ކައިރި މުސްތަގުބަލެއްގައި މުޅި ދުނިޔެ ފެނަށްޖެހިދާނެ ކަމުގެ ވާހަކަ ބުނުމުން ގިނަ ބަޔަކު އެކަން ނަގަނީ ސަމާސައެއްގެ ގޮތުގައި ކަމަށާއި، މިކަމުގެ ހަގީގީ ބިރުވެރިކަން ގިނަ ބަޔަކަށް ނޭނގޭ ކަމުގައި ތުރުކީވިލާތުގެ ފަސްޓް ލޭޑީ، ބުދަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަފުޅުދައްކަވަމުން ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ އާރމިން އެރްދުޣާން ވިދާޅުވިގޮތުގައި އަދުގެ ޖީލު ތިމާވެއްޓާ މެދު ސަމާލުވުން ވަރަށް މުހިންމުކަމަށެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އޭނާ ވަނީ މި ޖަލްސާގައި ގިނަ ވާހަކަފުޅުތަކެއް ދައްކާފައެވެ.
މިގޮތުން ކުނި ނައްތާލުމުގައި ހަރުދަނާ ގޮތްތަކެއް ގެންގުޅުމަކީ ތިމާވެށި ރައްކާތެރި ކުރުމަށް އެޅޭ މުހިންމު ބިންގަލެއްކަމުގައި އޭނާ ވިދާޅުވިއެވެ. ޕްލާސްޓިކް ކުނި ތަންތަނަށް އުކާލުމުގެ ބަދަލުގައި ރާސައިކަލް ކުރިމަކީ ވަށައިގެންވާ މާހައުލު ރައްކާތެރި ކުރުމަށް އެޅިދާނެ ފިޔަވަޅެއްކަމަށް ވެސް ވިދާޅުވިއެވެ.
ތުރުކީގައި ޒީރޯ ވޭސްޓް ޕްރޮޖެކްޓްގެ ނަމުގައި ސަރުކާރުން ވަނީ ޕްރޮގުރާމެއް ފަށާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން 36 މަސްދުވަހުގެ ތެރޭގައި 234244 ކިލޯގްރާމުގެ ކުނި ރީސައިކަލްކޮށްފައި ވެއެވެ. މީގެއިތުރުން ގާތްގަނޑަކަށް 25572 ކިލޯގްރާމްގެ ގްރީންހައުސް ގޭސް ޖައްވައް ދޫކުރުން ހުއްޓުވާފައި ވާ ކަމަށާއި 850476 ކިލޯވޯޓްގެ ކަރަންޓާއި 3083 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވިފައި ވާކަންވެސް ފަސްޓްލޭޑީގެ ވާހަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މިއީ އުންމީދީ މަންޒަރެކެވެ. ޒުވާނުންގެ ބައިވެރިވުމާއެކު މި ޙަރަކާތް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ފުޅާކުރަން ގަސްތުކުރައްވާ ކަމުގައި ފަސްޓް ލޭޑީ އާރމިން އެރްދުޣާންގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވިއެވެ.