ތަފާސް ހިސާބުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ 2021 ޖުލައި މަހުގެ 8 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މައިގަނޑު މަގްސަދުތަކު ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމާއި ގައުމުގެ އިގްތިސާދީ އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގާއުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، ”މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް“ ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދޭނެއެވެ.

އަދި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވާނެއެވެ.

މި ގާނޫނުގައިވާގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ. ޗީފް ސްޓެޓިސްޓީޝަން އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ އިތުރުންވެސް މި ގާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ގައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ. އަދި މި ސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް