ޗައިނާއިން އެމެރިކާއާ މެދު ކަންތައް ކުރަނީ އަދި އެމެރިކާގެ ބައިވެރިންނާ މެދު ކަންތައް ކުރަނީ ހަމަ އެމީހުން ކަންތައް ކުރާ ގޮތަށެވެ. އެމެރިކާއިން ޗައިނާއާ ދެކޮޅަށް ވިޔަފާރީގެ ފިޔަވަޅެއް އަޅައިފިނަމަ ޗައިނާއިން ވެސް ކުޅިބަލަން ނުތިބެ ހަމަ އެމެރިކާއިން އަޅާވަރުގެ ފިޔަވަޅެއް އަޅައެވެ.
ޗައިނާގެ މަޝްހޫރު ވާވޭ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ކެނެޑާއިން ބަންދު ކުރުމުން ޗައިނާއިން ބަންދުކުރީ ކެނެޑާގެ ދެ ވިޔަފާރިވެރިންނެވެ. ޖާސޫސް ކުރުމުގެ ތުހުމަތުގައެވެ.
ޗައިނާގެ އެންމެ މަގުބޫލު ޓެކްނޮލޮޖީ ކުންފުނި ވާވޭގެ ސީއެފްއޯ މެންގް ކެނެޑާގެ ވެންކޫވާ އެއާޕޯޓުން 2018 ވަނަ އަހަރު ބަންދު ކުރީ މަކާރާއި ހީލަތްހެދުމުގެ ތުހުމަތުގައެވެ. އެކަމުގެ ފަހަތުގައި އޮތީ އެމެރިކާއެވެ. ވާވޭ ކުންފުނި ދުނިޔޭގައި ހޯދާމުންދާ މަތިވެރި ކާމިޔާބީއާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން އެދުވަސްވަރު އަދި މިހާރުވެސް ދަނީ ކުންފުނި ފުނޑާލަން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ވާވޭގެ ބާރުގަދަ ނުފޫޒުގަދަ ސީއެފްއޯ މެންގް ވަންޒުއާ އީރާނުގެ ކުންފުންޏަކާ ގަވައިދާ ޚިލާފަށް ވިޔަފާރީގެ މުއާމަލާތެއް ހިންގިކަމަށް ބުނެ ބަންދު ކުރުމުން ހަމަ 2018 ވަނަ އަހަރު ޗައިނާއިން ބަންދު ކުރީ ކެނެޑާގެ ދެ ވިޔަފާރިވެރިންނެވެ. ޖާސޫސު ކުރުމުގެ ތުހުމަތުގައެވެ. ޗައިނާގެ ސިޔާސަތަކީ ބަންދަށް ބަންދެވެ.
އެމެރިކާގެ އެދުމަށް މެންގް ވަންޒުއާ ބަންދުކުރުމަށްފަހު ހާހެއްހާ ދުވަސް ފަހުން ދޫކޮށްލުމުން އީރާނުން ބަންދު ކުރި ކެނެޑާގެ ދެ ރައްޔިތުން ކަމަށްވާ މިޝެލް ކޯރިގް އާއި މިޝެލް ސްޕޭވާ ޗައިނާ އިން ވަނީ ދޫކޮށްލާފައެވެ. ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި ގޮތުގައި އެ ދެމީހުން މިހާރު ކެނެޑާއަށް ހިނގައްޖެއެވެ.
ޗައިނާ ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. ޗައިނާ ހުއްޓުވަން އެމެރިކާއިން ދަނީ އެކި ގައުމުތަކާ ގުޅިގެން އިއްތިހާދު ހަދަމުންނެވެ. ޗައިނާގެ ސިޔާސަތަކީ ޖެހިވަރަށްވުރެ ބާރަށް ޖެހުމެވެ.
One Response
Salhi