އިންޑިއާގެ 11 ސްޓޭޓަކަށް އޮމިކްރޯން ފެތުރިއްޖެ

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ވައްތަރު، އޮމިކްރޯން އިންޑިއާގެ 11 ސްޓޭޓަކަށް ފެތުރި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ. އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހަމަކުރާ ގޮތުގައި 73 މީހުންނަށް މިހާރު ވަނީ އޮމިކްރޯން ޖެހިފައެވެ. ބަލި ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ މަހާރާޝްޓްރާގައެވެ. އެ ސްޓޭޓުން މިހާތަނަށް ބަލިޖެހިފައިވާ 32 މީހުން ވަނީ ފެނިފައެވެ. މަހާރާޝްޓްރާއަކީ ކޮވިޑް-19 އިންޑިއާއިން އެންމެ ގިނަ މީހުންނަށް ޖެހުނު އެއް ސަރަހައްދެވެ. މީޑިއާ ރިޕޯޓުތަކަށް ބަލާއިރު ރާޖިސްތާނުން އޮމިކްރޯން ޖެހިފައިވާ 17 މީހުން އަދި ގުޖުރާތުން 4 މީހުންނާއި ކަރްނާޓަކާ ސްޓޭޓުން 3 މީހުން ފެނިފައިވެއެވެ. އޭގެ އިތުރަށް ކެރެލާގެއިން ވެސް ވަނީ އޮމިކޮރޯން ޖެހިފައިވާ 5 މީހުން ފެނިފައެވެ. ކެރެލާގެ ކޮޗިންއާއި ޓްރިވެންޑްރަމަކީ ބޭސްފަރުވާއަށް ދިވެހިން ގިނައިން ދަތުރުކުރާ ދެ ސިޓީއެވެ. އިންޑިއާގެ މީޑިއާއިން ޚަބަރުދޭ ގޮތުގައި ތަލަންގާނާއާއި ހުޅަނގު ބެންގާލާއި އަންދުރަ ޕްރަދޭޝްއާއި ތަމިލްނާޑޫއާއި ޗަންދީގަޅުން ވެސް އޮމިކްރޯން ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ. އަދި ވެރިރަށް ނިއު ދިއްލީން ވެސް ވައިރަސް ޖެހިފައިވާ 6 މީހުން ފެނިފައިވެއެވެ. އަނެއްކޮޅުން ކޮރޯނާ ވައިރަސް ޖެހިފައިވާ 7974 މީހުން އެއްދުވަހުގެ ތެރޭގައި އިންޑިއާއިން ވަނީ ފެނިފައެވެ. އަދި އެއްދުވަހުގެ ތެރޭގައި 343 މީހުން ބަލީގައި މަރުވެފައިވެއެވެ. އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީ ކެރެލާ ސްޓޭޓުންނެވެ. އެ ސްޓޭޓުން 282 މީހުން މަރުވެފައިވެއެވެ. އޮމިކްރޯންއަކީ ވަރަށް ހަލުއިކަމާއެކު ފެތުރޭ ވައިރަހަކަށް ވާތީ ބަލިކޮންޓްރޯލް ކުރުމަށް އިންޑިއާ ސަރުކާރުން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

Loading

One Response

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް