އެމެރިކާ ނޭވީންގެ 238 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެމް ކިޔޫ-4 ސީ މަރުކާގެ ޖާސޫސީ ޑްރޯނެއް ގެއްލުނު ފުރަތަމަ ފަހަރު
އެމެރިކާ ނޭވީންގެ 238 މިލިއަން ޑޮލަރުގެ އަގުހުރި އެމް ކިޔޫ-4 ސީ މަރުކާގެ ޖާސޫސީ ޑްރޯނެއް އުދުހެމުންދަނިކޮށް އީރާނުގެ ތެރެއަށް ގެއްލިއްޖެކަމުގައި ފުރަތަމަފަހަރަށް އެމެރިކާގެ ނޭވީން އެއްބަސްވެއްޖެއެވެ.
މިއީ 2018 ވަނައަހަރު އެ މަރުކާގެ ޑްރޯން އެމެރިކާ ނޭވީން ތަޢާރުފްކުރިފަހުން އެންމެ ފުރަތަމަ ގެއްލުނު އެ މަރުކާގެ އެއާރކްރާފްޓް ކަމުގައިވެސް ބުނެފައިވެއެވެ. ނޭވީން ބުނެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެ ޑްރޯން އީރާނުގެ ތެރެއަށް ވެއްޓުނީކަމަށެވެ. އެހެންނަމަވެސް ވެއްޓުނު ސަރަހައްދު ހާމަކޮށްފައެއް ނުވެއެވެ. ގެއްލުނު ޑްރޯންގެ އަގު ހަނގުރާމައިގާ އެމެރިކާއަށް ލިބޭ ގެއްލުންތަކުގެ ލިސްޓަށް އިތުރުވެގެން ދިޔައީއެވެ. އެމެރިކާ ނޭވީން ބުނެފައިވަނީ އެ ޑްރޯން ގެއްލުމަކީ ކްލާސް އޭ ގެ ހާދިސާއެއް ކަމަށާއި މިއަހަރު މިހާތަނަށް ކްލާސް އޭ ގެ 7 ހާދިސާ މެދުވެރިވެފައިވާކަށެވެ. އެމެރިކާ ނޭވީން އަތުގައި އެ މަރުކާގެ ވިއްސަކަށް ޑްރޯން އޮންނަ ކަމަށާއި އަދި އިތުރު 7 ޑްރޯން ގަންނަން ރާވައިފައިވާކަމަށް ރޮއިޓާރސްގެ ޚަބަރުގައި ބުނެފައިވެއެވެ.
އެމެރިކާގެ މަޝްހޫރު އެމް ކިޔޫ-9 ގެ ރީޕަރ ޑްރޯނެއްގެ އަގަކީ 9 މިލިއަން ޑޮލަރެވެ. އެ މަރުކާގެ ސޯޅަ ޑްރޯން އީރާންގެ ހަމަލާތަކުގައި މިހާތަނަށް ވަނީ ހަލާކުކޮށްލާފައެވެ. އެހާގިނަ ޑްރޯންތަކެއް ގެއްލިގެންދިއުމަކީ މާލީގޮތުންވެސް އެމެރިކާ އުފުލަންޖެހުނު ވަރަށް ބޮޑު ގެއްލުމެއްކަން އެމެރިކާގެ ކުރީގެ އެއާރފޯސް ބްރިގޭޑިއަރ ޖެނެރަލް ހިއުސްޓަން ކާންޓްވެލް ބުނެފައިވެއެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި އެމެރިކާގެ ކޮމާންޑް ސެންޓަރުތަކުގައި ލިބެންހުރި އެމް ކިޔޫ-9 މަރުކާގެ ޑްރޯންގެ އަދަދަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުނިކަމެއްކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.
އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ކުވޭތު ސަރަހައްދުން އެފް-15 މަރުކާގެ 3 ފައިޓަރ ޖެޓް ފްރެންޑްލީ ފަޔަރ ގައި ވައްޓާލުމާއި އީރާނުން ވައްޓާލި ތަންޑަރބޯލްޓް އޭ-10 މަރުކާގެ ސްޓްރައިކް އީގަލް ފައިޓަރ ޖެޓާއި އީރާނުން ވައްޓާލި އެފް-15 ގެ ފައިޓަރ ޖެޓްގެ ޕައިލެޓް ހޯދަން ހިންގި ހަރަކާތުގައި އީރާނުން ހަލާކުކޮށްލި 2 ޓްރާންސްޕޯރޓް ޕްލޭނާއި 4 ލައިޓް ހެލިކޮޕްޓަރގެ އަގަކީވެސް މިހަނގުރާމައިގާ އެމެރިކާއަށް ލިބިފައިވާ ބައެއް ބޮޑެތި ގެއްލުންތައް ކަމުގައި ޑެއިލީ ބީސްޓުން ބުނެފައިވެއެވެ.
އީރާނުން ބުނެފައިވަނީ އެ ޑްރޯން ވައްޓާލީ ކަމަށެވެ. އޭގައި ބޭނުންކޮށްފައިހުރި ޓެކްނޯލޮޖީ އީރާނަށް ލިބުމަކީ އޭގެ އަގަށްވުރެން އަދި މާ ބޮޑު ގެއްލުމެއް ކަމަށް ތަޖްރިބާކާރުން ބުނެފައި ވެއެވެ.
ބިޒްނަސް އިންސައިޑަރުން ރިޕޯރޓްގައި ޕާރޝިއަން ގަލްފުގެ މަތީގައި އެ ޑްރޯން އުދުހެމުން ދަނިކޮށް ޓްރެކިންގ ސޯފްޓްވެއަރ ކުއްލިއަކަށް ކަޅުވެގެން ދިޔައީކަމަށް ބުނެފައިވެއެވެ.
އެމެރިކާ ނޭވީންގެ 238 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެމް ކިޔޫ-4 ސީ މަރުކާގެ ޖާސޫސީ ޑްރޯނެއް ގެއްލުނު ފުރަތަމަ ފަހަރު
![]()