ހަކަތައިގެ ނިޒާމް ގާއިމު ކުރުމަށް 61 ކުންފުންޏަކުން ޝައުގުވެރިވެއްޖެ

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކަށް ހާއްސަކޮށްގެން އަވިން ހަކަތަ އުފައްދައިދޭ ނިޒާމް ގާއިމު ކުރުމަށް 61 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ އަވިން ހަކަތަ އުފައްދާ މި ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އާބާދީ ބޮޑު ހަ ސަރަހައްދެއްގައި ކަމަށެވެ.

ވޯލްޑް ބޭންކާ ގުޅިގެން ހިންގާ ”އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ“ އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ހަ ސަރަހައްދެއްގައި 11 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އަންނަ އަހަރު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި 61 ކުންފުނީގެ ތެރެއިން 34 ކުންފުންޏަކުން ޕްރީ ކޮލިފިކޭޝަން ހުށައަޅާފައިވާކަމަށެވެ.

ޕްރީކޮލިފިކޭޝަންތައް އިވަލުއޭޓްކޮށް، މި ކުންފުނިތަކުން މަސައްކަތް ކުރިއަށްގެންދިއުމުންގެ ފަންނީ އަދި މާލީ ގބިލުކަން ދެނެގަނެ ޝަރުތު ހަމަވި ކުންފުނިތަކަށް މިހާރުވަނީ ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިނިސްޓްރީއިން ބުނީ ބަލަންޖެހޭ މިންގަނޑުތަކަށް ބެލުމަށްފަހު 12 ކުންފުންޏަކަށް ބިޑް ހުށައެޅުމަށް ފުރުސަތު ދީފައިވާކަމަށެވެ.

އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރާ ރަށްތައް

  • އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫ
  • ފުވައްމުލައް ސިޓީ
  • ކުޅުދުއްފުށި ސިޓީ
  • ގދ.ތިނަދޫ
  • ބ.އޭދަފުށި
  • ޅ.ހިންނަވަރު

 

މަސައްކަތް ކުރިއަށްގެންދިއުމަށް ޝަރުޠު ހަމަވި ކުންފުނިތަކުން އޮކްޓޯބަރުމަހުގެ 14ގެ ކުރިން ބީލަން ހުށައަޅަން ޖެހެނެއެވެ.

ތިމާވެއްޓާ ރަށްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތުގެދަށުން، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށްދެއެވެ. އަދި ކުރިއަށް އޮތްތާގައިވެސް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމުގެ ގިނަ މަޝްރޫތަކެއް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.

އެގޮތުން ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ އެރައިސް ޕްރޮޖެކްޓްގައިވެސް 14ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއއިމުކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ މަޝްރޫއުގެދަށުން ރަށްރަކުގައި ޖުމްލަ 11މެގަވޮޓް އާއި 14މެގަވޮޓްއާ ދެމެދުގެ ސޯލާ ހަކަތަ ނިޒާމު ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެސްޕަޔަރ އަދި އެރައިސް މަޝްރޫއުގެ ދަށުން ސޯލަރ ޕީވީގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވޭނެއެވެ.

Loading

One Response

Leave a Reply to dump Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް