަނޑަށް ވާސިލުވުމުގެ މަގެއް ހުޅުވުމަށްޓަކައި ކެރެލާއަށް ނިސްބަތްކުރެވޭ ޓްރިވަންކޯރުގެ ވެރިންކަމުގައި ތިބި މަރްތަންޑާ ވަރުމާއާއި ރާމާ ވަރުމާ އަދި މައިސޫރުން ހައިދަރު ޢަލީ އާއި އޭނާގެ ދަރި ޓިއްޕޫ ސުލްތާނު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް މުޣަލް ރަސްކަމުގެ ރަހަ ކަރުތެރޭގައި ލާފައިތިބި ބައެއް ނަވާބުންނާއި ނިޒާމުން ފަދަ ބާރުގަދަ ބައެއް މުސްލިމް ވެރިންވެސް ތިބީ އެމީހުންގެ ބާރު ކުޑަވެދާނެފަދަ ކަމަކަށް އާނ ބަސް ބުނާކަށްނޫނެވެ.

ކޮންމެބޭފުޅަކުވެސް ބޭނުންވެފާއޮތީ އަމިއްލަ ވެރިކަމެކެވެ. އެބޭފުޅުންނަށް ނުވިސްނުނީ އިނގިރޭސީންގެ މަކަރުވެރި ރޭވުންތަކެވެ. އެއްބައެއްވަންތަކަން ނަގާލައި ވަކިވަކިބަޔަކަށް ހެދުމަށް އިނގިރޭސީން ރާވަމުން ގެންދިޔަ ކުޅިބައިގާ މަނާތަކެއްގެ ދަރަޖަވެސް ނުލިބުނެވެ. ނަތީޖާއަކަށްވީ އެބޭފުޅުންގެ ބާރުދަމަހައްޓަން އިނގިރޭސީން ފޯރުކޮށްދެމުންގެންދިޔަ އެހީތަކުގެ ދަލުން ސަލާމަތް ނުވެވުމެވެ. ހަމައެއާއެކު ކެރަލާގެ ޓްރިވެންކޯރ އާއި މައިސޫރުގެ ގުޅުންވެސް ކެނޑި މައިސޫރަކީ ޓްރިވެންކޯރަށް އޮތް ނުރައްކަލެއްކަން ވިސްނައިދޭން އިނގިރޭސީންކުރި މަސައްކަތްވެސް ކާމިޔާބެ ވެގެންދިއުމެވެ.

މިއިން ލިބިދޭ އެންމެ މުހިންމު ފިލާވަޅަކީ ހުޅަނުގެ ދޮންމީހުން އޭރުވެސް އަދި މިހާރުވެސް ރާވަމުން ގެންދާކުޅިބައިގެ އަސްލަކީ މުޖުތަމާ ބައިބައި ކޮށްލުން ކަމެވެ. އެމީހުންގެ ބާރުތައް ކުރިއަރަމުންދިޔައިރުވެސް އަދި މިހާރުވެސް ކަންތައް ކުރަމުންގެންދަނީ އެ މަޝްރޫޢުގަ ދަށުންނެވެ. ބައިބައި ކޮށްނުލެވިއްޖެނަމަ ކައުންސިލްތަކާއި ޕަންޗާޔަތުގެ ނަމުގައި ގިނަ ބަޔަކު ވެރިންކަމުގައި ހަދައިގެންނެވެ.

ރަންޖީތު ސިންގްގެ ވެރިކަމަކީ ސިކުންގެ ތަފާތު ނަސްލުތަކުގެ މައްޗަށް އެކުލެވިގެންދިޔަ ވެރިކަމެކެވެ. އަދި އެއީ މުޣަލުންނާ އިދިކޮޅަށް އެތައްޒަމާނެއްވާންދެން ހިންގަމުން ގެންދިޔަ ދެކޮޅުވެރިކަމުގެ ނިމުން ކަމުގައިބެލެވޭއިރު ހަމަ މިމޭރުމުން އެއީ އަފްޣާނުންގެ ވިސްނުންތެރިކަމާއި އުސޫލުތަކުގެ މައްޗަށް އެކުލަވާލެވިގެންދިޔަ ސިޔާސީ ނިޒާމެކެވެ. ސިކުންގެ ވެރިކަމުގައި ވެރިރަށުގެ ގޮތުގައި ހަމަޖެއްސީ ލާހޯރެވެ. އެހެންނަމަވެސް ތައިމޫރަށްފަހު ވެރިކަމަށް އައި ޝާހު ޒަމާނުގެ ވެރިކަމުގައި އަލުން ލާހޯރު އަނބުރާ މުޣަލްރަސްކަމުގެ ބާރުގެ ދަށަށް ގެނެވުނެވެ. އަދި ޝާހުޒަމާނުގެ ބާރުގެ ދަށަށް އެ ސަރަހައްދުގެ ވިޔަފާރިތައް ގެނެސް ކަޝްމީރުގެ އުފެއްދުންތައް ކަމުގައި ހިމެނޭ އަންނައުނާއި ލޮނާއި އަދި ދަނޑުގޮވާމުގެ އުފެއްދުންތައްވެސް އޭނާގެ ބާރުގެދަށަށްގެނެސް ވިޔަފާރީގެ ގަވައިދުތައް ހިންގަން ފެށިއެވެ. 1809 ވަނަ އަހަރާ ހަމަޔަށް އައިއިރު ޝާހުޒަމާނުގެ ވެރިކަމަކީ މާލީގޮތުން ފުދުންތެރި އަދި ސާޅީސް ހާހަށްވުރެން ގިނަ ސިފައިންމައްޗަށް އެކުލެވޭ ބިޔަ ލަޝްކަރެއް އޮތް ބާރުގަދަ ވެރިކަމެކެވެ. އަދި ޕަންޖާބު ސަރަހައްދުގައި ޝާހު ޒަމާނުގެ ވެރިކަމާ އަޅާކިޔޭނެ އެހެން ވެރިކަމެއް ނެތެވެ.

ޓިއްޕޫ ސުލްތާނަކީ އޭނާގެ ބައްޕަ ހައިދަރު ޢަލީއަށްވުރެން ކުރިއަށް ވިސްނުން ނެރުއްވިބޭފުޅެކެވެ. އެހެންނަމަވެސް އޭނާގެ ވެރިކަމަކީ ބޭރުގެކުލީ ސިފައިންނާއި ބިދޭސީ މަސައްކަތްތެރިން ގިނަ ސަރުކާރަކަށް ވުމުގެ ސަބަބުން އެތައްބައިވަރު ގޮންޖެހުންތަކެއް އޮތީ ކުރިމަތި ވެފައެވެ. މިއީވެސް ހުޅަނގުގެ މަކަރުވެރި ވިސްނުމެއް ކަމުގައި ގަބޫލުކުރަންޖެހެއެވެ. އެމީހުންނަށް ކުރިމަތިވި ކޮންމެ ނޭދެވޭ ގޮންޖެހުމެއް ވަރަށް ވިސްނުންތެރިކަމާއެކު އެހެންގައުމުތަކަށް ފަތުރަމުންގެންދާ މަންޒަރު މިޔަދުގެ ދުނިޔެވެސް ހެކިދޭނެއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ވެސް މިކަމުން ސަލާމަތް ނުވެވިގެން އުޅެންޖެހިފާއޮތް ގަމުކެވެ. ބައިބައިވުމުން ސަލާމަތްވީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުންނެވެ.

އެތެރެކުރެވިފާތިބި މަސައްކަތުމީހުންގެ ކިބައިން ސަލާމަތްވެވޭނެ މަގެއް ފެންނާކަށް ނެތެވެ. ފެނުނަކަ ނުވެސް ދޭނެއެވެ. ޓިއްޕޫ ސުލްތާނަށްވެސް ކުރިމަތިލާން ޖެހިވަޑައިގަތީ މި ނުރައްކާތެރި ރޭވުމާއެވެ. އެމީހުންގެ ނުފޫޒުން ވެރިކަން ސަލާމަތްކުރެވޭނެ މަގެއް ޓިއްޕޫ ސުލްތާނަށް ފެނިވަޑައިނުގެން އުޅުއްވަނިކޮށް 1799 ވަނައަހަރު އޭނާ އަވަހާރަކޮށްލައިފިއެވެ.

އިންޑިއާގެ 18 ވަނަގަރުނުގެ ތާރީޚަށް ބަލާއިރު އެންމެ ޢާންމުކޮށް ފެންނަ މަންޒަރަކީ ސރަހައްދުތައް ކުރިއަރަމުންދިއުމާއި ވެއްޓެމުންދިއުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ދެމެހެއްޓުމުގެ ފުރުސަތު އެއްވެސް ސަރަހައްދަކަށް ނުލިބުނެވެ. އެއްބަޔަކު ލައްވާ އަނެއްބަޔަކުގެ ވިޔަފާރިޔާއި އިގްތިސާދު ހަލާކުކުރަމުން ގެންދިޔަކަން ތާރީޚުން އެނގެއެވެ. އެކަމަކު އެއީ ހަގީގަތުގައިވެސް ކަންހިނގާދިޔަގޮތްތޯ ނުވަތަ އަޑީގައި ބަޔަކު ތިބެގެން ހިންގަމުންދިޔަ ޖަރީމާތަކެއްތޯ ސުވާލު އުފެދެއެވެ. ފާޅުވެ ހާމަވެގެން ދިޔަ އެއް ހަގީގަތަކީ އީސްޓް އިންޑިއާ ކޮމްޕެނީ ގެ ނުފޫޒުގައި މައިސޫރުގެ ވެރިންނަށް ހަމަނޭވާއެއްވެސް ލާނެ ފުރުސަތެއް ނުދިނެވެ. އެމީހުންގެ އުފެއްދުންތައް މެދުއިރުމައްޗަށްވެސް ބޭރުކުރެވެމުންދިޔައެވެ.

ޓިއްޕޫ ސުލްތާނުގެ ވެރިކަމުގައި އެ މަގުތައް އިތުރަށް ފުޅާކުރަމުންގެންދިޔައެވެ. އެކަމަކު މައިސޫރަކީ ކަނޑުމަގަށް ހުޅުވިފައިނެތް ސަރަހައްދަކަށްވުމުން އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ކަނޑުގެ މަގުތައް ބަންދުކޮށްލުމުން އެތަނުގެ މުޅި އިގްތިސާދު ހަލާކުވެ ވީރާނާވެގެން ދިޔައީއެވެ. މިއީ ހަމަ އެކަނި އެންމެ މިސާލެކެވެ. ދިއްލީއަށް ނަޒަރު ހިންގާލާއިރު ނާދިރު ޝާހު ދެން އަޙުމަދު ޝާހް ދުއްރާނީ އަދި އެންމެފަހުން ރޯހިއްލާއިންގެ ހަމަލާތަކުން މުޣަލްގެ ވެރިންނަށް ޖެހިވަޑައިތީ ހަނގުރާމައިގެ އަސީރުންނަށް ވާށޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. އަދި ދިއްލީގެ ޢާންމު ރައްޔިތުންނަށް އިޙްސާސް ކުރެވެމުންދިޔައީ ދާއިމީ ހިސޯރުކުރުމެއްގެ ދަށުގައި ދިރިއުޅުމެވެ.

.. ނުނިމޭ…

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް