އަތޮޅު ފިހާރަތައް ކޮބައިތޯއެވެ؟

Loading

Facebook
Twitter
WhatsApp

ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ނާސިރު ވެރިކަން ދޫކުރައްވައިވަޑައި ގަތުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅަކަށް ގުރާބު ތުނޑިޔާ ދިމާއިން އެއްގަން ފަޅިން ފިހާރައެއް ދެއްވާފައި ވެއެވެ. މިއިން ކޮންމެ ފިހާރައެއްވެސް ހުންނަނީ ހަވީރީ ހިނގުމާ ބޮޑުތަކުރުފާނު މަގާ ދެމެދުގައެއެވެ. އެއިން ކޮންމެ ބިމަކީ އެކަށީގެންވާ މިނެއްގެ ބޮޑު ބިމެކެވެ. މިއީ އަތޮޅުތަކުގެ ކުރިއެރުމާ ތަރައްގީއަށްޓަކާ ސަރުކާރުން ކޮންމެ އަތޮޅެއްގެ ކުދިބޮޑު އެންމެހައި ރައްޔިތުންގެ ހިއްސާ އޮންނަގޮތަށް ދެއްވާފައިވާ އަތޮޅު ފިހާރައެކެވެ. ކުރިން ކޮންމެ އަތޮޅެއްގެ ނަން ކުރިއަށް ލައިގެން މިސާލަކަށް ސ. އަތޮޅު ފިހާރަ ރ. އަތޮޅު ފިހާރަ، މިގޮތަށް ނަންކިޔަމުން އައި ތަންތަނެވެ. އެހެނަސް މި ފަހަކަށް އައިސް މިދެންނެވި ނަންތަކުން މުޚާޠަބު ކުރެވި، މިދެންނެވި އަތޮޅުފިހާރަތަކުގެ ނަންކިޔާއަޑެއް ނުއިވެއެވެ.

މިހާރުގެ އުތުރު ބަނދަރު ސަރަހައްދާއި އެމްޕީއެލް ސަރަހައްދުގެ އެއްގަންފަޅީގައި އެފިހާރަތައް މިހާރުވެސް އެބަހުއްޓެވެ.

އޭރު އަތޮޅުތަކުން ބާނާމަސް ކިރުވަނީ މިދެންނެވި އަތޮޅު ފިހާރަތަކަށެވެ. މިއިން ކޮންމެ ފިހާރައެއްވެސް ފަނަރަ ނުވަތަ، ސޯޅަ ބުރިއަށް އިމާރާތް ކުރެވިދާނެއެވެ. ގެސްޓް ހައުސް ނުވަތަ އޮފީސް ޢިމާރާތްތައްހަދައި ކުއްޔަށް ދޫކޮށްގެން އެކަށޭނެ ރަނގަޅު އާމްދަނީ އެއް އަތޮޅުތަކުގެ އެކައުންޓްތަކަށް ލިބިލިބި ހުންނާނެއެވެ. މިދެންނެވި އަތޮޅުފިހާރަތައް ސަރުކާރުގެ ބައެއް އޮފީސް ކަށާއި، ވިޔާފާރި ކުރާފަރާތް ތަކަށް ކުއްޔަށް ދޫކުރަމުން ދެއެވެ. އެހެނަސް އެތަން ތަނުން ލިބެންޖެހޭ ރަނގަޅު އާމްދަނީ ލިބޭނީ އެތަންތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންތާއެވެ!

ކޮންމެއަތޮޅަކަށް ދައުލަތުން ދެއްވާފައިވާ މިދެންނެވި ބިންތަކުގައި ހަދާ އިމާރާތް ހަދަން ވާނީ އަތޮޅުގެ ނަން ޝާމިލު ވާގޮތަށެވެ. މިސާލަކަށް ހއ.އަތޮޅު ބިލްޑިންގް މިހެން ކިޔާގޮތަށެވެ. މިފަހަކަށް އައިސް އަތޮޅު ފިހާރަތަކަށް ވެގެން އުޅޭގޮތެއް ރައްޔިތުންނަކަށް ރޭކާ ވެސް ނުލައެވެ. ރައްޔިތުންގެ ހައްގުތަކަށް ވާނުވާ، ވަރަށްސާފުކޮށް ދެފުށް ފެންނަހެން ރައްޔިތުންނަށް އެގެންވާނެއެވެ.

އަތޮޅުފިހާތަކުން އަތޮޅުތަކަށް ވަރަށްބޮޑު އާމްދަނީ އެއް ހޯދޭނެއެވެ. ރައްޔިތުން ޙާލުގައި ޖެހިފައިވާ މި ދަތި ހައިހޫނުކަން ބޮޑު ދުވަސްވަރު ރައްޔިތުންގެ ހައްގުތަށް ހަނިވެ ރައްޔިތުންނަށް ހައްގުވާ މިންވަރު ނޭނގޭނަމަ މިކަންކަމާ ހާވާލުވެގެން އުޅުއްވާފަރާތްތަކުގެ މައްޗަށް ތުހަމަތުގެ އިނލި ދިއްކުރެވިގެން ދާނެ އެވެ.

އަތޮޅުފިހާރަތަކަކީ އަތޮޅުތަކަށް ގެންދާ މުދަލާއި ހުރިހާ ބާވަތެއްގެ ތަކެތި ލިބެން ހުންނަ އަތޮޅު ކުންފުނީގެ ގޮތުހައި ވެސް ތަރައްގީކުރެވިދާނެ ތަންތަނެވެ. އަދި މީގެ އިތުރުން ބޭރުގެ އިންވެސްޓްމެންޓް ތަކަށްވެސް މިދެންނެވި ބިންތައް ދޫކޮށްގެން އަތޮޅުގެ ރައްޔިތުންނަށް ރަނގަޅު އާމަދަނީ އެއް ނެރެވިދާނެއެވެ.

އަތޮޅުތަކުގެ ރައްޔިތުންނަށް މާލެއިން މިދެންނެވި ފަދަބޮޑެތި ބިން ތައް ލިބި އެބިންތަކުން އެކަށޭނެ ރަނގަޅު ފައިދާ ނުލިބުމަކީ ގަބޫލުކުރަން ދަތި ސަބަބަކަށް ވާނެއެވެ. މިދެންނެވި ބިންތައް ބޭނުން ކުރަނީ ކޮންބަޔަކު ކޮންކަމެއް ކުރަންތޯ އާއި މިބިންތަކުން ކިހާވަރެއްގެ މަންފާއެއް ރައްޔަތުންނަށް ލިބޭތޯ އެނގެން ޖެހޭނެއެވެ. އެއީ އަތޮޅުތަކުގެ ރައްޔިތުންގެ މިލްކިއްޔާތުގައި ހިމެނޭ މިފަދަ ބޮޑެތި މާލީ ފައިދާ ލިބޭ ތަންތަނުގެ ސާފު މަޢުލޫމާތު ރައްޔިތުންނަށް މަހުން މަހަށް އަންގައި ދިނުމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް