2040 ގެ ތަރައްޤީގެ އަމާޒަށް ވާސިލުވުމަށް މޫސުމީ އިންވެސްޓްމަންޓްތައް މުހިންމު: ޒަރީރު

Loading

Facebook
Twitter
WhatsApp

2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި، އިއާދަކުރަނިވި ހަކަތައާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން އިންވެސްޓްކުރަންޖެހޭ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.


މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ.
ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައާއި ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުގެ ދިރުންތަކުގެ ދައުރު ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ފައިނޭންސް ކުރުމުގައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
”މޫސުމީ ނުރައްކަލަކީ އިޤްތިޞާދީ ނުރައްކަލެއް. އަދި އިޤްތިޞާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން،“ ޒަރީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ޚިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓާއި، ބައިނަލްއަޤްވާމީ އެހީއާއި، ލުއި ލޯނުގެ އެހީ އަދިވެސް ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން، އަންނާން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެހެން، މިފަދަ ބޭނުންތައް ފުއްދުމަށް އަމިއްލަ ފަރާތްތަކުގެ ކެޕިޓަލް އިންވެސްޓުމެންޓުތަކާއި އަދި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް މުޙިއްމުކަން މިނިސްޓްރު ފާހަގަކުރެއްވިއެވެ.
2028ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާނެ ކަމަށާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމުން އިމްޕޯޓްކުރާ ތެލަށް ރާއްޖެ ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް މިނިސްޓްރ ޒަރީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ”ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް“ އާއި ”ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ“ ކުރިއަށްގެންދާކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ ފަރާތެއްގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) އެކްރެޑިޓްވުމަކީ، ބައިނަލްއަޤްވާމީ މޫސުމީ ފަންޑުތައް ހޯދުމަށް ލިބުނު އިތުރު ބާރެއް ކަމަށް ވިދާޅުވެ އެކުންފުންޏަށް މިނިސްޓަރ މަރުހަބާ ވިދާޅުވިއެވެ.
ދެމެހެއްޓެނިވި މަޝްރޫޢުތަކަށް ޚާއްޞަ މާލީ އުފެއްދުންތައް ތަޢާރަފުކުރުމަށް ބޭންކުތަކަށް އިލްތިމާސްކުރައްވައި، ވިޔަފާރިތަކުން ކާމިޔާބު ކުރެވޭނެ ފަދަ ޕްރޮޕޯޒަލްތައް ހުށަހެޅުމަށްވެސް މިނިސްޓަރުގެ ވަހާކަފުޅުގައި އެދިވަޑައިގެންނެވިއެވެ. ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެކިރަންވާނީ ހިންގޭ މަޝްރޫޢުތަކާއި އޭގެ ނަތީޖާއިން ކަމަށާއި، އޭގެ ތެރޭގައި ވަރުގަދަ އުމްރާނީ ވަސީލަތްތަކާއި، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމާއި، ދިވެހިންނަށް ލިބޭ މާލީ ރައްކާތެރިކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، ތަރައްޤީގެ ބައިވެރިންނާއި، މަދަނީ ޖަމްޢިއްޔާތައް އެއްތަންކުރާ ފޯރަމެކެވެ. މިއަހަރު މި ފޯރަމް ބާއްވަނީ 13 ވަނަ ފަހަރަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް