އިސްރާއީލުން ލެބަނަން އަށް ދެމުންގެންދާ ހަމަލާތައް ދިހަ ދުވަހުގެ މުއްދަތަކަށް ހުއްޓާލުމާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް މިހާރު ހުޅުވާލެވިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އާއި ދެބޭފުޅުންވެސް ހާމަކުރައްވައިފި ކަމަށް އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުގައި ބުނެފިއެވެ.
އީރާނުން ހޮރްމުޒް ކަނޑުއޮޅި މިހާރު ހުޅުވައިފިކަން ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ސޯޝަލްމީޑިއާގައިވެސް ޕޯސްޓްކޮށްފައެވެ. އިސްރާއީލުން ލެބަނަންއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލާފައި އޮންނަ މުއްދަތުގައި ހޮރްމުޒް ކަނޑުއޮޅި އޮންނާނީ ހުޅުވާފައިކަމަށް އިރާނުގެ ޚާރިޖީ ވަޒީރު ވަނީ އެކްސް ގައި ވިދާޅުވެފައެވެ. އިސްރާއީލުން ލެބަނަން އަށް ދެމުންގެންދާ ހަމަލާތަކުގެ އަނދިރި ހިޔަނި އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށްވެސް ވަރަށް ބޮޑަށް އަޅާފައިވާކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އިސްރާއީލުން ހިޒްބު ﷲ ގެ މުޖާހިދުންނާ ދެކޮޅަށް ލެބަނަންއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމާގުޅިގެން ބޭރޫތުގެ މަގުތަކުގައި ގެންދަނީ އެ ގައުމުގެ ރައްޔިތުން އުފާ ފާޅު ކުރަމުންނެވެ. އަދި ހަމަލާތަކާހުރެ ގެދޮރު ދޫކޮށް ގޮސްފައިވާ މީހުން އެނބުރި ގެދޮރަށް ދިއުމަށްޓަކައި މިހާރު ގެންދަނީ ދަތުރުކުރަމުންނެވެ. ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ވޯޝިންގްޓަންގައި ކުރެވެމުންދިޔައިރު އެ ވާހަކަތައް ކާމިޔާބު ކުރުމަށްޓަކައި އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. ހުކުރު ވިލޭރޭގެ މެންދަމުގެ ފަހުން އިސްރާއީލުން ލެބަނަންއަށް އެއްވެސް ހަމަލާއެއް ދީފައިނުވާކަމަށް ޔޫ އެން ޕީސްކީޕަރުންގެ ތަރުޖަމާނު ބުނެފައިވެއެވެ. އެހެންނަމަވެސް ދެކުނު ލެބަނަންގެ ވައިގެ ސަރަހައްދަށް އިސްރާއީލުގެ ފައިޓަރ ޖެޓްތައްވަދެ ބޮންއަޅަމުން ގެންދިޔަކަމަށް ތުހުމަތު ކޮށްފައިވެއެވެ. އެމެރިކާގެ ޚާރިޖިއްޔާއިން މީޑިއާތަކަށް ހިއްސާކޮށްފައިވާ “ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި “ އިސްރާއީލުން ލެބަނަންއަށް ހަމަލާ ދިނުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އަމިއްލަ ދިފާއުގައި ހަތިޔާރު ބޭނުންކުރެވިދާނެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދިޔަ ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް ހުއްޓާލަން އެއްބްސްވެ ޕާކިސްތާނުގެ އިސްލާމް އާބާދުގައި ކުރަންފެށި މަޝްވަރާތައް ނާކާމިޔާބުވެ ކުއްލިއަށް ހުއްޓިގެން ދިއުމަށް ފަހު އަލުން އެ މަޝްވަރާތައް ފެށޭނެ މަގެއް ފެނޭތޯ ޕާކިސްތާނުން ގެންދަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ބާރުގަދަ އާރމީ ޗީފް އާސިމް މުނީރު ވަނީ އީރާނަށް ދަތުރު ކުރައްވައި އެ ގައުމުގެ މަޖިލީހުގެ ރައީސް އާއި ބައްދަލުކުރައްވާފައެވެ. އަލުން މަޝްވަރާތައް ފެށުމާގުޅޭގޮތުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނާއެކު ވަރަށް އަވަހަށް މަޝްވަރާތައް ފެށި އެއްބަސްވުމަކަށް އާދެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މަޝްވަރާތަކުގައި ގޮތެއް ނިންމުން އެންމެ ބޮޑަށް އުދަނގޫ ކަމަށް ފާހަގަ ކުރެވެނީ ހަނގުރާމައިގާ އީރާނަށް ލިބުނު ގެއްލުމަށް ބަދަލު ދިނުމާއި އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމާއި އަދި ހޮރްމުޒް ކަނޑުއޮޅި އާންމުދަތުރުތަކަށް ހުޅުވުން ކަމުގައި ބުނެފައިވެއެވެ. އީރާނާއެކު ކުރެވޭ މަޝްވަރާތަކާ ގުޅޭގޮތުން 2015 ވަނައަހަރުގެ މަޝްހޫރު ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން އެކުލަވާލުމުގެ މޭސްތިރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އޭރުގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ސެމާފޯރ ވޯލްޑް އިކޮނޮމީ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އެ ފެންވަރުގެ އެއްބަސްވުމަކަށް އާދެވިއްޖެނަމަ ދެފަރާތުގެ މައްސަލަތަކަށްވެސް ރަނގަޅު ހައްލެއް ލިބިގެންދާނެއެވެ. 2015 ގެ އަހަރުތަކާ އަޅާ ބަލާއިރު އީރާނުގެ މަސްލަހަތުތައް ރައްކާތެރިކުރަން ވަކާލާތު ކުރުމުގެ ފުރުސަތު މާބޮޑަށް ތަނަވަސްވެފައިވާކަމަށް އެއްބަސްވާން ޖެހެއެވެ. އަދި އީރާނުން އަމާންދީފާނެކަމަށްވެސް މިހާރު ބެލެވޭކަށް ނޯންނާނެއެވެ.
![]()
