އަމީން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ މުހައްމަދު އަމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ކޯޓުން އަމުރުކޮށްފައިވަނީ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށެވެ.

އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން އަނެއްކާ ވެސް އޭނާ ބަންދުކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުމުން މިއަދު އެ ކޯޓުގައި އޭނާގެ ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ.

 

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. އެ  މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ރާއްޖޭން ބޭރަށް  ގޮސްފައެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

ހައްޔަރުގައި ބަހައްޓައިގެން އަމީނަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ފަށައިފައި ވަނިކޮށް އޭނާގެ ވަކީލުންގެ ފަރާތުން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލަ ނިމުނީ އަމީނާ އެއްކޮޅަށެވެ. ހައި ކޯޓުން ނިންމީ ދައުވާތައް ބާތިލްކޮށް އަމީން ދޫކޮށްލުމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގައި އަމީނަށް ވަނީ ނާކާމިޔާބުވެފައެވެ. ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ، ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށެވެ.

ހައިކޯޓުން އަމީންގެ ހުކުމްތައް ބާތިލް ކުރީ ދައުވާ ކުރަން ކަނޑައެޅި މުއްދަތުގައި ދައުވާނުކުރުމުގެ ސަބަބުންނެވެ. ޖިނާއީ މައްސަލަތަކުގައި 30 ދުވަހުގެ ތެރޭގައި ދައުވާކުރަން ޖެހެއެވެ. ނަމަވެސް އަމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއް މަސް ހަމަވި ފަހުންނެވެ. ދައުލަތުން ބުނެފައިވަނީ އަމީންގެ މައްޗަށް ދައުވާ އުފުލފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ލިބޭ 45 ދުވަސް ހަމަވުމުގެ ކުރިން ކަމަށެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރާ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރި ނަމަވެސް، އެ މީހެއްގެ މައްޗަށް، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ދައުވާ ކުރެވޭނެ ކަމަށެވެ.

ހައި ކޯޓުން އަމީން ދޫކޮށްލުމަށްްފަހު ވަނީ އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ. އަމީންގެ ދިފާއީ ވަކީލުން އެދިވަޑައިގަތީ އޭނާ ހައްޔަރުކުރުމުގެ ބަދަލުގައި ހައިކޯޓުން ނެރެފައިވާ މޮނިކޮން އަމުރު ދަމަހައްޓައި ދިނުމަށެވެ. ދިފާއީ ވަކީލް އިސްމާއީލް ވިޝާމް ވިދާޅުވީ އަމީންގެ މައްސަލަ ވުޖޫދަށް އައިސްފައި ވަނީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ކަމަށާއި، ނަމަވެސް ފަހުން އޭނާ ހައްޔަރުކޮށް ބަންދު ކޮށްފައި ވަނީ 2019 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން އެ ދެމެދުގައި 12 އަހަރު ވޭތުވެ ހިނގައްޖެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ތުހުމަތު ކުރެވޭ އެއްވެސް އަމަލެއް އަމީންގެ ފަރާތުން ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ކޯޓުން  އަމުރުކުރީ  ދައުލަތުން އެދުނު ކަންތައްތަކަށް ބަލާފަ އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް