މުޣަލް އެމްޕަޔަ -17

Loading

Facebook
Twitter
WhatsApp

http://sandhaanu.today/16124/ އާއި ގުޅޭ

ސޭރު ޝާހުގެ ގައުމީ ޅެންތަކުގައި ރަނގަޅަށް ކުލަޖެހެންފެށީ ސަފާވިދުންގެ މަދަދު ލިބިގެން ނުރަސްމީ ސިފައެއްގައި 1709 އިން 1715 އަށް މީރު ވާއިސް ޚާން ކޯތަކު ކަންދަހާރުގެ ވެރިއަކަށްހުރި ދުވަސްވަރުގައެވެ. އޭނާއަކީ ޣިލްޒާއިންގެ ކޯތަކު ޚާންދާނަށް ނިސްބަތް ކުރެވޭ ބޭފުޅެކެވެ. އޭނާއަށްފަހު ވެރިކަމަށް އިސްވެ ވެޑައިގެންނެވި އޭނާދަރި މީރު މަޙްމޫދަކީ އެހާ މަޑުމައިތިރި ބޭފުޅަކަށް ނުވިއެވެ. އެންމެފުރަތަމަ އޭނާގެ ބާރުގެދަށަށް ގެންނަންވެގެން ޙަމަލާދޭންފެށީ އީރާނުގެ ކަރްމާނަށެވެ. ދެން 1722 ވަނައަހަރު ސަފާވިދުންގެ ވެރިރަށް އިސްފަހާނަށް ޙަމަލާދީ އޭނާއަކީ އެތަނުގެ ވެރިމީހާކަމަށް ޢިއުލާންކުރިއެވެ.

އެހެންނަމަވެސް ޣިލްޒާއިންގެ ވެރިކަން ގިނަދުވަހަށް ދެމިއޮންނަގޮތެއް ނުވިއެވެ. އެމީހުންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ޕަސްތޫނުންގެ ބައެއް ޖަމާޢަތްތަކާއި ދުއްރާނީ ދަރިކޮޅުގެ މީހުންނާއި އަދި ނާދިރު ޝާހް އަކީވެސް ވެރިކަމުގެ ގޮނޑިއަށް ނުހަނު ޝައުގެވެރި ކަމާއިއެކު ބަލަބަލާތިބި ބައެކެވެ. މީރު މަހުމޫދު އަވަހާރަ ވުމަށްފަހު 1725 އިން 1731 އަށް ނާދިރު ޝާހު ގެންދިޔައީ އިރުމަތީ ސަރަޙައްދު ތަކުގައި ޕަސްތޫނުންގެ ޙަރަކާތްތަށް ވަރުގަދަ ކުރެވޭނެ ގޮތްތަކަށް ވަރަށްބޮޑަށް ފާރަލަމުންނެވެ. އެއާއިއެކު އަފްޣާނިސްތާނަށާއި މުޣަލުންގެ ސަރަޙައްދު ތަކަށްވެސް އަރައިގަތެވެ. އަދި އެންމެފަހުން ދިއްލީއާއި ހަމަޔަށްވެސް އޭނާގެ ބާރު ފޯރުވިއެވެ.

ޣިލްޒާއިންނާއި ދުއްރާނީންގެ ގިނަބަޔަކަށް ނާދިރު ޝާހުގެ އަރިހުގައި އުޅުމުމުގެ ފުރުސަތު ލިބިފައި އޮތުމާއެކު އޭނާގެ އުސޫލުތަކުގެ މައްޗަށް ރަނގަޅު ތަޖްރިބާތަކެއް އޮތީ ލިބިފައެވެ. އޭގެތެރޭން އެންމެ ޚާއްސަ ކޮށްލެވޭ ބޭފުޅަކީ ދުއްރާނީންގެ ތެރޭގައި ހިމެނޭ ސަޒޯދާއި ނަސްލަށް ނިސްބަތްކުރެވޭ ވަރަށް ކުޑަކުޑަ ގަބީލާއެއްގެ އަޙްމަދު ޚާނެވެ.

އެހެންކަމުން 1747 ވަނައަހަރު ނާދިރުޝާހު އަވަހާރަކޮށްލުމާ ގުޅިގެން ޕަސްތޫނަށް ނިސްބަތްކުރެވޭ ގިނަ ޢިލްމުވެރިންތަކެއް އެއްބަސްވުމަކަށް އައީ އެމީހުންގެ ވެރިއެއްގެ ގޮތުގައި އަޙުމަދު ޚާން އައްޔަން ކުރުމަށެވެ. ކޮންމެއަކަސް އަޙުމަދު ޚާން ހިންގަވަން ގަސްދުކުރެއްވީ މުޣަލުންނާއި އަދި ފަހުން މަރާތުންނާވެސް އިދިކޮޅަށެވެ. އެންމެފަހުން އުތުރު އިންޑިއާގެ ވަކި ސަރަޙައްދެއްގައި ސިކުންގެ ވެރިކަމެއް ގާއިމުކުރުމުގެ މޭސްތިރި އަކަށްވެސް އޭނާވެގެން ދިއައެވެ.

1747އިން 1772އަށް އުތުރު އިންޑިއާގައި އަފްޣާނުންގެ ޙަރާކާތްތައް :

އަޙުމަދު ޝާހު ދުއްރާނީއަށް 1747 އިން ފެށިގެން މުޚާތަބު ކުރެވެންފެށީ އަޙުމަދު ޝާހް އަބްދާލީ ގެ ނަމުންނެވެ. ނާދިރު ޝާހު ފަދައިން އަޙުމަދު ޝާހަކީ އަފްޣާނިސްތާނުގެ ހުޅަނގު ސަރަޙައްދު ތަކަށް ޝައުގުވެރިކަން ހުރި ބޭފުޅެއްނޫނެވެ. އޭނަގެ މުޅި ވިސްނުންފުޅަކީވެސް އުތުރު އިންޑިއާއިން ފެށިގެން މެދުތެރޭ އޭޝިއާ އާއި ހުޅަނގު އޭޝިއާއަށް އެއްގަމުމަގުން ކުރެވޭ ވިޔަފާރިތައް ކުރިއަރުވައި އެކަމަށްބޭނުންވާ މަގުތަކާއި ވަސީލަތްތައް ގާއިމުކުރުމެވެ.

މިކަމުގައި ކަންދަހާރަކީ ވަރަށް މުހިންމު މަރުކަޒެއްކަމުގައި ބެލެވުނުނަމަވެސް އޭނާގެ ކުރިފުޅުމަތީގައި މުލްޓަނާއި ލާހޯރަކީ އެންމެ އެކަށިގެންވާ ދެ ރަށެވެ. އަޙުމަދު ޝާހު ވެރިކަމަށް އައުމަށްފަހު ފުރަތަމަ އަހަރު ދުވަހުގެ ތެރޭގެ ދިހަވަރަކަށް ފަހަރު ޕަންޖާބަށް ދަތުރުކުރިކަން ފާހަގަ ކޮށްލަންޖެހެއެވެ. ފިނިމޫސުމާ ދިމާކޮށް އަފްޣާނުން އިންޑިއާއަށް ދިއުމާއި އަދި ހޫނުމޫސުމަށް އެނބުރި އައުމަކީވެސް ޢާންމުކޮށް ކުރަމުންގެންދާ ކަމެކެވެ. ހަމަ އެ އުސޫލުން ދުއްރާނީންގެ ލަޝްކަރުތައްވެސް އިރުމައްޗަށް ދާނީ ފިނި މޫސުމާ ދިމާކޮށެވެ. ހޫނު މޫސުމާދިމާކޮށް އެނބުރި ފަރުބަދަތަކުގެ ސަރަޙައްދަށް އަންނާނެއެވެ. މިގޮތަށް ރޭވިގެން ހިންގަމުންގެންދިޔަ އަޙުމަދު ޝާހުގެ ވެރިކަމަށް ގޮންޖެހުންތައް ކުރިމަތިވާންފެށީ އަމިއްލަ ބާރުގެ ދަށުގައިހުރި ސަރަޙައްދު ތަކުންނެވެ. އެންމެފުރަތަމަ ގޮންޖެހުންތައް އަންނަންފެށީ 1750 ގައި މުޣަލުންނާއި މަރާތުންނާއި އަދި ސިކުން ގުޅިގެންނެވެ.
އޭރު އަޙުމަދު ޝާހަށް ހުޅަނގުން ނާސިރުޚާން ބަލޫޗުގެ ފަރާތުން އަންނަމުންދިޔަ ދުއްތުރާތަކާހެދި އިރުމަތީ ފަރާތް އޮތީ ފަރުވާ ކުޑަކޮށްލެވި ފައެވެ. އެހެންކަމުން 1757 ގައި ޕަންޖާބުގެ ގަވަރނަރަކަށް އަޙުމަދު ޝާހުގެ ފިރިހެން ދަރި ތައިމޫރު ހަމަޖައްސަން ޖެހުނެވެ. އަދި މަރާތުންނާއި ސިކުންގެ އުނދަގުލާހެދި ލާހޯރުން ޕެޝާވަރަށް ބަދަލުވާންވެސް ޖެހުނެވެ.
އުތުރު އިންޑިއާގައި އުފެދެމުންދިޔަ ދެކޮޅުވެރިކަމުގެ ރައްދުގައި ހަނގުރާމ ަކުރަން އަޙުމަދު ޝާހު ގަސްދުކުރެއްވީ 1760 ގައެވެ. އަދި 1761 ގެ ޖަނަވަރީގައި ޕަނިޕެޓްގައި މަރާތުންނާ އިދިކޮޅަށް ކުރެއްވި ހަނގުރާމަ ކާމިޔާބު ކުރެއްވިއެވެ. އެހެންނަމަވެސް ސިކުންގެ ފަރާތުން އަންނަމުން ދިޔަ ދުއްތުރާތައް ހައްތާވެސް ދިޔައީ އިތުރުވަމުންނެވެ. އަދި އޭނާގެ ބާރުގެ ދަށުގައި ހުރި ސަރަޙައްދު ތަކުގައި އިތުރު ހަމަނުޖެހުން ތަކަށް އެތެރޭންނާއި ބޭރުންވެސް ގެންދިޔައީ މަގު ފަހިކުރަމުންނެވެ. އެންމެ ގާތް އެކުވެރިންވެސް އަޙުމަދު ޝާހަށް ވިސްނާދޭން މަސައްކަތް ކުރަމުން ގެންދިޔައީ ޕަންޖާބަކީ ބޭނުން ސަރަޙައްދެއް ނޫންކަމުގައެވެ. 1772 ގައި އަޙުމަދު ޝާހު އަވަހާރަވެ އޭނާގެ ދަރިފުޅު ތައިމޫރު ވެރިކަމާ ޙަވާލުވިއިރު މައްސަލަތައް އޮތީ ފުނިޖެހިފައެވެ.

އުތުރު އިންޑިއާގެ ސަރަޙައްދު ތަކަށް އަތް ގަދަކޮށްގެންތިބި އަފްޣާނުންގެ މައްސަލައަކީ ހަމައެކަނި އަޙުމަދު ޝާހަށް ޙައްލުކުރަން ޖެހުނު މައްސަލައެއްވެސް ނޫނެވެ. 18 ވަނަ ގަރުނުގެ މެދުތެރެއަށް އައިއިރު އަފްޣާނުން ތިބީ އުތުރު އިންޑިއާގައި ދިއްލީ އަދި އާގްރާގެ އިރު އުތުރުގައި ރޯހިލްޚަންދުގެ ނަމުގައި އެމީހުންގެ ވަޒަނެއް ގާއިމު ކޮށްގެންނެވެ. އަދި އެމީހުން ގެންދިޔައީ މުޣަލްގެ މި ސަރަޙައްދުތަކުގެ ބަދަލުގައި އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ލާހޯރާއި ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި ވިޔަފާރީގެ ޙަރަކާތްތައް އިތުރު ކުރަމުންނެވެ.
އެމީހުންގެ އަމާޒަކަށް ވެފާއޮތީ މިގޮތަށް ވިޔަފާރި އެހެން ސަރަހައްދުތަކަށް ފުޅާކޮށްގެން މުޣަލްގެ އިގްތިސާދު އިނދަޖައްސާލުމެވެ. ހަމައެއާއެކު އެ ސަރަހައްދުގެ ރައްޔިތުންނަށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބާރު އެޅުމެވެ. މި ހުރިހާ ކަމަކާއެކު ޕަންޖާބަށް ކުރިމަތިވެފާއޮތް ހުސްކަން ކުޑަކުރެވޭނެ މަގެއް މުޣަލުންނަކަށް އަދި ދުއްރާނީންނަކަށްވެސް ނުހޯދުނެވެ. ސިކުންގެއަމިއްލަ ވެރިކަމަކަށް މަގުފަހިވެގެންދިޔަ ސަބަބަކީ މިއޭ ބުނެވިދާނެއެވެ.

ސިކުންގެ ކުރު ތަޢާރުފެއް :

ސިކުންނަކީ ހިންދޫންގެ ތެރެއިން 15 ވަނަ ގަރުނުގެ ތެރޭގައި ޕަންޖާބު ސަރަޙައްދުގައި އުފެދުނު ވަކި މަޒްހަބެއް ކަމުގައި ބުނެވެއެވެ. ސިކުންގެ މަޒްހަބެއް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރި ދީނީ މުސްތަޝާރު ގުރޫ ނާނައިކް އަކީ 1469 އިން 1539 އާ ހަމަޔަށް ހިގާދިޔަ މުޣަލް އެމްޕަޔަރ ގެ ބާބޫރު ރަސްގެފާނުގެ ދުވަސްވަރުގައި އުޅުނު މީހެކެވެ. އޭނާ ނިސްބަތް ކުރެވެނީ ޚަތުރީންގެ ވިޔަފާރި ގަބީލާއަކަށެވެ.
ޒުވާން އުމުރުގައި ލޯދީންގެ ރަސްކަމުގެ އިސް ބޭފުޅަކަށް ފޮތުގެ ވިޔަފާރީގައި އެހީތެރިވެ މަސައްކަތް ކޮށްދިނެވެ. ނަތިޖާއެއްގެ ގޮތުން ފޮތްކިއުމަށް އާދަޔާޚިލާފަށް ލޯބި ކުރެއްވިއެވެ. އަދި ޕަންޖާބުގެ ސަރަހައްދު ބާބޫރު ރަސްގެފާނުގެ ބާރުގެ ދަށަށް ދިޔަދުވަސްވަރު ގުރޫ ނާނައިކް ކަރްތާރް ޕޫރުގައި ވަޒަންވެރި ވުމާހަމަޔަށް ދީން ކިޔަވާދިނުމަށް މަސައްކަތްކުރައްވަމުން ގެންދެވިއެވެ. އޭނާ މަރުވިއިރު އޭނާއަށް ތަބާވެފާތިބި ގިނަ ބަޔަކު އެ ހިސާބުގަނޑުގައި ތިއްބެވެ. ގުރޫ ނާނައިކް މަރުވުމުގެ ކުރިން ދެން އެމީހުންގެ ދީނީ މުޝީރަކީ ގުރޫ އަންގަދު ކަމުގައި ހަމަޖެއްސެވިއެވެ. އޭނވެސް ނިސްބަތް ކުރެވެނީ ޚަތުރީންގެ ދަރިފަސްކޮޅަށެވެ.

ގުރޫ ނާނައިކުގެ މުހިންމު ފިލާވަޅުތައް ބިނާކޮށްފައިވަނީ ހިންދޫންގެ އަދި ގްރާންތު ( ފުރަތަމަ ފޮތް ) އާއި ސޫފީ އިސްލާމްގެ އުސޫލުތަކުގެ މައްޗަށެވެ. އެ ފިލާވަޅުތަކުގައި އެއްވެސް މިންވަރަކަށް ސިޔާސީ ކުލަވަރު ޖައްސާފައިވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ. ނަމަވެސް ރޯޝަނީންގެ ނަމުން ނަންދެވުނު ދީނީ ޚިޔާލާ ފިކުރުގެ ޙަރަކާތްތަކުން ސިޔާސީ ބާރުވެރިކަން ހޯދަން ކުރަމުންދިޔަ މަސައްކަތުގައި މަޒްހަބީ އެއްވަތަރުކަމާއި މަޒްހަބީ ތަފާތު ދައްކައިގެންވެސް އިތުރު ބައިވެރިން ހޯދުމުގައި ސިކުންގެ ސިކުނޑި ތަކާވެސް ކުޅެމުން ގެންދިޔައެވެ. ސިޔާސީ ދަންތޫރައިގާ މީހުން ޖެއްސުމަށްޓަކައި ކޮންމެފަދަ އުކުޅެއްވެސް ބޭނުންކުރަން ފަސްނުޖެހޭނެކަން އޭރުވެސް އަދި މިހާރުވެސް މިއޮއްދަނީ ހާމަވަމުންނެވެ. ގުރޫނާ ނައިކުގެ ފިލާވަޅުތަކުގައި ސިޔާސީކުލަ ޖެހިފައި ނެތަސް އެ ފިލާވަޅުތަކުގައި މުޣަލް އެމްޕަޔަރަށް ފާޑުކިއުމާއި ނުސީދާކޮށް ދިމާކުރުން ނެތެކޭވެސް ނުބުނެވޭނެއެވެ. ސިޔާސީ ކަންކަމުގައި އެންމެ އުނދަގޫ ހުރަސްތައް ކުރިމަތިވަމުން އަންނާނީ ދީނީ ޢިލްމުވެރިންގެ ފަރާތުން ކަމުގައި ބުނާ ބަހުން އެނގޭފަދައިން ގިނަ ދީނީ އިލްމުވެރިންވެސް ސިޔާސީ މީހުންގެ އުކުޅުތައް ބޭނުންކޮށްގެން މަޝްހޫރުވެގަތުމަށް މަސައްކަތް ކުރާތަން ފެންނަނީ މަދެއްކޮށް ނޫނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް