އަޅުގަނޑާމެދު އަމަލުކުރަމުން އަންނަނީ ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއްގޮތަށް : މަހްލޫފް

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާއާމެދު އަމަލުކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ އުސޫލުން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެއީ ސިޔާސީގޮތުން ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމައްކަމަށާ އެކަމުގެ ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށެވެ.

”ފެށުނީއްސުރެވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި އަޅުގަނޑާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން“

މިނިސްޓަރު ވިދާޅުވީ ހިޔާނާތުގެ ތުހުމަތުކޮށް ކަތިލިޔަސް އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ނުދެކޭނެ ކަމަށެވެ.

އަދި ތަކުރާރުކޮށް ތުހުމަތު ކުރާއިރު މަޑުން ނުހުންނަވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ދެކޭނެ ކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދު ކޮށްގެން ނުހުރެވޭނެ،“ މަހުލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 33،000 ޑޮލަރު މަހުލޫފުގެ އެކައުންޓަށް ވަން މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިއްޔެ ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ މަހުލޫފުގެ އެކައުންޓަށް ހިޔާނާތުގެ ތުހުމަތުވާ ފައިސާ ޖަމާ ކުރީ، އޭނާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު، މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ.

ބިލް ފާސްކުރަން ވޯޓު ދެއްވުމަށްޓަކައި އޮގަސްޓް 27، 2014ގައި މަހްލޫފް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވީ މެލޭޝިޔާގައި ހުންނެވުމަށް ސީދާ ވޯޓަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބިލް ފާސްކުރަން މަހްލޫފް ވޯޓު ދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

”އެ ވޯޓަށް ފަހު އަހްމަދު އަދީބު އަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަހްމަދު މަހްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ.“ ބަޔާނުގައިވެ އެވެ.
މަހުލޫފު މީގެ ކުރިން ބުނެފައި ވަނީ އެ ފައިސާގެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ނަމަވެސް، އޭސީސީއިން ބުނެފައި ވަނީ އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާއެއް ނޫންކަން ހެކިންގެ ހެކިބަހުންނާއި ހެކި ގަރީނާއިން އެނގޭ ކަމަށެވެ

އަދި އެ ފައިސާ އަކީ އަދީބުގެ ކިބައިން ރިޝްވަތުގެ ގޮތުގައި މަހްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހްގީގަށް ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

މަހްލޫފަށް ލިބުނު ޑޮލަރަކީ ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއް ކަން ދެއްކުމަށްޓަކައި އޭސީސީއަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން މަހްލޫފް އޭސީސީ އަށް ހުށަހަޅާފައިވާ ”ޕޭމަންޓް ރިސީވްޑް“ ލިޔުމާއި، ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފްއާ ހަވާލުކޮށްފައިވާނެ ކަމަށް ވިދާޅުވެ މަހްލޫފް އޭސީސީއަށް ފޮނުވާފައިވާ ސިޓީއާއި ދެއްވާފައިވާ ބަޔާނަކީ ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށް ދެއްވާފައިވާ ބަޔާނެއް ކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ތަހުގީގަށް އެނގެން އޮތް ކަމަށް ނިންމާ، ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން މަހްލޫފްގެ މައްޗަށް ދެވަނަ ދައުވާ ދައުވާއެއް ކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

އޭސީސީން ކޮށްފައިވާ ތުހުމަތުއް ގޯސް ކުރައްވާ މަހްލޫފް ވިދާޅުވީ އެސްއީޑެޒް ބިލަށް ވޯޓް ދެއްވީ އޭރު ނިސްބަތްވަނީ ޕީޕީއެމްގެ މެންބަރަކަށްވާތީ ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތުމުން ކަމަށެވެ.

މިނިސްޓަޓަރު މަހްލޫފް ވިދާޅުވީ އޭސީސީ އަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް މި މައްސަލައިގަ ލިބިގެން ނުވާކަމަށާ އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުކަމަށެވެ.

އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށް ފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް ތިން އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ؟

މަހުލޫފް ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން އަދި ކޮމިޝަނާއި ފުލުހާއި ޕީޖީ އޮފީސް އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ގެންދާނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހެކި ކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެތި އަދި ބަޔާނަކީ ރާއްޖެ އާއި ލަންކާގެ ގާނޫނުތަކާއި ހިލާފަށް ހޯދާފައިވާ އަދި ނަގާފައިވާ ހެކިތަކެއް ކަމަށާ އެއީ ކޯޓަށް ބަލައިގަންނާނެވެސް ހެކިތަކެއް ނޫން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަށް ދާން މިވަގުތު ބޭނުން ނުވާ ކަމަށް ވެސް ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

Loading

2 Responses

Leave a Reply to Balhi Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް