ރައީސް ޔާމިނަށް ފާޑުކިޔަމުން "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް އަދާލަތުން ތެދުވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

އިދިކޮޅު ލީޑަރު ރައީސް އަބްދުއްލާ ޔާމިން އަބްދުލްގައްޔޫމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް “ އިންޑިއާ އައުޓް“ ކެމްޕޭނާ ދެކޮޅަށް މި ސަރުކާރުގެ ކޯލިޝަން ހިމެނޭ އަދާލަތުޕާޓީން ތެދުވެއްޖެ އެވެ.

އިދިކޮޅުން މުޅި ރާއްޖޭގައި އިންޑިއާ އައުޓް ކެމްޕޭން ވަރަށް ވަރުގަދަކޮށްފައިވާއިރު އަދާލަތު ޕާޓީން  ވަނީ މި ކެޕްޕޭނަކީ ރައީސް ޔާމިން ސިޔާސީ މަގުސަދެއް ހާސިލުކުރެއްވުމަށް ހިންގާ ނޭއްގާނީ އަމަލެއް ކަމަށް ސިފަކުރައްވާ ބަޔާނެއް ނެރެފައެވެ.

”ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ޒަމާންތަކަކަށް ދެމިގެންއަންނަ ޒަމާންވީ އެކުވެރިކަމާއި އެއްބަވައިވަންތަކަމުގެ ނަތީޖާ ކަމަށްވާއިރު އަދި ވަކިން ހާއްސަކޮށް މިހާރު ހިނގަމުންދާ ބައެއް ކަންކަމަކީ ޚުދު ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަމުގެ ބިންގާ އަޅުއްވާފައިވާ ކަންކަން ކަމުގައިވީއރު އެމަނިކުފާނު މިހާރު ކުރިއަށްގެންދަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅުއްވައިގެން ހިންގާ ނޭއްގާނީ އަމަލެކެވެ. “ އަދާލަތުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާ އައުޓް ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގާ އަމަލެއް ކަމަށެވެ.އަދި އެ ކެމްޕޭންގެ ނަތީޖާ އަކަށް ވެގެންދާނީ ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިން އެކަހެރިވެ ގައުމާއި ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބުން ކަމަށް އަދާލަތު ޕާޓީން ގަބޫލުކުރެ އެވެ.

އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާ ކަމަށެވެ. އަދި ސަލާމަތާއި ވިޔަފާރީގެ ދާއިރާގައި އިންޑިއާގެ ކަނޑުގެ އަހަންމިއްޔަތުކަން އިތުރުވަމުން އަންނާތީ އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ދިވެހި ހާރިޖީ ސިޔާސަތުގެ މުހިއްމު ބައެއް ކަމަށް ވެސް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.
ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫންކަމަށް ބުނެ އަދާލަތުން ބުނެފައިވަނީ  ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްގީއަށް އެހީތެރިވެދޭ ބައިވެރިންނާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރަނީ ސިޔާސީ ބައެއް ކަމަށެވެ.
”ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުއްލާ ޔާމީން އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު މި ޕާޓީން ކަންބޮޑުވަމެވެ.“ ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީން އިތުރަށް ބުނީ އެ ޕާޓީން ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތެއް އެ ޕާޓީން ނުދޭނެ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް