ބޯޓްދަރުކުރަން ދިއުމަކީ ރާއްޖޭގެ އިގުތިސާދަށް ޑޮލަރު ވަންނަ ދޮރެއް

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި 1970ގެ އަހަރު ތަކުގެ ތެރޭގައި ދައުލަތުގެ ޝިޕިންގ ލައިނެއް އުފެދިގެން އައުން ވެގެން ދިޔައީ ރާއްޖޭގެ އިގުތިސާދަށް ހެއު ބަދަލުތަކެއް ކުރިމަތިވި ސަބަބަކަށެވެ. އެމް.އެސް.އެލްގެ ނަމުން މަޝްހޫރުވެގެން އައި މިދެންނެވި ކުންފުނީގައި ގާތްނޑަކަށް 90އަށްވުރެ ގިނަބޯޓު އޮވެއެވެ.

އޭރު ވަރަށް ގިނަ ދިވެހީންގެ ދިރިއުޅުން ބިނާވެގެން ވަނީ ބޯޓުދަތުކޮށްގެން ލިބޭ އާމުދަނީ އެއްގެ މައްޗަށެވެ. އޭރު ރާއްޖޭގައި ބޯޓްދަތުރު ކުރަން ފޮނުވާ އަމިއްލަ އޭޖެންސީތަކެއް ހުރެއެވެ . އެހެންކަމުން ގިނަ ދިވެހިން ބޯޓުދަތުރު ކުރަން ދިޔައީ އެމް.އެސް. އެލް މެދުވެރިވެގެންނެވެ.

ބޯޓްދަތުރު ކުރާ މީހުންނަކީ އެދުވަސްވަރު ތަނަވަސް ފުދުން ތެރި ބައެކެވެ. ދަތުރު ކުރަން ދަނީ އެއް އަހަރާއި 19 މަސްދުވަހާދެމެދުގެ މުއްދަތަކަށް އެގްރީ މެންޓް ކޮށްގެންނެވެ. ދަތުރުކޮށްގެން ލިބޭ މުސާރައާ އެލަވަންސް ރައްކާ ކޮށްގެން ރަށަށް އައިސް ޒަމާނީ ފެންވަރުގެ ގެދޮރުއަޅައި ވިޔާފާރި ތަރައްގީކޮށް އެމަސައްކަތުން ކުރިއަރާފައިވާ މީހުން މިހާރު ވެސް ރާއްޖޭގައި ނިސްބަތުން ގިނައެވެ.

ކޮންމެއަކަސް ޒަމާންތަށް ބަދަލުވަމުން އައިސް ބައެއް އަމިއްލަ ފަރާތްތަކަށް ބޭރު ބޯޓުފަހަރުތަކުގެ އެކިވަޒީފާ ތަކަށް މީހުން ފޮނުވުމަށް ޓަކައި އޭޖެންސީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން މަޖުބޫރު ވިއެވެ. ކުރިން ބޯޓްފަހަރު ތަކަށް ރާއްޖެއިން ފޮނުވީ ޑެކް ކުރޫއިންނާއި އޮއިލަރުންނާއި ފިޓަރުންނާއި ސަރަނގުންނާއި ގިރިސަރުން ކަމުގައި ވިއަސް ފަހުން ކެޕްޓަނުންނާއި އޮފިސަރުން ފެންވަރުގެ މަގާމުތަކަށް ރާއްޖެއިން ދިވެހިން ފޮނުވަން ފެށުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އެތައް ތަނަކުން ފުޅާވެ ޑޮލަރުވަންނަ މިންވަރު އިތުރު ވާން ފެށިއެވެ. އެހެނަސް ރާއްޖެއާ އަވައްޓެރި ގައުމުމުތަކުގެ އަވައްޓެރީން ރާއްޖެ އައިސް ރާއްޖޭގައި ވަޒީފާ އަދާކުރާން ފެށުމުން އިގުތިސާދަށް އޭރުވަންނަމުން ދިޔަ ޑޮލަރު ތައް އަނެއްކޮޅަށް ޖެހި ރާއްޖެއަށް ވަންނަމުން ދިޔަ ބައި އަވަށްޓެރި ގައުމު ތަކަށް އެވަނީ ބޭރުވާން ފަށާފައެވެ.

ބޯޓުދަތުރު ކޮށްގެން ރާއްޖޭގެ ރައްޔިތުން އުފަލުގައި އުޅުނު އެ ރަންޒަމާނަކީ ރައްޔިތުން ގެ މެދުގައި ވަރަށް އެކުވެރިކަން ބަދަހި ދުވަސް ވަރެއްވެސް މެއެވެ.

ޒަމާނަށް ހެޔޮ ބަދަލު އަންނަމުން ދާ މި ދަނޑިވަޅު އޭޖެންސީތައް އުފައްދައި ބޭރުގެ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާން ދިވެހިން ނުފޮނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އޭރުވެސް އަބޫދަބީ ދުބާއީ ފަދަ ގައުމު ތަކުގެ ކުންފުނިތަކުގެ ވަޒީފާތަކަށް ދިވެހިން ފޮނުވާފައި ވެއެވެ. އަދި އެތަންތާގައި ހަތަރު ފަސް އަހަރުދުވަހު ވަޒީފާ އަދާކުރާން ދިވެހިން އުޅުނު ކަން ފާހަގަ ކުރަމެވެ.

ދަތުރު ކުރާން މީހުން ފޮނުވާ އޭޖެންސީތަކުގެ ކިޔޫގައި އޭރުވެސް ގިނަބަޔަކު ތިބެއެވެ. އަބަދުވެސް ރާއްޖެއިން ބޭރުގައި ފަސް ހަ ހާސް ވަރަކަށް ދިވެހިން ބޯޓުފަހަރުގައި ވަޒީފާ އަދާކުރަން ގޮސް އުޅެއެވެ. އޭރު ރާއްޖޭގައި ގުޑުފެއިތް ޝިޕިން ކޮންޕެނީ އާއި ނަޒާކީ ޝިޕިންގ ކޮމްޕެނީ އާއި ގުޑުވިލް ޝިޕިންގ ކޮމްޕެނީއާއި ސަކީނާ މަންޒިލް ފަދަ ކޮމްޕެނީ ތަކުން ބޭރުގެ ބޯޓުފަހަރު ތަކަށް ދިވެހިން ފޮނުވަމުން ގެންދެއެވެ.

އެންމެ ފުރަތަމަ ދިވެހީން ވަޒީފާ އަދާކުރަމުން ދިޔައީ ރާއްޖޭގެ ބޯޓުފަހަރު ތަކުގައެވެ. ނަމަވެސް ރައީސް މައުމޫނުގެ ވެރިކަން ފެށިގެން ރާއްޖޭގެ ޝިޕިންގ ލައިން ބަނގުރޫޓްވެ ބޯޓް ފަހަރު ވިއްކައި ހުސްވުމުން ރާއްޖޭގައި އައު ކުންފުނިތައް އުފެދި އެކުންފުނިތައް މެދުވެރި ވެގެން ބޭރުގެ ބޯޓްފަހަރު ތަކަށް ދިވެހީން ދަތުރުކުރަން ދިޔަނަމަވެސް ފަހަކަށް އައިސް ވަނީ އެކަން ހުއްޓިފައެވެ. ތަމްރީނު ވެގެން ކެޕްޓަނުންނާއި ޗީފް އޮފިސަރުންނާއި ސެކަންޑް އޮފިސަރުންނާއި ޗީފް އިންޖިނޭރުންނާއި، ކެޑޭޓުންނާއި މިހެންގޮސް އޮފިސަރުންގެ ފެންވަރުގެ މަގާމުތަކަށް ދިވެހިން ފޮނުވަމުން ދަނިކޮށް އެމަސައްކަތް ހުއްޓި ރާއްޖޭގެ އިގްތިޞާދަށް ވަނީ ނޭދެވޭއަސަރު ތަކެއް ކޮށްފައެވެ. އޭރު ރާއްޖޭގެ ޒުވާނުންގެ މައިގަޑު ވަޒީފާ ތަކަކީ ބޯޓުދަތުރު ކުރާން ދިއުމޭވެސް ބުނެވިދާނެއެވެ.

 

Loading

One Response

  1. ލިއުންތެރިޔާ އަލިއަޅުވާލަން އުޅުއްވާފައިއޮތީ ވަރަށް ރަނގަޅު ޙާދިސާއަކަށް. އެހެންނަމަވެސް ކަމާބެހޭ މައުލޫމާތުގެ ބަލިކަށިކަން ފާހަގަކުރެވޭ. މިކަހަލަ މުހިންމު މައުޟޫއަކަށް ފެކްޓްސް ހާމަކުރައްވާއިރު މައުލޫމާތު ލިބިވަޑައިގެންނެވި މަސްދަރުގެ އިތުބާރާއި ލިބިވަޑައިގެންނެވި މައުލޫމާތުގެ ސައްހަކަން ވަޒަންކޮށްލުން ބުއްދިވެރި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް