ރައީސް ޔާމީން ފުރުން މަނާކުރަން އަދި ޕާސްޕޯޓު ހިފަހައްޓަން ވެސް ކޯޓުން އަމުރެއް ނުނެރުނު

Loading

Facebook
Twitter
WhatsApp

ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓުމަށާއި ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުނިމެނީސް ފުރާވަޑައިގަތުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް ކްރިނަލް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އިން ހުށަހެޅި މައްސަލައިގައި ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓުމަށާއި ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުނިމެނީސް ފުރާވަޑައިގަތުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ފުރާވަޑައިގަތުން މަނާ ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލާގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ދައުވާ ކޮށްފައިވާ ކުށުގެ ބާވަތަށް ބަލާއިރު ފުރުން މަނާ ކުރެވޭނެފަދަ ހާލަތެއް އޮތްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެ ހެކިތައް ދައުވާ ފޯމާއެކު ދައުލަތުން ވަނީ ކޯޓަށް ހުށައަޅާފައެވެ.

ރައީސް ޔާމީން ފުރާވަޑައިގަތުން މަނާކުރުމުގެ އަމުރަކަށް ޕީޖީން އެދިފައި ވަނީ އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލައިގައި މަނީ ލޯންޑަރިން ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ.

ރައީސް ޔާމީން ފުރާވަޑައިގަތުން މަނާ ކުރުމުގެ އަމުރަކަށް އެދި ޕީޖީގެ ވަކީލާ ދެއްކެވި ވާހަކައިގައި އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުވެސް ފިލަވައިގެން ވަޑައިގަތުމަށް މަސައްކަތް ކުރައްވާފައިވާކަމުގެ މިސާލު ދެއްކެވިއެވެ. އަދި ރައީސް ޔާމީނަކީ ވެސް ފިއްލަވައިގެން އުޅުއްވުމުގެ މާލީ ތަނަވަސްކަން އޮތް ބޭފުޅެއްކަން ބޭންކް ސްޓޭޓްމަންޓާއި، ރައީސް ޔާމީނުގެ މަގާމުގެ ހައިސިއްޔަތުން އޮންނާނެ ބޭފުޅެއްކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމަށް ދައުލަތުގެ ވަކީލާ އެދިވަޑައިގެންފައިވާއިރު އެ ދެޕާސްޕޯޓަކީ ވެސް މުއްދަތު ހަމަވެފައިވާ ދެ ޕާސްޕޯޓެވެ. ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި އޮތުމުން ބެލެވޭނީ އެއީ ވުޖޫދުގައި ނެތް އެއްޗެއްކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީޢަތް ނިމެން ދެން ފުރާވަޑައިގަތުން މަނާކުރުމުގެ އަމުރެއް ނެރުމަށާއި ޕާސްޕޯޓު ހިފެހެއްޓުމަށް ޕީޖީން އެދިފައިވާ މައްސަލައިގައި ޕީޖީގެ ވަކީލާ ދެއްކެވި ވާހަކައާއި ރައީސް ޔާމީނާއި ޔާމީނުގެ ވަކީލުން ދެއްކެވި ވާހަކަތަކާއި ފަނޑިޔާރު ޝަކީލު ހޯއްދެވި މައުލާމާތަށް ބައްލަވައި ނިންމެވީ ޕީޖީ އިން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓުމަށާއި ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުނިމެނީސް ފުރާވަޑައިގަތުން މަނާކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މިއީ ދައުލަތުގެ ފަރާތުން ފުލުހުންނާއި ގުޅިގެން ސިޔާސީ ގޮތުން ރައީސް ޔާމީނަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާކަމެކެވެ.

 

 

 

 

 

 

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް