ކެނެރީގޭ ނަޝީދު: "މަނިކުފާނު މޮޔަފުޅު ވީތޯ؟"

Loading

Facebook
Twitter
WhatsApp

ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމް ކުރީގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެއްފަހަރަކު ސުއާލު ކުރެއްވިއެވެ.

”މަނިކުފާނު މޮޔަފުޅު ވީތޯ؟“

ރައީސް ނަޝީދުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ޢަބްދުﷲ ގާޒީ ވަގަށް ނަގައި ހައްޔަރުކޮށް ބަންދުކުރުމުން އެކަމާ ދެކޮޅަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން ކުރަމުން ދިޔަ މުޒާހަރާތަކުގައި ވާހަކަފުޅުދައްކަވަމުން މަޝްހޫރު ސަންދާން އަޙްމަދު ދީދީ ނަޝީދަކީ ”މޮޔަ ކުއްޖެއް“ކަމުގައި އެތައް ރެއަކު، އެތައް ފަހަރަކު، ވިދާޅުވެފައިވެއެވެ. އެއީ އެތަކެއް އަހަރު ދުވަސް ކުރީގައެވެ.

އެއީ އެއްދުވަހެއްގެ ވާހަކައެވެ. އެ ދުވަހުގެ ކުރިން ވެސް އަދި އެދުވަހުގެ ފަހުން ވެސް ނަޝީދު ކުރައްވާ ކަންތައްތަކާއި ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެން ބައެއް މީހުން ސުވާލު ކުރާ އަޑު އިވެއެވެ.

”ނަޝީދު މި އުޅުއްވަނީ ކިހިނެއް ވެގެންތޯ؟“

”ނަޝީދު މި އުޅުއްވަނީ މޮޔަފުޅު ވެގެންތޯ؟“

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ހަވާސާގައި ނުހުންނެވޭނޭ ކަމަށާއި ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުއަކަށް ވެގެންނަމަވެސް ވެރިކަން ކުރައްވަން ބޭނުންފުޅުވާ ވާހަކަ ނަޝީދު ”އިހައްދުވަހު“ ވިދާޅުވުމުންވެސް ނަޝީދަށް ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެ ނަޝީދުގެ ބުއްދިއާ މެދު ގިނަ ބަޔަކު ސުއާލު އުފައްދާފައިވެއެވެ.

ދެން މިއޮތީ ނަޝީދު އިއްޔެ ވިދާޅުވި ވާހަކައެވެ.

އެމްޑީޕީގެ އެންމެ އިސްބޭފުޅުން ތިއްބަވާ ”ވަޓްސްއެޕް“ ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ފިކުރީ ގޮތުން ޚިޔާލު ތަފާތުވެފައިވާތީ، އެ މަނިކުފާނާއެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް ކަމަށެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަށް ވެސް އެ މެސެޖުތަކުގައި ނަޝީދު ވިދާޅުވެފައިވެއެވެ.

އަނެއްކޮޅުން ނަޝީދު ވިދާޅު ވަނީ އެމަނިކުފާނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މައްސަލައެއް ޖެހިގެން ނޫޅުއްވާ ކަމަށާއި ނުވެސް ޖެހޭނެ ކަމަށެވެ.

”އެކަމަކު އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާއާ މިހާރު ފިކުރީ ގޮތުން ޚިޔާލު ތަފާތު“ ކަމުގައި ނަޝީދު މިވަނީ ޢިއުލާނު ކުރައްވާފައެވެ.

ރައީސް އިބޫއާއި އަންނި: އަންނި ވިދާޅުވަނީ އިބޫއާއި ސިޔާސީ ފިކުރު ތަފާތުކަމަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ފިކުރީ ގޮތުން ޚިޔާލު ތަފާތުވެފައި ވާކަމަށާއި އެ މަނިކުފާނާއެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް ކަމަށާއި ރައީސް ޔާމީނާއި އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވާ ވާހަކަ ނަޝީދު ވިދާޅުވުން ވެގެންދިޔައީ އެމްޑީޕީތެރޭގައި ”ސިޔާސީ ބޮމެއް“ ގޮއްވާލުން ފަދަ ކަމަކަށެވެ. އަދި އަނެއްބައެއްގެ ވިސްނުން ހުރީ އެމްޑީޕީތެރޭގައި ބަޣާވާތެއް ގެންނަވަން ނަޝީދު މަސައްކަތް ކުރެއްވުން ފަދަ މޮޔަ ކަމެއްގެ ގޮތުގައެވެ. އަދި އެއީ ރައީސް ސާލިޙު އާއި ފިކުރު ތަފާތު އަދި ނަޝީދަށް ޖާނާއި މާލުން ގުރުބާންވާން ތައްޔާރަށް ތިބި އެމްޑީޕީގެ ގިނަ މީހުންނަށް ވެސް ގަބޫލުކުރަން ފަސޭހަ ވާހަކައަކަށް ނުވާނެއެވެ. ނަތީޖާއަކަށް ވާނީ އެމްޑީޕީގެ ފިކުރާއި ބަދަހި ގުޅުން ފުނޑުފުނޑު ވެގެން ދިއުމެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޯލިޝަން ސަރުކާރަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރަން މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގިލަންވެރިކަމަކީ ނަޝީދާއި އެމަނިކުފާނަށް ސަނާ ކިޔަމުންދާ އެމްޑީޕީގެ ހަރުކަށި ފިކުރުގެ އެކްޓިވިސްޓުންނެވެ.

ރައީސް ސާލިޙު އާއި ދެކޮޅަށް ނަޝީދު ގޮއްވާލެއްވި ”ސިޔާސީ ބޮމާ“ ގުޅިގެން ނަޝީދަށް ފާޑުކިޔައި ”ވަގުތު“ އޮންލައިންއަށް ”ރެފްރީ“ގެ ނަމުގައި މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ. ”މަނިކުފާނުގެ ފެންވަރާއި ވިސްނުމާއި މިކުދީންނަށް ދަސްވެއްޖެ. މަނިކުފާނު ތިހުރީ ސައިކޮލިޖިސްޓަކަށް ދައްކަންޖެހިފަ. މަނިކުފާނަކީ ވެރިކަން ކުރެވޭހާ ލަޔާގަތު ހުރި މީހެއްނޫން!“

އެހެން މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ. ”މި މީހާވެސް ކ. އަތޮޅު ގުރައިދުއަށް ގެންގޮސްލާ އެރަށުގައި ހުންނާނެ މިކަހަލަ މީހުން ލާނެ ތަނެއް.“

ނަޝީދު ދޭތެރެދޭތެރެއިން ވެރިކަން ބޭނުންފުޅުވެގެން ނޫޅުއްވާ ވާހަކަ ވިދާޅުވާއިރު އަނެއްކޮޅުން ފެންނަމުންދަނީ ވެރިކަމަށް ދަހިވެތިވެ “ ބޫތު ކައިގެން“ ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެކަމުގެ ހެކިތަކެވެ.

އެމްޑީޕީގެ ޝުޢައިބު ޢަލީ ވިދާޅުވަނީ އަންނިގެ ”ބަލާވެރިކަމުން“ އެމްޑީޕީ ސަލާމަތް ނުކުރެވިއްޖެނަމަ އެޕާޓީގެ އަކީ ސިޔާސީ ގޮތުން މައިނޯރެޓީއަކަށް ވާނެކަމަށެވެ. ދެރައީ އަންނި އަށް ވެރިކަން ކުރާކަށް އެނގުނިއްޔެއްނޫން، އެހެން މީހަކު ވެރިކަން ކުރިޔަދެނީއަކީ ނޫން، ވެރިކަން ނޫން އެހެންކަމެއް ބޭނުންމެއްނުވޭ. މިއީ ދެން ދެރަވަރުނޫންތޯއެވެ ޝުއެއިބު ސުވަލު ކުރެއްވިއެވެ!

މިހެންވުމުން ދެން ތިލަކޮށް ގަނޑުކޮށް ބުނާނަމަ އެންމެބޮޑު ހިތާމައަކީ ނަޝީދު މޮޅުކަމަށް ވިދާޅުވާ އޭޑީކޭ ހޮސްޕިޓަލް އަކީ މޮޔައިންނަށް ބޭސްކުރާ ޚާއްޞަ ހޮސްޕިޓަލެއް ނޫންކަމެވެ. އަދި ޖަރުމަނަށް ފަރުވާހޯއްދަވަން ވަޑައިގެންވެސް އެފަދަ ސައިކޯ ޓެސްޓެއްނުހައްދަވާ އެނބުރި މާލެ ވަޑައިގަތުމެވެ. އަޅުގަނޑު ހިތައްއަރަނީ ނޫނޭ ނޫނޭ ވެރިކަމަކީ ހާދަ ވާ ވަރެއްގެ ކަމެކެވެ.! އެކިޔަމުން އައި ހިތާ ހިތުގެ ގުޅުމަށް މިވީ ކީއްހެއްޔެވެ؟

 

 

Loading

3 Responses

  1. ތިނޫން މީހެއް ދައްކަބަލަ މިގައުމުގަ ވެރިކަން ކުރި މީހުންގެ ތެރޭން. ދެން ވެރިކަން ނުލިބި ތިބިމީހުން ވެސް ބޭނުން ވަނީ ވެރިކަން . ނޫނީ މަތީ މަގާމެއް. ބައެށް މީހުން ސަރުކާރުގެ އިސްމަގާމް ބޭނުންވެގެން މަގުމަތީގަ އިންދާފަ ހުރި ފެންފޯއް ރުއް ގަސް ވެސް އުފުރާހެދި. މިކަން ތިނޫހައް އެނގޭތަ؟ ????

  2. ތޫރައަށް ސަލާމް
    ވަރަށް ބޮޑު ތެދުފުޅެއް. ވެރިކަންނޫން އެހެން އެއްވެސް ކަމެއް އޭގެތެރޭން އެކަކުވެސް ބޭނުމެއްނޫން.

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް