ރައީސް ޔާމީން މިނިވަން ވުމާއެކު މިސަރުކާރު ވަނީ ނިމިފައި ކަމަށް މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް-ޕީއެންސީން އިންތިޒާމުކޮށްގެން ކާނިވާ ސަރަހައްދުގައި ”ކޮތަރު ކޮށި“ ނަމުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޠާރިޤް ތަކުރާރުކޮށް ވިދާޅުވިއެވެ. ”މި ސަރުކާރު މިވަނީ ނިމިފައި.“
”އެބޭފުޅުންނަށް ސާފުކޮށް އެނގޭނެ 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން.“ އޭނާ އިތުރަށް ވިދާޅުވިއެވެ. ”އަދި ސަރުކާރަށް އެކަންޏެއް ނޫނޭ، އިންޑިއާއަށް ވެސް އެނގޭނެ މިވެރިކަން ދެން ނުހިފެހެއްޓޭނެކަން.“
ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ލީޑަރުންނާއި ރައްޔިތުން ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް އެހީގެ ނަމުގައި ލޯނުތައް ދީގެން އިންޑިއާއިން ދަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ގޮތްގޮތަށް ރާއްޖޭގައި ޢަސްކަރީ ވަކިތައް ހިއްޕަމުންނެވެ.
ޓޮމް ސިފަކުރެއްވި ގޮތުގައި ހުޅުމާލޭގެ ފަޅެއްގެ ގޮތުގައި އޮތްތަން ހަމަސް ދުވަހުގެތެރޭގައި ހިއްކަވައި، ހިއްކި ބިމުގައި ދިހަވަރަކަށް ހާސް ފްލެޓުއަޅުއްވައި އެތަނުގެ މަގުތައް ހައްދަވައި ނަރުދަމާއާއި ފެން ރައްޔިތުންނަށް ލިބޭނޭ ގޮތް ހައްދަވައި ދެއްވި ބާނީއަކީ ރައީސް ޔާމީނެވެ.
”އިންޑިއާ އައުޓް“ގެ ނަމުގައި އިންޑިއާގެ ޢަސްކަރިއްޔާއާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުން ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ޕީޕީއެމް-ޕީއެންސީން ވެސް ވަނީ އެ ކެމްޕޭނުގައި ބައިވެރިވެފައެވެ. އަދި ރައީސް ޔާމީނު ވެސް ވަނީ އެކެމްޕޭނުގައި ވަރަށް ވަރުގަދައަށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.
ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި ވެސް ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ޖަލު ބަންދުން ރައީސް ޔާމީން މިނިވަން ވެވަޑައިގަތުމުގެ އުފަލުގައި ޕީޕީއެމް-ޕީއެންސީން ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ބޭއްވި ޖަލްސާގައި ވެސް ރައީސް ޔާމީން ވަނީ ވަރަށް ޖޯޝާއި ފޯރީއާއެކު އިންޑިއާއާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.
”އިންޑިއާގެ ޢަސްކަރިއްޔާ ޖެހެނީ ރާއްޖެއިން ފައިބަން. އިންޑިއާގެ ޢަސްކަރިއްޔާއަކަށް ރާއްޖެއަކު ޖާގައެއްނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މިދަންނަވަނީ ކުރީގައި ރައީސްކަން ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިދަންނަވަނީ ޕީޕީއެމް ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މިދަންނަވަނީ އެތައްހާސް ރައްޔިތުން ތަމްސީލު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން މިދަންނަވަނީ އަޅުގަނޑުމެން ބޭނުމެއްނުވެޔޭ އިންޑިއާގެ މިލްޓްރީގެ އެންމެ މީހަކުވެސް އެންމެ ބޫޓު ޖޯޑެއްވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވެއޭ.“

ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ މަސްވެރިންގެ ވައުދު ފޭލުވެފައިވާކަމަށް ވިދާޅުވެ ވަރަށް ދިގުކޮށް ޓޮމް ވާހަކަފުޅު ދެއްކެވިއެވެ. އަދި 3 ނޮވެމްބަރު 1988 ގައި ހިނގާދިޔަ ހާދިސާގައި ސަފުނުވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ ސުއާލުތަކެއް އުފެއްދެވިއެވެ.
ޓޮމްގެ ވާހަކަ ނިންމަވާ ލެއްވީ ސަރުކާރު ހިންގާ ކޯލިޝަންގެ ވެރިންނަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވުމަށްފަހުގައެވެ.
”ތިޔަބޭފުޅުން ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާ، ތިޔަބޭފުޅުން ދިވެހި ރައްޔިތުންނާ ދެއްކެވި ވާހަކަތައް ތެދު ނޫންކަން ދިވެހިރައްޔިތުންނަށް ސާފުކޮށް އެނގޭ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އަސަރު ކުރަމުން ދާއިރުވެސް ބުނާނެ ބަހެއް ނެތް.“ ޓޮމް އިތުރަށް ވިދާޅުވިއެވެ. ”އެއްކޮޅުން ކްރިސްޓިއަން ލަވަޖަހާނެ، އަނެއް ކޮޅުން ކްރިސްޓިއަން ދީނުގެ ގަސްތައް ކުޑަކުދީން ލައްވާ އެބަ ކުރައްސާ. އަދާލަތު ޕާޓީން ޢިމްރާނުގެ އަޑެއް ނީވޭ. ރައީސް މައުމޫން ގެ ވަޙުދަތެއް ނެތް. ޖުމްހޫރީ ޕާޓީގެ ލީޑަރ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަތުމަށް އަބަދު ފައިނަގައިގެން ހުންނަ ލީޑަރު ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ އިސްތިޤުލާލަށް އަސަރުކުރަމުންދާއިރު، ބުނާނެ ބަހެއް ދައްކާނެ ވާހަކައެއް ވެސް ނެތް.“
ޓޮމް ވިދާޅުވިގޮތުގައި 2023 ގައި ދިވެހިރާއްޖޭގެ ރައްޔިތުން ނިންމާ ނިންމުން ނިންމައިލާނީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފައެވެ.
One Response
ޓޮމްވެސް ގަދަ. އެހެނަސް މުޅިން ކުޅިބަލާހިތްވަނީ ޓޮމް އެންޑް ޖެރީ ދެމީހުން އެކުފައި ކުޅެން ފެށީމައެވެ. ދެބަސްނުވެވޭ ޙަގީގަތަކީ ހަމަ ތެދެކެވެ. އިންޑިއާ މިލިޓްރީ ބޭރުކުރަން ޖެހޭނެއެވެ. ޝޭޚް އިމްރާނުވެސް ގައުމުވިއްކާލުމުގައި ބައިވެރިވީތީ ހާދަ ދެރައެވެ. އެއަރޕޯޓް ވާޖަހައިގެންވެސް ޖީއެމްއަރ އަތުން އަތުލަން ބޮލުގައި ރަތްފޮތި ބަދެގެން އުޅުފާ ޝޭޚް އަށް ބައިބޮޑުކޮށް އަޅީމާ. އަހާ ސަހަރޯ އެންގަަނޑު ބުޅިޔާއެކު އެދިރުވާލީއެވެ. ޓޮމް އާއި ސަލީމްއަށް އެކަން އެގިފާވަނީ ދޯ؟؟