މުޢަލް އެމްޕަޔަރ-18

Loading

Facebook
Twitter
WhatsApp

http://sandhaanu.today/16812/ އާއި ގުޅޭ…

ގުރޫ ނާނައިކް ދަސްކޮށްދިން ފިލާވަޅުތަކުގައި ހިމެނުނު ސިޔާސީ ވިސްނުމުގައި ކުލަޖެހެން ފުރުސަތު ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ. ގާތްގަނޑަކަށް އޭގެ 75 ވަރަކަށް އަހަރުފަހުން ހީވެސް ނުކުރާކަހަލަ ގޮތަކަށް މެދުވެރިވި ހާދިސާއެއްގައި މުޣަލުންގެ ޕްރިންސް ޚުޝްރޫ އާ ދެކޮޅަށް ބަޣާވަތް ކުރުމުގެ ކުށާއި އަދި މުޣަލް ރަސްގެފާނު ޖަހާންގީރުގެ ޑައިރީގައި ބަޔާން ކޮށްފައި ވާގޮތުން ޚަތުރީންގެ ވިޔަފާރިވެރި ގުރޫއަކު ދީނާބެހޭ ދޮގުމައުލޫމާތު ފަތުރަމުން ގެންދާ ކަމުގެ ތުހުމަތު ކުރެވިފައިވަނީ ގުރޫ އަރުޖުންއަށް ކަމަށްބެލެވޭތީ އޭނާއަށް އަނިޔާކޮށް މަރާލުން ވެގެންދިޔައީ ސިކުންގެ އިދިކޮޅު ޙަރަކާތްތަކުގެ ފެށުން ކަމުގައެވެ.

ގުރޫ އަރުޖުންގެ ފަހުން ދީނީ މުޝީރަކަށްވި ހަރގޯބިންދު މުޣަލްއާއި ދެކޮޅަށް ސިއްރިޔާތުގައި މިލިޓަރީއެއް އުފައްދަން މަސައްކަތް ފެށިއެވެ. އަދި ހުރިހާ ފަރާތަކުން ރައްކާތެރިކަން ލިބޭނެގޮތަށް ވަރުގަދަ ކިއްލާއެއް ތައްޔާރުކޮށް މަޝްހޫރު އަކަލް ތަޚްތު ( ނިމުމެއްނެތް ފަރާތަށް ނިސްބަތްކުރެވޭ ތަޚްތު ) ގައި ބައްދަލުވުންތައް ބާއްވަން ފެށިއެވެ.

މިކަންތައްތައް މުޣަލް ރަސްކަމަށް ފަޅާއެރުމުން ހަރގޯބިންދު ޖަލުގައި ބަންދު ކުރެވުނެވެ. އަދި ފަހުން އޭނާދޫކޮއްލުމުން އިތުރަށް އިދިކޮޅު ޙަރަކާތްތައް ކުރިއަށް ގެންދާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ އުމުރުގެ އެންމެ ފަހުދުވަސް ތަކުގައިވެސް ހުންނަންޖެހުނީ މުޣަލްރަސްކަމުގެ ސަރަހައްދުތަކުން ބޭރުގައި ރާޖްޕުތުންގެ ސަރަހައްދަކަށް އަމިއްލައަށް އަރުވާލެވިގެންނެވެ. ހަރގޯބިންދު މަރުވުމާގުޅިގެން ކުޑަދުވަސްކޮޅެއް ހަމަހިމޭންކަމާއެކު ހޭދަވެގެންދިޔައެވެ. ނަމަވެސް އޭނާގެ ދަރި ތޭގް ބަހާދުރުއަކީ 1664 ގައި ގުރޫންގެ 9 ވަނަ ދީނީ މުޝީރުކަމަށް ވުމާއެކު އަނެއްކާވެސް މަސްރަޙް ހޫނުވާން ފެށިއެވެ. ހަމައެއާއެކު އޭނާގެ ކިޔަވާދިނުމުގެ ވައްޓަފާޅިއާއި ދޫފަސޭހަކަމުން އިސާހިތަކު އޭނާ ވަރަށް މަޝްހޫރުވެއްޖެއެވެ. އެހެންނަމަވެސް އޭނާގެ އަމަލުތައް އައުރެންގްޒޭބުގެ ދީނީގޮތުން ދޫދޭން ބޭނުންނުވާ ސުންނީ މުސްލިމު ފިކުރާ ޚިލާފުމުގެ ނަތީޖާއެއްގެގޮތުން 1675 ވަނައަހަރު އޭނާއަތުލައިގަނެ އޭނާއަށް އިސްލާމްދީން ހުށައެޅުމުން އިސްލާމްދީން ގަބޫލުކުރަން ދެކޮޅުހެދުމުން އޭނާއަށް މަރުގެ އަދަބު ދެވުނެވެ. މިކަމުގެ ސަބަބުން 1675 އިން 1708 އަށް ގުރޫންގެ ދީނީ މުޝީރު ކަމުގައި ހުރި ގޯބިންދު ސިންގ ގެ ދުވަސްވަރު ހަމަލާތައް ބަދަލުކުރުން އިތުރުވެގެންދިޔައެވެ.

މުޣަލުންގެ މި އަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ގުރޫންގެ މަޒްހަބު ގަބޫލުކުރަމުން ދިޔަކަންވެސް ފާހަގަ ކޮށްލެވެއެވެ. ސިކުންގެ މަޒުހަބު ހުއްޓުވަން އައުރެންގްޒޭބް ކުރަމުންގެންދިޔަ މަސައްކަތުގެ ސަބަބުން އެ މަޒްހަބު ގަބޫލުކުރަމުންދިޔަ މީހުން ގިނަ ވަމުން ދިޔައެވެ. އެންމެފަހުން ގުރޫންގެ މަރުކަޒެއް 1689 ގައި އާނަންދްޕޫރުގައި ގާއިމު ކުރެވިގެން ދިޔައެވެ. އަދި ސިކުންގެ މެދުގައި އޭނާގެ އަމުރުތަކަކީ ޝާހީ އަމުރުތަކެއްގެ ގޮތުގައި ބަލާގަންނަން ފެށިއެވެ. މިހާލަތުގައިވެސް އޭނާގެ މަގްސަދަށްވީ އައުރެންގްޒޭބާއިއެކު އަދި އޭނަ އަވަހާރަވުމުން ބަހާދުރު ޝާހް 1 އާއި މަޝްވަރާކޮށްގެން ތަފާތުތައް ނައްތާލުމަށެވެ.

އެހެންނަމަވެސް ގޯބިންދު ސިންގް މަރުވުމާއެކު ބަންދާ ސިންގް ބަހާދުރުގެ ވެރިކަމުގައި މަސްރަހް އިތުރަށް ހޫނުވާންފެށިއެވެ. އޭނާއަކީ މަރާތަށް ނިސްބަތްކުރެވޭ މީހެކެވެ. އޭނާ ގުރޫންގެ މަޒްހަބް ގަބޫލުކުރީ ގޯބިންދް ސިންގް ގެ އުމުރުގެ ފަހު ދުވަސްކޮޅު މަހާރަސްތުރާގައި ކިޔަވާދިން ފިލާވަޅުތަކުގެ ނުފޫޒުގައެވެ. ބަންދާސިންގް ގެ ވެރިކަމުގައި 1709 އިން 1710 އަށް ދިއްލީއާއި ކައިރިން ވަރަށްގިނަ ސަރަހައްދުތަކެއް ގުރޫންގެ ބާރުގެ ދަށަށް ގެނެވުނެވެ. އޭގެތެރޭގައި ސިރްހިންދު ސަހަރަންޕޫރު އަދި ހިސާރް ހިމެނެއެވެ. ބަންދާގެ މަރުކަޒުކަމުގައި ކަނޑައެޅީ މުޚްލިސްޕޫރެވެ. އަދި މުޣަލުން ފަދައިން ވަކިން ފައިސާފޮއްޗެއް ތަޢާރުފްކޮށް ވަކި ސިއްކައެއް ބޭނުންކުރަން ފެށިއެވެ.

1710 އަދި 1711 ވަނައަހަރު އަނެއްކާވެސް މުޢަލް ލަޝްކަރުތަކުގެ ޙަމަލާތައް ވަރުގަދަކޮށް ބަންދާގެ ލަޝްކަރުތައް ބަލިކޮށް ސިރްހިންދުގެ ސަރަހައްދުތަކުން ފައްސާލިއެވެ. އެއަށްފަހު އޭނާގެ ލަޝްކަރާއިގެން ދިޔައީ ލާހޯރަށެވެ. އެތަނުންވެސް ކާމިޔާބުވާގޮތެއް ނުވުމުން އެންމެފަހުން ބަންދާއާއި އޭނާގެ ލަޝްކަރު ދިޔައީ ގުރުދާސް ނަންގަލް އަށެވެ. އެތަނުންށްދިއުމުން މުޢަލްގެ ލަޝްކަރުން އެ ސަރަހައްދު ހިސާރުކުރުކޮށްފައި ގިނަ ދުވަސްތަކެއްވަންދެން ބޭއްވިއެވެ. އަދި އެންމެފަހުން 1716 ވަނައަހަރު ބަންދާ ސިންގް އަތުލުމަށްފަހު ގަތުލުކޮށްލިއެވެ.

މިދުވަސްވަރުގެ ތާރީޚުން އެންމެބޮޑަށް ފާހަގަކޮށްލަންޖެހެނީ ސިކުންގެ ވަކިވަކި ގުރޫޕްތަކުން މުޣަލް އެމްޕަޔަރަށް ކުރިމަތިކުރަމުން ގެންދިޔަ ދުއްތުރާތަކަށް ސިކުންގެ ވަތަނީ ސިފައެއްޖެހިގެން އެއްބައެއްގެ ގޮތުގައި މުޢަލްއަށް ދިމާކުރަން ފުރަތަމަފަހަރަށް ފަށާގަތީމައެވެ. ދެންފާހަގަކުރެވޭ އަނެއްކަމަކީ ބަންދާ ސިންގްގެ ވިސްނުމުގައި މިހާރު ސިކުންގެ ޖަމާޢަތްތަކަށް އެމީހުންގެ އަސްލުމަޒްހަބުގެ އުނގެނުންތަކަކީ އިސްލާމުންނާއި ހިންދޫންގެ ތެރެއިން މެދުމިނެއްގައި ގާއިމްކޮށްފައިވާ މަޒްހަބެއްކަން ހަނދާން ނެތެމުންދާކަން ފާހަގަކޮށް އިސްލާމުންނަކީ ދުޝްމަނުންކަން ވިސްނާދިނުން ގެންގުޅުއްވާ ބީދައަކުން ވާހަކަ ދައްކަވަމުން ގެންދިއުމެވެ.

ކޮންމެއަކަސް ބަންދާ ސިންގް ގެ ވެރިކަމުގައި މުޣަލް ލަޝްކަރުގެ ކުރިމަތީގައި ސިކުން ބަލިވަމުން ދިއުމަކީ ސިކުންގެ ނިމުންކަމުގައި ބެލެވިގެންނަކުން ނުދިއައެވެ. 1720 އިން 1730 ގެ އަހަރުތަކުގައި އަމްރިތުސާރަކީ ސިކުންގެ މައި މަރުކަޒު ކަމުގައި ވަރުގަދަ ކުރިއެވެ. އަމްރިތުސާރަކީ ސިކުން ހައްޖަށް ގޮސްއުޅޭ އެމީހުންގެ މުގައްދަސް ތަނެކެވެ. އަދި އެއްދުވަސްވަރެއްގައި ސިކުންގެ އެންމެ ގަދަރުވެރި ލީޑަރަކުކަމުގައި ބެލެވުނު ކާޕޫރު ސިންގް މުޣަލް ރަސްކަމުގެ ރުހުންވެސް ހޯދައިގެން އިގްތިސާދީ އަދި އަސްކަރީގޮތުން ކުރިއަރާފައިވާ ސަރަހައްދަކަށް އެ ސަރަހައްދު އޮތީ ތަރައްގީކޮށްފައެވެ.

އެހެންނަމަވެސް ކާޕޫރު ސިންގް ގެ ވިސްނުމާއި އެއްގޮތަށް މުޣަލް ރަސްކަމާގުޅިގެން ކުރިއަށްދާކަށް ދެންތިބި ސިކުންގެ ވެރިން ބޭނުމެއްނުވިއެވެ. އެމީހުންގެ ވިސްނުން ހުރީ ދޭތެރޭދޭތެރޭން މުޣަލް ރަސްކަމާ އިދިކޮޅަށް ޙަމަލާ ބަދަލުކޮށްގެން ސަރަހައްދުތައް އަތުލުމަށެވެ. މިކަހަލަ ޙަމަލާތަކުން އެންމެބޮޑު ނުރައްކަލެއް ދިމާވަމުންދިޔަ އެއް ސަރަހައްދަކީ ލާހޯރެވެ.

ޝިމްލާ ބަގީޗާ – ލާހޯރު – މިހާރުގެ ޕަކިސްތާނުގައި

އެހެންކަމުން އެސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ލާހޯރުގެ ގަވަރނަރަށް ޖެހިވަޑައިގަތީ މުސްތަގިއްލު ދިފާއީ ނިޒާމެއް ގާއިމު ކުރާށެވެ. އެންމެފުރަތަމަ އޭނަގެ ދޮށީ ފިރިހެންދައި އަބްދުއްސަމަދު ޚާންގެ ބެލުމުގެ ދަށުންނެވެ. އެއަށްފަހު އޭނާގެ ދެވަނަފިރިހެންދަރި ޒަކަރިއްޔާޚާން ގެ ބެލުމުގެ ދަށުންނެވެ. އެހެންނަމަވެސް މިކަންތަކުން އެންމެ ރަނގަޅު ނަތީޖާއެއްނުލިބި އުޅެނިކޮށް ޒަކަރިއްޔާ ޚާން ނިޔާވުމުން ދުއްރާނީންގެ ސިފައިން ޕަންޖާބުހިފުމަށްފަހު ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގައި ސިކުންގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ކުރަމުންގެންދިޔަ ހަނގުރާމަތަކުން އިރުމަތީ ޕަންޖާބާއި އަދި ލާހޯރާ ވަރަށްކައިރިން ބާރީ ދާއޯބުވެސް ސިކުންގެ ބާރުގެދަށަށްގެނައުމުގެ ދޮރު އަނެއްކާވެސް ސިކުންގެ ލީޑަރުން ކަމުގައި ހިމެނޭ ޖައްސާ ސިންގް އަހުލުވާލިއާ ފަދަ ލީޑަރުންނަށް ހުޅުވިގެން ހިނގައްޖެއެވެ. އަދި އެ ކާމިޔާބީތަކަށް ފަހު ކަޕުރުތަލާގެ ރަސްކަމުގެ ނަމުގައި އޭނާ ގެ ރަސްކަމުގެ ބިންގާވެސް އެޅިގެން ހިނގައްޖެއެވެ. އަދި ގުރޫންގެ މަޒްހަބީ ފަލްސަފާއަކީ އެންމެމީހަކުމައްޗަށް ދޫކޮށްލެވިފައިވާ ބާރެއްކަމުގައި އޮތް އޮތުންވެސް ނިމުމަކަށް ގެނެވިއްޖެއެވެ.

އަފްޣާނުންގެ ތާރީޚުން އެނގޭގޮތުގައި މުޣަލުންނާއި މަރާތުންގެ ބައިވެރިވުމާއެކުވެސް 1750 ން 1760 ށް ދުއްރާނީންގެ ފަރާތުން މެދުވެރިވި ދުއްތުރާތަކުގައި އެތައްހާސް ސިކުންނެއް މަރުވެގެންދިޔައެވެ. މިކަންތައް ހިނގަމުންދިޔައިރު ސިކުންގެންދިޔައީ ލާހޯރުގައިއޮތް އަފްޣާނުންގެ ބާރު ކަނޑުވަމުން އެމީހުންގެ ބާރު ގަދަކުރަމުންނެވެ. އެހެންނަމަވެސް އަހްމަދު ޝާހުގެ ވެރިކަމަށްފަހު 1772 ން 1793 ށް ތައިމޫރު އަދި އޭގެފަހުން އައި ރަސްކަލުންވެސް 1800 ވަނައަހަރާ ހަމަޔަށް ކޮންމެވެސް ވަރަކަށް ކާމިޔާބުތަކެއް ހޯދައި މުލްޓަން ފަދަ ބައެއް މުހިންމު ސަރަހައްދުތައް އަނބުރާ އަތުލިއެވެ.

މަސްރަޙް ބަދަލުވަމުންދިޔަގޮތުން 1770 ވަނައަހަރު ސިކުންގެ 60 ވަރަކަށް ލީޑަރުން އެކުވެގެން އިނގިރޭސީންގެ މަދަދާއެކު ތަފާތު ވިސްނުމާއި ފިކުރާއެކުވެސް ނަބްހާ އާއި ޕަޓިއާލާގައި އުފެއްދި ޝާހީ ވެރިކަމުގެ ނިޒާމާ ކުރިމަތިލާން ޖެހުނެވެ. އެމީހުންގެ ކުރިމަތީގައި ދުއްރާނީންގެ ޙަމަލާތަކަށް ކުރިމަތިލުމުގެ އެއްބައިވަންތަކަމުގައި އެ ތަފާތުތަކަށް ފުރުސަތެއް ނޯވެއެވެ.

… ނުނިމޭ ……

 

 

 

Loading

One Response

  1. މުޣުލްގެ ވެރިކަން ނިމުނުހެން މިހާރު ހުރިހާ އިސްލާމީ ގައުމެއްގައިވެސް ކަންތައްތައް މިވަމުންދަނީ. ވީމާ ވެރިކަމުގެ ބާރުގެއްލި އެހެން ދީންތަކުގެ މީހުންގެ ބާރުގަދަކޮށް އަމިއްލަވަޒަން ގެއްލިގެން ދަނީ. ދެރަ. ކޮޅެއްނެއްހާދެރަ. ނަމަވެސް ހެދޭނެ މާބޮޑުގޮތެއްވެސް ނެތް. އެއީ އަހަރެމެންގެ ތެރެއިން އެމީހުންގެ އެޖެންޑާ19 ނެރެގެން ގައުމު އާއި ދީން ވިއްކާނެ ބަޔަކު ލިބޭތީއެވެ. މާތްﷲގެ ހެޔޮރަޙުމަތުން ދިވެހިރާއްޖެ ރައްކާތެރިކަންމަތީ ލަހަށްޓަވާށިއެވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް