މެލޭޝިޔާގެ ސައިބާރޖާޔާގައި ގަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށްފަހު އެމީހުންގެ ގަޔަށް ޑެޓޯލް ޖަހާފައިވާ މައްސަލަ އެ ގައުމުގެ މެޑިކަލް އެސޯސިއޭޝަނުންނާއި އިމިގްރޭޝަން ޑިޕާޓްމެންޓުން ކުށްވެރިކޮށްފިއެވެ.
ސަރުކާރުން މިފަދަ އަމަލެއް ހިންގަފާނެކަމަށް އުންމީދުވެސް ނުކުރާ ކަމަށާއި މިއީ ވަރަށް ހިތާމަވެރި މައްސަލައެއް ކަމުގައި މެލޭޝިޔަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް، ޑަޓުކް ސަބްރަމޭނިއަމް މުނިޔާންޑޭ ވަނީ ވިދާޅުވެފައެވެ.
މިކަން ކުރުމުގެ ކުރިން ސަރުކާރުން ސިއްހީ އެއްވެސް ޖަމިއްޔާއެއްގެ ލަފާ ހޯއްދަވާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އާލިމީ ވަބާއަކާއި ހަނގުރާމަ ކުރަމުންދާ މި ދުވަސްވަރުގައި ސަރުކާރުން މިފަދައިން އަމަލު ކުރުމުން ސިއްހީ އެހީތެރިން ކުރަމުންދާ މަސައްކަތަށް ނުހަނު އުނދަގޫވެގެން ދާނެކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މެލޭޝިޔާގައި ބިދޭސީ މަސައްކަތްތެރިންނާއި ރެފިއުޖީންގެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އިރު އެމީހުންނަށް ވެކްސިން ޖެހުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހިފައިވާ ފިޔަވަޅެއްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުން މިފަދަ އަނިޔާވެރި އަމަލުތައް ކުރަމުންދާ ކަމުގައި ވަނީނަމަ ބިދޭސީން ވެކްސިން ޖެހުމަށް ބިރުގަނެ އެކަމަށް އިންކާރު ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއްވެސް ތަފާތުކުރުމެއް ނެތި އެންމެން ގުޅިގެން މަސައްކަތްކޮށްގެން މެނުވީ މި އާލަމީ ވާބާއިން މިންޖު ނުވެވޭނެކަން އޭނާ ވަނީ ތަކުރާރުކޮށް ހަނދުމަފުޅުކޮށް ދެއްވާފައެވެ.