ޓީޗަރުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ: ރައީސް

Loading

Facebook
Twitter
WhatsApp

 

 

ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ރެހެންދި ސުކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި މި ދިޔަ ދިރާސީ އަހަރުގެ ތެރޭގައި ޓީޗަރުން ކުރަމުން އައި ވަޒަން ނުކުރެވޭވަރުގެ ބުރަ މަސައްކަތްތަކެއްކަމަށާ ޓީޗަރުންނަށް މުސާރައާއި އިނާޔަތް ބޮޑުކުރުމުގެ މަސައްކަތް ކުރައްވާކަމަށެވެ.

”އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި، ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ޓީޗަރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް، ސަރުކާރުން މި އަންނަނީ ކުރަމުން. މީގެ އިތުރުން، ޓީޗަރުން ލިބުންދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް، އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، އެކަމަށްޓަކައި ލިބެންޖެހޭ އިނާޔަތްތައްވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން.“ ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑާއި  ގުޅިގެން، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު އަޅުގަނޑުމެން ހޭދަކުރީ، ވަރަށް އުނދަގޫ ދަތިކަމެއްގެ ތެރޭގައިކަމަށާ،  އެންމެ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނު އެއް ދާއިރާއަކީ ތައުލީމީ ދާއިރާކަމަށެވެ.

“ ވަކި މުއްދަތަކަށް ސްކޫލްތައް މުޅިން ބަންދުކޮށް، ދަރިވަރުންގެ ކިޔެވުމަށް ނުހަނު ގިނަ ހުރަސްތަކެއް ކުރިމަތިވި. ނަމަވެސް އެ ދަތި އުނދަގުލުގައިވެސް ދަރިވަރުންގެ ކިޔެވުން މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިޔުމުގައި ތައުލީމީ ދާއިރާގެ ހިދުމަތްތެރިން އަގުނުކުރެވޭހާ އުނދަގޫ އެތައް މަސައްކަތްތަކެއް ކުރެއްވި.“ ރައީސް ސާލިހު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ  ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒުކުރާ ފަރާތްތައް ކަމަށެވެ. އޭގެ އިތުރުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައިވެސ ތައލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ދިރާސީ އަހަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި މާލެއާއި އެހެން ބައެއް ރަށްރަށުގައިވެސް، ދަރިވަރުން ތިބެންޖެހުނީ ސްކޫލަށް ދާނެ ފުރުސަތެއް ނުލިބިފައިކަމަށާ ވަރަށް ބޮޑު ނުތަނަވަސްކަމެއްގައި ކަމަށެވެ.  އެހެންކަމުން މިއަދު މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ހުރިހާ ދަރިވަރުންވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިއަށް ގެންދަންވީ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކުގައިކަމަށް ރައިސް ވިދާޅުވިއެވެ. އަދި  ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި ފެށުނު ދިރާސީ އަހަރަކީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށް އުންމީދުކުރައްވާކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި މިއަދު ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް