ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް ކަރަންޓީން ވުމަކާއި ނުލާ ރަށްރަށަށް ދެވޭނެ ގޮތް އެޗްޕީއޭ އިން ހަމަޖައްސައިދީފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖައްސަވާ، 14 ދުވަސް ވެފައިވާ ފަރާތްތަކުން މާލެއިން މޮނިޓަރިންގައި ނެތް ރަށްރަށަށް ނައްސި ޕީސީއާރް ޓެސްޓަކާއެކު ދަތުރުކުރެވޭނެކަމަށެވެ.
“މޮނިޓަރިންގަ ހުރި ރަށްތައް ފިޔަވާ އެހެން ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 14 ދުވަސް ވެފައިވާ ފަރާތްތަކަށް ދަތުރު ކުރެވޭނެ. އެހެންނަމަވެސް މޮނިޓަރިންގައި ހުރި ރަށްރަށަށް މާލެއިން ދަތުރުކުރަންޏާ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ” މަބްރޫކް ވިދާޅުވިއެވެ.
އެގޮތުން މިހާރު މާލޭގެ ހާލަތު އޮތް ގޮތައް ފަސް ޕަސެންޓަށް ވުރެ ދަށުގައި ޕޮޒިޓިވިޓީ ރޭޓް ހުންނަ ނަަމަ، އެ ދުވަސްވަރެއްގައި ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކީގައި މާލެއިން ރަށްރަށަށް ކަރަންޓީނަކާ ނުލައި ދެވޭނެ ކަަމަށް ވިދާޅުވިއެވެ. އެ ފަރާތްތަކަކީވެސް ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތަކުގެ ތެރޭގައި ކަރަންޓީންވުމަކާ ނުލައި ދެކުނު އޭޝިއާގެ ޤައުމުތަކުން ރިސޯޓްތަކަށް އެތެރެވުމުގެ ހުއްދަ ދިނުމާއި، މާލެ ސަރަޙައްދުގައި ހިނގަމުން އައި ކާފިއު ވަގުތު އުވާލުމާއި، ރޭގަނޑު 11:30 ވަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުންވެސް ހިމެނެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިންނަމަވެސް، އެއަށް އަމަލު ކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.