އެމެރިކާގެ އިމިގްރޭޝަން ނިޒާމުގެ ތެރެއިން ހިނގައިދިޔަ ހިތާމަވެރި ހާދިސާއަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ. މި ހާދިސާގައި ހޮންޑިއުރަސްގެ މަންމައަކު އޭނާގެ ދެ އަހަރުގެ ދަރިފުޅާ ވަކިން ޑީޕޯޓްކޮށްލުމަށްފަހު، ފަހުން އެ ކުއްޖާ ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާކަން ވަނީ އެނގިފައެވެ.
އޯލިން ޖޯޝުއާ ހެނާންޑޭޒް ރޭއިސް ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ މަރުވީ މިދިޔަ މާރިޗު މަހު ފްލޮރިޑާގައި އޭނާގެ ބޮޑުބޭބެއާ އެކު އުޅެނިކޮށެވެ. އޮފިޝަލުން ހާމަކުރި ގޮތުގައި، އެ ކުއްޖާއަށް ވަނީ ނުހަނު ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭގެ ތެރޭގައި މޭކަށިގަނޑު ބިންދައިގެން ދިއުމާއި، ހަށިގަނޑު ފިހިފައި ހުރުމާއި، ޕެންކްރިއަސްއަށް ގެއްލުންވުމުގެ އިތުރުން ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ. މި މައްސަލައާ ގުޅިގެން ކުއްޖާގެ ބޮޑުބޭބެ މިހާރު ވަނީ ގަތުލުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
ކުއްޖާގެ މަންމަ، ވެންޑީ ހެނާންޑޭޒް ރޭއިސް ބުނި ގޮތުގައި، އޭނާ ހޮންޑިއުރަސްއަށް ފޮނުވާލުމުގެ ކުރިން، ދަރިފުޅާ ވަކިނުކުރުމަށް އެދި އެމެރިކާގެ އިމިގްރޭޝަން އިދާރާތަކުގައި އިންތިހާއަށް އާދޭސްކުރިއެވެ.
”އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ބަޔަކީ އަހަރެންގެ ދަރިފުޅު ކަމަށްވާއިރު، އަހަރެން އޭނާ ދޫކޮށްލާނީ ކިހިނެއް؟“ ދަ ވޮޝިންޓަން ޕޯސްޓަށް ދިން އަސަރުގަދަ އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. ”އަހަރެން ހުރިހާ ކަމެއް ކުރީ އަހަރެންގެ ދަރިފުޅާ އެކު. އަހަރެންނަކީ ގާތިލަކާ އެކު ދަރިފުޅު ދޫކޮށްލާނެ ފަދަ ނުބައި މަންމައެއް ނޫން.“
މި ހިތާމަވެރި ހާދިސާގެ ފެށުމަކީ، މިދިޔަ ޖެނުއަރީ މަހު ވެންޑީ އާއި އޭނާގެ ކޮއްކޮ ވަޒީފާއަށް ދަނިކޮށް އެލަބާމާގެ ފުލުހުން އެމީހުން ހުއްޓުވުމެވެ. އޭގެ ފަހުން ބޯލްޑްވިން ކައުންޓީ ޝެރިފްގެ އޮފީހުން އޭނާ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އާ ހަވާލުކުރިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ވެންޑީ 2022 ވަނަ އަހަރު އެމެރިކާއަށް ގޮސް ހިމާޔަތަށް އެދިފައިވީ ނަމަވެސް، އިމިގްރޭޝަން ކޯޓުގެ އަޑުއެހުމަކަށް ހާޒިރުނުވުމުގެ ސަބަބުން އޭނާ ވަނީ ހޮންޑިއުރަސްއަށް ޑީޕޯޓްކޮށްލާފައެވެ. ނަމަވެސް ވެންޑީ ބުނާ ގޮތުގައި، އޭނާ ގައުމުން ބޭރުކޮށްލުމުގެ ކުރިން ދަރިފުޅާ ބައްދަލުކޮށްދިނުމަށް އެދި އޮފިސަރުންގެ ކިބައިން ތަކުރާރުކޮށް އާދޭސްކުރިއެވެ.
”އަހަރެން ބުނިން އަހަރެންގެ ދަރިފުޅު ހޯދައިދިނުމުގައި އެހީތެރިވެދޭށޭ. އަހަރެން އޭނާ ބޭނުމޭ،“ އޭނާ ކިޔައިދިނެވެ.
ކުއްޖާ މަރުވުމާ ގުޅިގެން އައިސް އިން ނެރުނު ބަޔާނެއްގައި، ކުއްޖާ ދޫކޮށްލާފައި ދިޔައީ މަންމަ ކަމަށް ބުނެ އޭނާއަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އެ އިދާރާއިން ބުނީ އޭނާ ދަރިފުޅު ”އިހުމާލުކޮށްލީ“ ކަމަށާއި، އަނިޔާވެރި ގާތިލެއްގެ ކައިރީގައި ދަރިފުޅު ބެހެއްޓުމަށް އޭނާ އިޚުތިޔާރުކުރީ ކަމަށެވެ.
އައިސްގެ ޑައިރެކްޓަރު ޓޮޑް އެމް. ލިޔޮންސް ވެސް އެ އިދާރާގެ އަމަލުތައް ދިފާއުކުރައްވަމުން ވިދާޅުވީ، ދަރިންނާ އެކު އަމިއްލައަށް ގައުމަށް އެނބުރި ދިއުމަށް މައިންބަފައިންނަށް ހިތްވަރުދޭ ކަމަށާއި، ދަރިފުޅު ގޮވައިގެން ދިއުމުގެ ފުރުސަތު ވެންޑީއަށް ދެވުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިންޓަރނެޓްގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ސުވާލު އުފައްދަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގަން މެދުވެރިވީ ކީއްވެގެން ކަމާއި، އެ ކުއްޖާ ރައްކާތެރިކުރުމަށް މިއަށްވުރެ ބޮޑަށް މަސައްކަތް ކުރެވުނީސް ނޫންތޯއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޚަބަރު ކިޔާ މީހުންނަށް އެންމެ އަސަރުކުރާ ކަމަކީ، މަންމައަކު އޭނާގެ ދަރިފުޅާ ވަކިނުކުރުމަށް އެދި އާދޭސްކުރަމުން ދަނިކޮށް، ފަހުން އެ ކުއްޖާ ބަޔާންކުރަން ދަތި ހާލަތެއްގައި މަރުވި ޚަބަރު ލިބުމެވެ.
މި ހާދިސާއާ އެކު، އެމެރިކާގެ އިމިގްރޭޝަން ނިޒާމު، ޚާއްޞަކޮށް ޑީޕޯޓްކުރުމުގެ މަރުހަލާތަކުގައި ކުޑަކުދިންނާއި އާއިލާތަކާ މެދު އަމަލުކުރާ ގޮތާ މެދު އަނެއްކާވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
![]()
