އެމެރިކާއިން، އިންޑިއާގެ ތެޔޮ އުފުލާ ބޯޓަކަށް ދިން ހަމަލާއެއްގައި 3 މީހަކު މަރާލައިފިއެވެ. އޮމާން ކަނޑުން ދަތުރުކުރި، އިންޑިއާގެ 24 ފަޅުވެރިން ތިބި ވިޔަފާރި އުޅަނދަކަށް އެމެރިކާ ސިފައިން ދިން ނުރައްކާތެރި އެ ހަމަލާ އަމާޒުވީ، ދެ ހަފުތާގެ ތެރޭގައި ދިން 60 އެއްހާ އަނގަބަހުގެ އިންޒާރާއި އަސްކަރީ އެކި ސިގްނަލްތަކަށް އެ އުޅަނދުން އިޖާބަނުދިނުމުން ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ.
އިންޑިއާ އާއި އެމެރިކާއާ ދެމެދު ހާރިޖީ ނުތަނަވަސްކަން އުފެދުނު މި ހާދިސާގައި، އިންޑިއާގެ ތިން ފަޅުވެރިން މަރުވީ ޕަލާއޫގެ ދިދަ ޖަހާފައިވާ ”އޭޓީ ސެޓެބެލޯ“ ނަމަކަށް ކިޔާ ބޯޓުގެ އިންޖީނު ރޫމަށް އެމެރިކާގެ މަތިންދާބޯޓަކުން ދިން ހަމަލާއެއްގައެވެ.އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، އެ ބޯޓުން ވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ބްލޮކޭޑާ ތަކުރާރުކޮށް ހިލާފުވެފައެވެ. އެމެރިކާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އެ އުޅަނދަކީ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގެން އީރާނުގެ ތެޔޮ އުފުލުމަށް ބޭނުންކުރާ ”ޝެޑޯ ފްލީޓް“ ނުވަތަ ސިއްރު ފްލީޓެއްގެ ބައެކެވެ.ހަމަލާ ދިނުމުގެ ކުރިން، އެމެރިކާގެ ސިފައިން އެތައް ދަހަ އިންޒާރެއް ދީ، ބޯޓު ހުއްޓުވުމަށްޓަކައި މަދުވެގެން އަށް ފަހަރު ”ޝޯ އޮފް ފޯސް“ ނުވަތަ ބާރު ދައްކާލުމުގެ ހަރަކާތްތައް ހިންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި ބޯޓު މަތިން އަސްކަރީ ބޯޓުތައް އުދުއްސުމާއި، އިންޒާރުގެ ފްލެއާސް ފޮނުވުމާއި، ރޭޑިއޯ މެދުވެރިކޮށް ތަކުރާރުކޮށް މުއާމަލާތްކުރުން ހިމެނެއެވެ. އޮފިޝަލުން ވިދާޅުވީ ހަމަލާ ދިނުމުގެ ކުރިން ފަޅުވެރިންނަށް އެންމެ ފަހުގެ ދެ އިންޒާރު ދީފައިވާ ކަމަށެވެ.އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ހަމަލާ ދިނުމުގެ ކުރިން އިންޖީނު ރޫމް ހުސްކުރުމަށް ފަޅުވެރިންނަށް 15 މިނެޓުގެ ވަގުތު ދީފައިވާ ކަމަށެވެ. މި ހަމަލާގައި ބޯޓު ދަތުރުނުކުރެވޭ ވަރަށް ހަލާކުވި ނަމަވެސް، ބޯޓުގައި ތިބި އިންޑިއާގެ ފަޅުވެރިންގެ ތެރެއިން ބަޔަކު ވަނީ މަރުވެފައެވެ.“60 އަށް ވުރެ ގިނަ ދުވަސް ވަންދެން މި ފިޔަވަޅުތައް އަޅާފައި އޮތުމުން، އެމެރިކާގެ ސިފައިން މި ބްލޮކޭޑް ވަރަށް ހަރުކަށިކޮށް ތަންފީޒުކުރާނެކަން މިހާރު އޮންނަންވާނީ ސާފުވެފައި،“ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މި އޮޕަރޭޝަން ދިފާއުކުރަމުން ބުންޏެވެ.މި ހަމަލާއާ ގުޅިގެން ނިއުދިއްލީގައި ވަނީ ވަރުގަދަ އިހުތިޖާޖުތަކެއް އުފެދިފައެވެ. އިންޑިއާއިން ވަނީ މިދިޔަ ހަފުތާގައި އެމެރިކާގެ ޗާޖް ޑި އެފެއާޒް ހާޒިރުކޮށް، މި ހަމަލާއާ މެދު ރަސްމީކޮށް އިހުތިޖާޖުކޮށް، އިންޑިއާގެ ފަޅުވެރިން މަރުވި މައްސަލައިގައި ތަފްސީލަށް އެދިފައެވެ. އިންޑިއާގެ އޮފިޝަލުން ވަނީ އެ ސަރަހައްދުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުތަކާއި އާންމު ފަޅުވެރިންގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.މި މައްސަލަ އިތުރަށް ގޯސްވީ، އެ ބޯޓަކީ އީރާނުގެ ތެޔޮ އުފުލާ ބޯޓެއް ކަމަށް ކުރާ ތުހުމަތުތައް ބޯޓުގެ މެނޭޖްމަންޓުން ދޮގުކޮށް، މީހުންގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާގެ ޒިންމާ އެމެރިކާގެ ބޮލުގައި އެޅުވުމުންނެވެ.މި ހާދިސާ ހިނގާފައިވަނީ މެދުއިރުމަތީގައި ނުތަނަވަސްކަން ބޮޑުވެ، އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ކަނޑުގެ ވިޔަފާރި މަގުތަކަށް ބުރޫއަރައި، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.އެހެންނަމަވެސް، އިސްތިރާތީޖީ ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ފަޅުވެރިންނަށް މިހާރު ވަނީ އުންމީދެއް ލިބިފައެވެ. އެމެރިކާ އާއި އީރާނުން ވަނީ އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށާއި، އެމެރިކާގެ ކަނޑުގެ ބްލޮކޭޑް އުވާލުމަށް ހިމެނޭ ސުލްހައިގެ އެއްބަސްވުމެއް އިއުލާނުކޮށްފައެވެ.މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ ޖޫން 19 ވަނަ ދުވަހު ސުވިޒަލޭންޑުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ކުރިއެރުމަށް މަރުހަބާ ވިދާޅުވެ، ހޯރްމޫޒް ކަނޑުއޮޅި ދުނިޔޭގެ ދަތުރުފަތުރަށް އަލުން ހުޅުވާލާނެ ކަމަށް އިއުލާނުކުރައްވައި، ދުނިޔޭގެ ހުރިހާ އުޅަނދުތަކަކުން އާންމު ދަތުރުތައް ފެށުމަށް ގޮވާލައްވާފައެވެ.
![]()
