ސައެންސްގެ އަލީގައި ކީރިތި ޤުރުއާނުގެ އަޖައިބު

Loading

Facebook
Twitter
WhatsApp

ސައެންސްގެ އީޖާދުތަކާއި ހޯދުންތަކާމެދު ސައިންސްވެރިން އިންތިހާއަށް ފަޚުރުވެރިވެއެވެ.

ތެދެކެވެ. އެމީހުންގެ އީޖާދުތަކާއި ހޯދުންތަކަކީ މުޅި އިންސާނިއްޔަތަށް އޭގެ ފައިދާ ކުރާކަންތަކެވެ. އަދި އެއާނުލައި ދިރިއުޅުން ފުރިހަމަ ކުރަންވެސް އުދަނގޫވާނެ ކަމަށް ގަބޫލު ކުރަންޖެހެއެވެ. ހަމައެއާއެކު ގަބޫލުކޮށް އީމާން ވާންޖެހޭ ހަގީގަތަކީ ޢިލްމާއި ވިސްނުން އެއީ ގަދަކަމުން ހޯދައިގަނެވޭނެ އެއްޗެއް ނޫންކަމާއި މާތް ﷲ މިންވަރުކުރެއްވި ވަރަކަށް މެނުވީ ނުލިބޭނެކަމެވެ. އޭގެ މާނައަކީ ޢިލްމުލިބިގަނެ އޭގެ މައްޗަށް ވިސްނުން އެއީ ކުރަން ނުޖެހޭނެކަމެކޭ ނޫނެވެ. އަދި ކިއެއްތަ އެއީ ކޮންމެ އިންސާނަކުވެސް ކުރުން ވާޖިބު ކަމެކެވެ. އަޅުގަނޑުގެ މަގުސަދަކީ ޢިލްމު ހޯދަންކުރާ މަސައްކަތުގައި ކުރިއްސުރެން އެރޮނގުގައި މަސައްކަތްކުރި މީހުންނާއި އެމީހުންގެ ހޯދުންތަކުން ޙާސިލުކުރެވުނު މިންވަރުވެސް ހަދާންކޮށް ޝުކުރުވެރި ވުމެވެ.

ހުޅަނގުގެ ޢިލްމުވެރިން މިއަދު ކިތަންމެ ކުރިއަރާފައިވިޔަސް އަދި ގަބޫލުކުރިޔަސް ނުކުރިޔަސް އެމީހުންގެ ކުރިއެރުމާއި ގުޅިފައިވަނީ މުސްލިމުންގެ ހޯދުންތައް ކަމުގައި ނުވެއެއް ނުދާނެއެވެ. އަދި މުސްލިމުންގެ ޖީލުތަކުން ޢިލްމު އުގެނިފައިވަނީ ކީރިތި ގުރުއާނުގެ އަލީގައިކަންވެސް ދޮގެއްނުކުރެވޭނެއެވެ.

ކީރިތި ޤުރުއާން ބާވައިލެއްވުނީ އެކިފަހަރު އެކި އާޔަތުގެ ގޮތުގައި 23 އަހަރުދުވަހުގެ ތެރޭގައެވެ. އެހެންކަމުން އެއީ އިންސާނަކު ލިއުނު ފޮތެއްކަމުގައި ދެކޭނަމަ ފާހަގަކުރަންޖެހޭ ބައިވަރު ކަންތައްތަކާއި އެކަންތަކުގެ ހައްލަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. ކީރިތި ގުރުއާނަކީ ކައުއިތުރު ރަސޫލާ ލިއުއްވި ފޮތެއްނަމަ އެ ގުރުއާނުގައި ބަޔާންކޮށްފައިވާ ވާހަކަތަކާއި ހާދިސާތަކާއި އުސޫލުތައް އުނގެނިވަޑައިގެންނެވި ގޮތެއް ވެސް އޮންނަން ޖެހޭނެއެވެ. އެ ޤުރުއާނުގައި ހިމެނޭ އިޖްތިމާޢީ ޢަދާލާއި ޖިނާއީ ޢަދާލަތާއި ވާރުތަކުރުމާއި ދިފާޢީ ނިޒާމްތަކާއި އިންސާނީ ޙައްގުތަކާއި ބެހޭ އަމުރުތަކާއި މިހެންގޮސް ދުނިޔޭގައި ލެއްވިހުރިހާ ކަމެއްގެ ސަބަބުތަކާއި ޙައްލުތައް ދަސްކުރައްވައި އެ ޤުރުއާނުގައި ތަރުތީބު ކުރެއްވި ގޮތަކާމެދު ވިސްނާލަންޖެހެއެވެ. ފަލަކީ ނިޒާމާއި ޢާލަމްތަކުގެ ހިނގުން ހުރިގޮތް ކިޔަވާދެއްވި އެދުރުބެއަކުވެސް ހުންނަން ޖެހޭނެއެވެ. ކަނޑުގެ ލޮނުގަނޑުގެ ފުންމިނަށް ދެވޭއިރު އަނދިރިކަން ފެތުރިގެންދާގޮތާއި ފުންމިނާގުޅިގެން އެ އަދިރިކަން ބަދަލުވަމުންދާގޮތް ދެނެގަތުމަށްޓަކައި ފީނުމުގެ ތަޖްރިބާ ވެސް ބޭނުންވާނެއެވެ. ދެކަނޑު ބެދޭހިސާބުގެ ލޮނުގަނޑު ބަދަލުވާގޮތް ދެކިވަޑައިގަންނަވަން އެތަންތަނަށް ދަތުރުވެސް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. މައިމީހާގެ ބަޑުގައި ދަރިފުޅު ގަރުބަގަންނަގޮތް ފިޔަވަޅަށްފަހު ފިޔަޅެއް ތަރުތީބުން އުނގަންނަވައި ދެއްވި މުދައްރިސަކުވެސް ހުންނާނެއެވެ. އަޅުގަނޑު މިހާމަކޮށްލީ މިޒަމާނުގެ ސައެންސުން ދާދި މިދާކަށްދުވަހު ހޯދުނު ބައެއް ކަންތައްތަކެވެ. އޭގެ ކުރީގައި ސައެންސް ވެރިންނަށްވެސް އެއިން ޢިލްމެއް ހޯދިފައެއް ނެތެވެ. އެހެންކަމުން ކީރިތި ޤުރުއާނަކީ މާތްﷲގެ ކަލާމްފުޅުކަން ގަބޫލުކުރުމާއެކު އަޅުގަނޑުމެން މުސްލިމުން ޤުރުއާނުގެ ޢިލްމު ދެނެގަތުމަށް މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިޒަމާނުގެ ކޮންމެގޮތެއްވަރިހަމަ އުސޫލަށް ތަބާވެގެންތިބުމުން ދުނިޔެއާއި އާޚިރަތްދުވަސްވެސް އަތުނުޖެހޭ ހިސާބަށް ހިނގައިދާނެކަން ދެނެގަންނާންޖެހެއެވެ.

ކީރިތި ގުރުއާނުން ހަމައެކަނި އެންމެ މުޢުޖިޒާތެއް އަޅުގަނޑުމެންގެ ކިއުންތެރިންނަށް މިތާގައި ކޮންމެވެސް ވަރަކަށް ހާމަކޮށްލާދެވޭތޯ އަޅުގަނޑު މަސައްކަތްކުރަން ގަސްދުކުރަމެވެ.

ކީރިތި ގުރުއާނުގައި އުޑާއި އަދި ކަނޑައެޅިގެން ވަކި ތަރިއެއްގެނަން ގަންދެއްވައި މާތްﷲ ވަޙީ ކުރައްވާފައިވާ އާޔަތާމެދު ކިއުންތެރިން ވިސްނާލުން ހުއްޓެވެ.

އައްޠާރިޤް، ދަ ޕަލްސަރ، ބަލަންނުކުޅެދޭވަރަށް އަލިގަދަތަރި ނުވަތަ ރޭގަނޑުގެ ތަރި މިއިން ކޮންމެނަމެއް ބޭނުންކުރި ކަމުގައިވިއަސް މި ތަރިއަކީ ހަމަކަށަވަރުންވެސް ކީރިތި ޤުރުއާންގެ މަތިވެރިކަން އަންގައިދޭ މުޢުޖިޒާތެކެވެ. މި ތަރިއަށް ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ނަމަކީ އައްޠާރިޤް އެވެ. އަދި އެބަހުގެ މާނައިގެތެރޭގައި ދޮރުގައިޓަކިދިނުމުން އުފެދޭކަހަލަ އަޑު ހިމެނެއެވެ.

މިތަރިއާމެދު ސައެންސްވެރިންގެވިސްނުން ހައިރާން ކުރުވީ ކީރިތި ޤުރުއާނުގެ 86 ވަނަ ސޫރަތުގައި މިތަރީގެ ވާހަކަ ފާޅުކަންބޮޑުގޮތެއްގައި ބަޔާން ކޮށްފައި އޮތުމުންނެވެ.

މިތަރި ސައެންސްގެ ބާރުގަދަ ދުރުމިތަކުން ދެނެގަނެވުނީ 1967 އޮކްޓޯބަރ 28 ގައެވެ. ސައެންސުގެ ހޯދުންތަކުން އެނގުނު އެންމެ ބޮޑުކަމަކީ މި ތަރިން އާދަޔާޚިލާފް އަޑެއް ފޮނުވުމެވެ. އަދި އެ އަޑު އެންމެ ވައްތަރުވަނީ ގެއެއްގެ ދޮރުގައި މީހަކު ބާރަށް ޓަކި ޖެހުމާއެވެ. އެ ތަރިއަށް ޕަލްސަރގެ ނަމުންނަންދެވުނީވެސް މިސަބަބަށްޓަކައެވެ. ސައެންސްހެ ހޯދުންތަކަށް މިއަޑު ދެނެގަނެވުނީ 21 ވަނަ ގަރުނުގައެވެ. ކުރިއަރާފައިވާ ޓެކްނޯލޮޖީގެ އެއްވެސް ވަސީލަތެއްނެތް ޒަމާނެއްގައި މީގެ 1400 އަހަރުގެ ކުރިން ކީރިތި ޤުރުއާނުގައި މިގޮތަށް މިތަރި ތަޢާރުފް ކުރެވިފައިވާގޮތާމެދު ވިސްނާ ފިކުރުކުރުން ހުއްޓެވެ. ކީރިތި ޤުރުއާނަކީ މާތްﷲގެ ކަލާމްފުޅުކަމާއި މާތް ނަބިއްޔާގެ ރަސޫލުކަމުގެ ފާޅުކަންބޮޑު ހެއްކަކަށް ނުވޭހެއްޔެވެ!

 

Loading

One Response

  1. މަރުޙަބާ ސަންދާނު. މިކަހަލަ ލިއުންތަކުން ކިއުންތެރިންނަށް އިސްލާމްދީނުގެ އިލްމް ލިބެމުންދާނެ އިންތިޒާމެއް ހަމަޖައްސަވާދޭނެކަމަށް އުންމީދުކުރަމެވެ.

Leave a Reply to ސަންދާނު ކިޔާ މީހެއް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް